ހަބަރު

ގެއްލުމުގެ ބަދަލު ކަނޑައެޅި ގޮތް ސާފު ނުވާތީ ހުކުމެއް ބާތިލްކޮށްފި

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ބަންދު ކުރާ މީހުންނަށް ކެއުން ފޯރުކޮށްދޭންވީ އެއްބަސްވުމެއް ފުލުހުންގެ އިދާރާއިން އުވާލުމާ ގުޅިގެން ދޭން ޖެހުނު ގެއްލުމުގެ ބަދަލު ކަނޑައެޅި ގޮތް ސާފު ނުވާތީ ހައިކޯޓު ދެކުނު ގޮފިން އެ ހުކުމް ބާތިލްކޮށްފި އެވެ. ބާތިލް ކުރީ ވިލިނގިލީ ކޯޓުން އިއްވާފައިވާ ހުކުމެވެ.

ވިލިނގިލީ ކޯޓަށް މައްސަލަ ހުށަހެޅީ ފާސްޓް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ދިޔައީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަނުންނެވެ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ކެއުން ފޯރުކޮށްދިނުމަށް ފުލުހުން ހަވާލުކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާ އެވެ. އެ ކޯޕަރޭޝަނުން އެ މަސައްކަތް ސަބް ކޮންޓްރެކްޓްކޮށް ފާސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެވެ.

އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޝަކުވާ ހުށަހެޅި އެވެ. ތިންވަނަ ފަރާތަކަށް ހަވާލުކޮށްގެން މަސައްކަތް ކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމާއި އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތާއިދު ކުރާ މީހެއްގެ ނުފޫޒުގައި ކުރަމުންދާ ކަމެއް ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީއިން އެންގީ ވެލްވެއާ ކޯޕަރޭޝަނާއި ފާސްޓް ކުންފުންޏާ ދެމެދުވާ އެއްބަސްވުން ބާތިލް ކުރުމަށެވެ. އެއީ ތިންވަނަ ފަރާތަކާ މަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ އެއްބަސްވުމާ ހިލާފަށް ކަމާއި އޭގެ ސަބަބުން ދައުލަތަށް ގެއްލުންވަމުންދާ ކަމަށް ބުނެ އެވެ.

އޭސީސީގެ އެންގުމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ ވެލްފެއާ ކޯޕަރޭޝަނަށް އެއްބަސްވުން އުވާލުމަށް ނޯޓިސް ފޮނުވާފަ އެވެ. އެ ނޯޓިހާއެކު ވެލްފެއާ ކޯޕަރޭޝަނުން ވެސް ފާސްޓް ކުންފުންޏަށް ނޯޓިސް ފޮނުވައި އެއްބަސްވުން އުވާލި އެވެ. އެކަމަކު ފާސްޓް ކުންފުނިން ކޯޓަށް ދިޔައީ އެ ކުންފުނިން އެއްބަސްވުމާ ހިލާފު ނުވަނީސް އެއްބަސްވުން އުވާލުމުން ގެއްލުންވާ ކަމަށް ބުނެ އެވެ. ފަސް އަހަރު ދުވަހަށް ހެދި އެ އެއްބަސްވުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވާލުމުން 14 މިލިއަންގެ ގެއްލުންވާނެ ކަމަށް ބުނަމުންނެވެ. ކުންފުނިން ބަދަލުގެ ނަގައިދިނުމަށް އެދުނީ އޭގެ 20 ޕަސެންޓް ކަމަށްވާ ދެ މިލިއަން ރުފިޔާ އެވެ.

ވިލިނގިލީ ކޯޓުން އެ ބަދަލު ނަގައިދިނީ އެއީ ޝަރީއަތަށް ގަބޫލު ކުރެވޭ ފަދަ ބަދަލެއް ކަމަށް ބުނެ އެވެ. އަދި އެއްބަސްވުމާ ފާސްޓް ކުންފުނިން ހިލާފު ނުވާއިރު އެއްބަސްވުން އުވާލުމުގެ ބަދަލު ވެލްފެއާ ކޯޕަރޭޝަނުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅަމުންނެވެ.

އެ މައްސަލަ ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަނުން ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފުކުރުމުން އިއްވާފައިވާ ހުކުމްގައި އެންމެ ބޮޑަށް ފާހަގަ ކުރި ކަމަކީ ގެއްލުމުގެ ބަދަލު ވަޒަންކުރި ގޮތް ދަށު ކޯޓުގެ ހުކުމްގައި ސާފުކޮށް ނެތުމެވެ.

