ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެހެން ބަޔަކާއެކު ދެއްކެވި ވާހަކަތަކެއް ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ރެއިން ފެށިގެން ބުރި ބުރިއަށް ލީކް ކުރަމުންދާއިރު މިއަދު ވަނީ އޭގެ އިތުރު އޯޑިއޯއެއް ލީކް ކޮށްލާފަ އެވެ. ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތު ގެންގުޅޭ ސަރުކާރުގެ މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި ދެކެވެނީ ކޮރަޕްޝަނެއްގެ ވާހަކަ އެވެ.
ލީކްކޮށްލާފައިވާ އާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާގެ އިތުރުން ދެން އިވެނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހާގެ އަޑެވެ.
އޭނާ ބުނަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަނެދޭ ވާހަކަ އެވެ. "ބްރޭންޑް ނިއު" ގެ ނަމުގައި އަގު ހެޔޮކޮށް ވެހިކަލްތައް ގަނެދޭން ވިސްނާ ކަމަށެވެ. އަދި އެކަން ފަނި ކުރަން ބަޔަކު އުޅޭ ކަމަށް ވެސް އޭނާ ބުނާ އަޑުއިވެ އެވެ.
ފުލުހަށް މައްސަލަ ހުށަހަޅައިފާނެ ކަމަށް ވިދާޅުވުމުން އަލީ ވަހީދު ކަމަށް ބުނާ މީހާ ހަޑިހުތުރު ބަސްތަކެއް ވެސް ބޭނުން ކުރެ އެވެ. އަދި ސުޕްރީމް ކޯޓުގެ އެސްޖީއަށް އަމާޒުކޮށް ވެސް އެފަދަ ބަސްތަކެއް ބޭނުން ކުރެ އެވެ.
އޭގެ ފަހުން އަޑުބަރޭ ކަމަށް ބުނާ މީހާ ވަނީ ދަރަނިތަކެއް ދައްކާ ނިންމުމަށް ކޮންމެ ވެސް ކަމަކުން އަށް ލައްކަ ރުފިޔާގެ ކަޓެއް ނެގުމާ ގުޅޭ ވާހަކަތަކެއް ދައްކާފަ އެވެ. އެ ވާހަކަތައް އެހާ ސާފެއް ނުވެ އެވެ.
އޯޑިއޯ ލީކްވެފައިވާއިރު ރޭ މިނިސްޓަރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްވާ ގޮތަށް ހަޑި ހުތުރު ބަސްތަކެއް އަމާޒުވި ކުރި އޯޑިއޯއާއެކު އެވެ.
އޭގެ ފަހުން ރޭ ވަނީ އިތުރު ދެ އޯޑިއޯއެއް ލީކްވެފަ އެވެ. އޭގެ އެއް އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް އަމާޒުކޮށް ހުތުރު ބަސްތައް ބޭނުން ކުރެ އެވެ.
އަނެއް އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއަށް ކުރެއްވި ފޯނު ކޯލެއްގެ އަޑު އިވޭ އޯޑިއޯއެކެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ވަނީ މިނިސްޓަރު ނަހުލާއަށް "ފްލާޓް" ކުރައްވާ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އަދި ފޯނު ބޭއްވުމުން ވެސް ހުތުރު ބަސްތައް ވެސް ބޭނުން ކުރައްވަ އެވެ.
ފަހުން ލީކްވި އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު އެއްޗެއް ވިދާޅުވެއް ނުވެ އެވެ.
އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ތިބިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެއްކަން ދައްކާ ވާހަކަތަކުން އެނގެ އެވެ. މި މައްސަލަތައް ކޮރަޕްޝަނާ ހަމައަށް ގޮސްފައިވާއިރު މިކަން ބެލުމަށް ޓްވިޓާގައި މީހުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އޮފިޝަލަކު މިހާތަނަށް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.