ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި ކުރިއަށް ގެންގޮސް ދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފި އެވެ.
ޖޭއެސްސީގެ ސެކްރެޓްރީ ޖެނަރަލް އަވަސްއަށް ވިދާޅުވި ގޮތުގައި އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރު އާދަމް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ މެދު މާދަމާ ބާއްވާ ޖޭއެސްސީގެ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭއެސްސީއިން ވަނީ ފަނޑިޔާރު އާދަމް އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތައް ބަލަން މިދިޔަ ހަފުތާގެ ތެރޭގައި ނިންމާފަ އެވެ. އަދި އެ ފަނޑިޔާރުންނަށް ޗިޓް ވެސް ވަނީ ފޮނުވާފަ އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.
މި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ޖޭއެސްސީއިން ހާޒިރުވުމުގެ ޗިޓް ފޮނުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ޖޭއެސްސީއާ ދެކޮޅަށް ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. ޖޭއެސްސީއިން އުޅެނީ ޝަރުއީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅޭ މައްސަލަތައް ޖޭއެސްސީއަަށް ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެ ބަޔާން އުއްތަމަ ފަނޑިޔާރު ނެރުއްވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައިވާ ކަމަަށް ބުނެ ޖޭއެސްސީއިން ވަނީ ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ.
މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވެވަޑައިނުގެންނެވި އެވެ.