ވިޔަފާރި

ބީއެމްއެލްގެ ހިދުމަތް ފުރިހަމަ ކުރަން ޓެކްނޮލޮޖީއާ ދިމާލަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތަށް ފުރިހަމަ ކުރަން ޓެކްނޮލިޖީގެ އާ ވަސީލަތްތައް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކް އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާ ހާމަކުރަން ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން، ސީއީއޯ ވިދާޅުވީ ޓެކްނޮލްޖީގެ ރޮނގުން ބޭންކް ކުރިއަށް ގެންދިއުމަށް އިންވެސްޓް ކުރަމުންދާ ކަމަށެވެ.

"އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިން ހިދުމަތް ހޯދަމުން ދާ ކަސްޓަމަރުންގެ ބޭނުން ތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ހިދުމަތް ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް. ޒަމާނީ ޓެކްނޮލޮޖީ އާއެކު މިއަދު އަޅުގަނޑާއި ތިޔަ ބޭފުޅުން ބޭންކިން ހިދުމަތް ހޯދާ ގޮތްތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ. ކުރިއަށްތަނުގައި ވެސް ބޭންކުން ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް އަދި ހަމަ އެހެންމެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް މިހާރަށް ވުރެ ލުއި ފަސޭހަކަން ގެނެސް އިތުރު ފުރުސަތު ތަކެއް ދިނުމަށް ވެސް މަސައްކަތް ކުރާނަން،" ޓިމް ވިދާޅުވި އެވެ.

ސީއީއޯ، ޓިމް އިތުރަށް ވިދާޅުވީ ސެލްފް ސާވިސް ބޭންކިން ހިދުމަތްމާއި ޕޭމަންޓު ގޭޓްވޭތައް މެދުވެރިކޮށް އީކޮމާރސްގެ ހިދުމަތްތައް ފުޅާ ކުރާނެ ކަމަށެވެ. މީގެ އިތުރުން އޮންލައިން ހިދުމަތްތައް ތައާރަފުކޮށް މޮބައިލް ވޮލެޓް ހިދުމަތާއި ބައިނަލްއަގްވާމީ މަނީ ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރުކޮށް ދެމުންދާ ކަމަށެވެ. އެ މަނިކުފާނުގެ އުންމީދަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތް ތަކެއް ފޯރުކޮށްދީ، ޑިޖިޓަލްކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.