ފުށިދިއްގާ

ފުށިދިއްގާއަށް ފުލުހުން އަރައި މައްސަލަ ބަލަނީ

އދ. ފުށިދިއްގާގެ ބެލެނިވެރިކަމުގެ މައްސަލަ ކޯޓްގައި ހިނގަމުން ދަނިކޮށް އެ ރަށުން ބަޔަކު މާލީ މަންފާ ހޯދާ މައްސަލައާ ގުޅިގެން ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެ ރަށަށް އަރައިފި އެވެ.

ފުުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ފުށިދިއްގާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށައް ގޮސްފައިވާ ކަމަށެވެ. އަދި އެ ރަށުގައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުށިދިއްގާއަކީ ކުރީ ސަރުކާރުން ދެ ކުންފުންޏަކަށް ބޮޑު އަގުގައި ވިއްކާލާފައިވާ ރަށެކެވެ. ދެ ނަމެއްގައި އެ ރަށަށް ދެ ކުންފުންޏަކަށް ވިއްކާލާފައިވާތީ ރަށުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ކޯޓްގައި ދަނީ ހިނގަމުންނެވެ.

ނަމަވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށް ވަރުވާއަށް ގެންގުޅުނު ފަރާތުން ދަނީ އެ ރަށައް ފަތުރުވެރިން ގެނެސް މާލީ މަންފާ ހޯދަމުންނެވެ. އެކަމާ ގުޅޭގޮތުން އަވަސްއިން އިއްޔެ ވަނީ ހާއްސަ ރިޕޯޓެއް ވެސް ލިޔެފަ އެވެ.

ފުށިދިއްގާގެ ބެލެނިވެރިކަން ހޯދަން ތިން ޕާޓީއަކުން މަސައްކަތް ކުރަމުންދާއިރު، އެ މައްސަލަ އޮތީ އަދިވެސް ކޯޓްގަ އެވެ. މިރަށަށް ވެފައި އޮތް ގޮތެއް ސަރުކާރަކަށް މުޅީން ސާފެއް ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެ ރަށް ވިއްކާލި ދެ ކުންފުނިން ވަނީ ދައުލަތަށް ފައިސާ ދައްކާފަ އެވެ. އެ ދެ ކުންފުނިން ދެއްކި ފައިސާއަށް އެއިން ކުންފުންޏަލަށް ރަށެއް ވެސް އަދި އެއްވެސް ބަދަލެއް ލިބިފައެއް ނެތެވެ. އެއާ ހިލާފަށް އެހެން ފަރާތަކުން ގެންދަނީ ރަށުގައި ދެ ބިދޭސީއަކު ބައިތިއްބައިގެން މާލީ މަންފާ ހޯދަމުންނެވެ. ޕިކްނިކް އައިލެންޑެއް ނުވަތަ ރިސޯޓެއްގެ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ރަށުން އެމީހުން ގެންދަނީ މާލީ މަންފާ ހޯދަމުންނެވެ.

ބަންގްލަދޭޝްގެ ދެ މީހަކު ބައިތިއްބައިގެން ރަށަށް ފަތުރުވެރިން ގެންގޮސް އެ ރަށުން ހިދުމަތްދެ އެވެ. އެ ރަށުގައި ފަތުރުވެރިން ބައިތިއްބާނެ ތަންތަން ހަދާފައިވެއެވެ. އެ މީހުންނަށް ކެއިން ބުއިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވެއެވެ. ރަށަށް އެރެނީ ވެސް ބޮލަކަށް 10 އެމެރިކާ ޑޮލަރު ދައްކައިގެނެވެ. އަދި ރަށަށް އެރުމަށް ފަހު ހޯދާ ކޮންމެ ހިދުމަތަކަށް ފައިސާ ދޭންޖެހެ އެވެ.

މި މައްސަލާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ އެފަދަ ކަމެއް އެ ރަށުގައި ހިނގާ ކަމެއް ނޭނގޭ ކަމަށެވެ. އަދި އަހަރު ދުވަސްވަންދެން ބަޔަކު އެ ރަށުން މާލީ މަންފާއެއް ހޯދާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ވެސް ނެތް ކަމަށެވެ.

ފުށިދިއްގާ ކުރީ ސަރުކާރުން ފުރަތަމަ ވިއްކާލީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ރަށް ވިއްކާލީ ތިން މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން ވަނީ ސަރުކާރަށް 1.5 މިލިއަން ޑޮލަރު ދައްކާފައެވެ. އެޗްއެމްއެޗްއައިއަށް އެ ރަށް ވިއްކާލީ ރަތްދިއްގާގެ ނަމުގަ އެވެ. އަދި ފަހުން ސަރުކާރުން ވަނީ މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް ވެސް އެ ރަށް ވިއްކާލާފައެވެ. ފުށިދިއްގާގެ ނަމުގައި އެ ރަށް އެ ކުންފުންޏަށް ވިއްކާލީ ހަ ލައްކަ ޑޮލަރަށެވެ. އެ ކުންފުނިން ވަނީ އެ ފައިސާ ވެސް ދައުލަތަށް ދައްކާފަ އެވެ.

މޯލްޑިވިއާނާއިން ބުނީ އެ ކުންފުނިން ސަރުކާރާއެކު ކޮށްފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާފައިވާނެ ކަމަށެވެ. މީގެ ކުރިން އެ ރަށް އެހެން ބަަޔަކަށް ވިއްކާލާފައި ވަނީ މޯލްޑިވިއާނާއަށް ރަށް ވިއްކާލި ފަހުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ ކުރިން ސްޕްރީމް ކޯޓުން ވަނީ މައްސަލަ ނިމުމުގެ ކުރިން ފުށިދިއްގާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ ރަށުން އެއްވެސް ބަޔަކު މާލީ މަންފާ ހޯދަން މަސައްކަތެއް ނުކުރުމަށް ވެސް އަމުރުކޮށްފަ އެވެ.