ހަބަރު

ހައްލުތަކާއި ފިޔަވަޅުތަކާއެކު ރުއްގަހުގެ ދިފާއުގައި ގަރާރެއް

ފުޅާ ދާއިރާއެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކިބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ބިންހިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށް ގެންދާތީ ރައްޔިތުންގެ މަޖުލީހަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މެންބަރު އަލީ ހުސެއިން މި ގަރާރު ހުށަހެޅުއްވީ މިފަހުން ވެސް ރަށްރަށުން ރުއް ނެގުމުގެ މައްސަލަތަކެއް ފެންމަތިވެ، އެކަމާ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި ގަރާރުގައި އެ މައްސަލައަށާއި އެކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ބަލާލާފައިވެ އެވެ. މިއަދު މަޖިލީހުގައި މި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

ގަރާރުގައި ބުނެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން ތަރައްޤގީ ކުރަމުން އަންނަ ރިސޯޓުތަކަށް ގެންދާ މައްސަލަ މިވަނީ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށާއި ރަށްރަށުގައި އެކި ކަހަލަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ ރުއްގަސް މުލުން ލުހެގެން ގެންދިއުން އާންމުކަމަކަށް ވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރެވުނު ފަޅުތަކާއި ފަރުތައް ހިއްކައި އެތަން ތަނުގައި އާޓިފިޝަލް ރަށްތައް ހެދުނު ހިސާބުން ފެށިގެން ކަމަށެވެ.

ގަރާރުގައި ބުނީ އާޓިފިޝަލް ރަށްތައް ހަދަން ރުއްތައް ނަގައިގެން ގެންދާތީ، ރައްޔިތުން ފާޅު ކުރަމުންދިޔަ ނުރުހުމުގެ ސަބަބުން ދެން ފެނިގެން ދިޔައީ ހެދިފައި ހުރި ގަވާއިދުތަކުގައި ހުރި ބާގަނޑުތައް ބޭނުންކޮށް ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބެލުމަށް ތައްޔާރުކުރާ ރިޕޯޓް (އީއައިއޭ) ތަފާތު އެކި ތަރައްގީގެ ޕްރޮޖެކްޓް ހިންގުމަށް ކަމަށް ބުނެ ގިނަ އަދަދަށް ރުއްގަސް ނަގަން ޖެހޭ ގޮތަށް ފަރުމާ ކުރަންފެށިތަން ކަމަށެވެ. އެގޮތުން ރަށްރަށުގެ ގަސްބޯ ވަލު ތެރޭގައި މަގު ހެދުމާއި ރަށްރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި ރުއްގަސް ނަގަން ޖެހޭ ގޮތަށް ރިންގް ރޯޑް ހެދުން ފަދަ "ތަރައްގީ"ގެ ނަމުގައި ރަށުގެ ވިލުންވެރިކަމަށް ބުރޫއަރާފަދަ މަޝްރޫއުތަކަށް އީއައިއޭ ހަދައި ރުއްގަސް ނެގުމަށް މަސައްކަތްކޮށް ކާމިޔާބު ކޮށްފައިވެސް އެބަހުރި ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމަކީ މި ސަރުކާރުން އާންމުކޮށްފައިވާ ސިޔާސަތުތަކާއި ވެފައިވާ ވައުދާ ހިލާފު ކަމެއް ވިޔަސް މިދިޔަ ހަފުތާގެ ތެރޭގައި ވެސް ހއ. ބާރަށުން 600 ރުއް ނަގަން ނިންމައި 100 ރުއް ބޭރުކޮށް އަދި ހއ. ކެލާއިންނާއި ށ.ފޯކައިދޫއިން ސީދާ އަދަދު ހާމަކޮށްފައިނުވާ އަދަދަކަށް ރުއްނަގާ ބޭރުކޮށްފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އޭގައި ކަންބޮޑުވާންޖެހޭ ސަބަބަކީ ހއ. ކެލާ އިން ރުއްގަސް ނެގުމުގެ ހަރަކާތް ކުރިއަށްދިޔައީ ހުއްދަ ހޯދުމެއް ވެސް ނެތި ކަމެވެ. އަދި އީޕީއޭއިން މިކަންހުއްޓުވާފައިވަނީ ރައްޔިތުންމިކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

ހައްލުތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް

ގަރާރުގައި ބުނީ މި އަހަރުގެ މެއި މަހު އެންވައިރަމަންޓް މިނިސްޓްރީއާއި އީޕީއޭ ބައިވެރިވެ ރުއްގަސް އުފުރުމާބެހޭ އާގަވައިދާ ހިއްސާކޮށް ބޭއްވި އާންމު ބައްދަލުވުމުގައި ހާމަވެގެންދިޔައީ އެ ގަވައިދަކީ ރުއްގަސް ހިމާޔަތްކުރުމުގެ ބަދަލުގައި އުފުރައިގެން ރިސޯޓުތައް ފެހިކުރަން ގެންދިއުން ފަހިކޮށްދިނުމަށް ފަރުމާކުރެވިފައިވާ ގަވައިދެއްކަމެއް ކަމަށެވެ. ބައްދަލުވުމުގައި ރައްޔިތުން ހިއްސާ ކުރި ހިޔާލުތަކަށް ބިނާކޮށް ގަވާއިދު މިހާތަނަށް އިސްލާހު ކުރެވިފައި ނުވެއެވެ.

އެހެން ކަމުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަދި ރަށްރަށުގެ ނާޒުކު ތިމާވެއްޓާއި ދެމެހެއްޓެނިވި އާމްދަނީ ލިބޭ ގުދުރަތީ ވަސީލަތްތަކާއި ހުނަރުވެރި މަސައްކަތްތައް ސަލާމަތް ކުރުމަށްޓަކައި ތަރައްގީގެ މަޝްރޫއަކަށް ކޮންމެހެން ނަގަން ޖެހޭ ރުއްގަސް އިންދަންޖެހޭނީ އެރަށެއްގައި ނުވަތަ އުފުރާސަރަހައްދާ އެންމެ ކައިރިން އޮތް އާންމު ތަނެއްގައި ކަމަށް ކަނޑައަޅާ މިހާރުއޮތް ގަވާއިދު މިހާރުން މިހާރަށް އިސްލާހު ކުރަން ޖެހޭކަން ގަރާރުގައި ފާހަގަކުރި އެވެ.

އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ކައުންސިލްތަކަށް ފޯރުކޮށްދީގެން ނުވަތަ ކޮންމެހެން ނަގަންޖެހޭ ރުއް ގަސް މީހުން ދިރިއުޅޭ ރަށެއްގެ އާންމު ދަރަހަދަށް ބަދަލު ކުރުމުގެ ހިދުމަތް ސަރުކާރު ހިއްސާ އޮންނަ ދާއިރާގެ ކުންފުނިތައް މެދުވެރިކޮށް ރަށްރަށަށް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މިގޮތަށް ރޭވިއްޖަނަމަ ރަށުން ނަގަނީ ކޮންމެހެން ނަގަން ޖެހޭ ގަހެއް އަދި ރުކެއް ކަން ޔަގީން ކުރެމުގެ އިތުރުން ސަރުކާރުގެ ރަށްފެހި ވައުދު ހާސިލް ކުރުމަށް ލިބޭ ބާރަކަށްވެސް ވާނެ، އަދި ހިޔާނާތަށް އެއްބާރުލުން ނުދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ލިބޭ ފުރިހަމަ ކަމަކަށްވެސް ވާނެ،" ގަރާރުގައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ރުއްގަސް ނެގުމުގެ ކަންތައް މިހާ ފުޅާކޮށް ހުއްޓުމެއްނެތި ދިމާވާން މެދުވެރިވާ ހުރިހާ ސަބަބެއް ހޯދައި ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ. އެގޮތުން ކުރުން އެންމެ މުހިންމު އެއް ކަމަކީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަލާ ރިޕޯޓް (އީއައިއޭ) ތައްޔާރު ކުރުމުގައި ހުރި މައްސަލަތައް އަދި ދެކޮޅު ނުޖެހޭ ކަންތައްތައް ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުން ކަމަށެވެ. އަދި ހަމަ އެހެންމެ ތިމާވެއްޓާބެހޭ ދައުލަތުގެ އޮފީސްތައް އަދި ހިންގުން ހަރުދަނާ ކުރަން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.