އެމްއެމްޕީއާރުސީގެ ހިޔާނާތް

ބޮޑު ހިޔާނާތާ ގުޅުންހުރި ފުލުހުންތަކެއްގެ މައްސަލަ ބަލަނީ

Oct 22, 2019
2

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތުތަކެއް ބަލަން ފަށާފައިވާ ކަމަށް ފުލުސް އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތަކެއްގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން ގެންދާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމުގައި ޝާމިލުވާ ފުލުހުންގެ އަދަދު ހާމަކުރަން ދަތި ކަމަށާއި އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

"ތަހުގީގު ކުރެވޭ ފުލުހުންގެ ތެރޭގައި އެކި ގިންތީގެ ފުލުހުން ހިމެނޭ. މީގެ ތެރޭގައި ފުލުހުންގެ ނޮން ކޮމިޝަންޑް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުން އަދި އެކްޒެކެޓިވް ލެވެލްގެ ފުލުހުން ވެސް ހިމެނޭ،" ފުލުހުން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާ އިހުމާލު އޮތް ކަމަށް އޭސީސީގެ އިތުރުން އެ މައްސަލައިގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގަ އާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލީހުގެ އެހެން މެންބަރުންގެ ތެރޭގައި ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.