ހައިކޯޓު ހުކުމްގައި ފާހަގަކުރި ގޮތުގައި ގެއްލުމުގެ ބަދަލުގެ އަދަދު ޖަހައި ހިސާބު ކުރެވި ނުވަތަ ވަކި ފޯމިއުލާއެއްގެ މައްޗަށް ބުރެވެ އަންދާޒާކޮށްފައިވާ އަދަދެއްކަން އެނގެން ނެތް ކަމަށެވެ. އެއްބަސްވުމުގައި ވަކި ގޮތެއްގައި ކަނޑައަޅާފައި ނެތް ހާލަތްތަކުގައި ބަދަލުގެ އަދަދު ކަނޑައަޅަން ޖެހޭނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާންކުރާ ފަދައިން ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެގޮތުން ގާނޫނުގައި ބުނާ ގޮތުން އެއްބަސްވުމާ ހިލާފުވެގެން ދޭން ޖެހޭ ބަދަލު ވާން ޖެހޭނީ ސީދާ ގެއްލުމުގެ ބަދަލަށް ނޫނީ ލިބިދާނެ ކަމަށް އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމަށެވެ. ހުކުމްގައި ބުނީ އިންސާފުވެރި ބަދަލެއް ކަނޑައެޅުމަށްޓަކައި އެ ފަރާތަކަށް ގެއްލުން ލިބިފައިވާ ގޮތާއި މިންވަރު ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ހުށަހެޅުމަކީ ގެއްލުންވީ ފަރާތުން އުފުލަން ޖެހޭ ބުރައެއް ކަމަށެވެ.

ނަމަވެސް މި މައްސަލާގައި ފާސްޓް ކުންފުންޏަށް ލިބުނު ސީދާ ގެއްލުން އެނގެން ނެތް ކަމާއި ފޯސެއަބަލް ޑެމޭޖަސް ނުވަތަ ލިބިދާނެކަމަަށް އެނގިފައިވާ ގެއްލުމަކީ ކޮބައިކަން ބެލިފައި ނެތް ކަމަށް ހަައިކޯޓު ހުކުމްގައި ފާހަގަކުރި އެވެ. އޭގެއިތުރުން ގެއްލުމުގެ ބަދަލު ނަގައިދޭނެ ދުރުމިނާއި ގެއްލުން ކުޑަ ކުރުމަށް އަނެއް ފަރާތުން ކުރި ކަމަކީ ކޮބައިކަން ވެސް ޝަރީއަތުން ބަލަން ޖެހޭ ކަމާއި މި މައްސަލާގައި އެކަން ވެސް ބަލާފައި ނެތް ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރަން ޖެހުނު މައިގަނޑު ސަބަބަށް ވެސް ވިލިނގިލީ ކޯޓުން ބަލާފައި ނުވާކަން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރި އެވެ. އެގޮތުން މި މައްސަލާގައި އެއްބަސްވުން ބާތިލް ކުރަން ޖެހުނީ އޭސީސީއިން އެންގި އެންގުމެއްގެ މައްޗަށް ކަމަށާއި އެއީ ފުލުހުންގެ އަތް މަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. އެ ހާލަތަކީ އެއްބަސްވުން ފްރަސްޓްރޭޓް ވެގެންދާނެ ހާލަތެއް ކަމަށެވެ.

ކޮންޓްރަކްޓާ ބެހޭ ގާނޫނުގައިވާ ގޮތުގައި ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ނުވަތަ ގާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަމެއް ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެ ހިނދެއްގައި ބެލޭނީ އެ ކޮންޓްރެކްޓް ނިމުމަކަށް ދިޔައީ ކަމަށެވެ. ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަނުން ދިފާއުގެ ގޮތުގައި މި ނުކުތާ ފާހަގަކޮށްފައިވެސްވެ އެވެ. ނަމަވެސް ވިލިނގިލީ ކޯޓުން ހުކުމް ނެރުމުގައި އެކަމަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.

ވިލިނގިލީ ކޯޓުގެ ހުކުމްގައި މިފަދަ މުހިންމު ކަންކަމަށް ރިއާޔަތްނުކޮށް ދެ މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ އޮތުމަކީ ބާތިލް ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައަޅައެޅި އެވެ. މި ހުކުމް ކުރައްވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.