ޖިނާއީ ތަހުގީގުތައް ހިންގުމުގެ ބާރުދޭ އޮފީހެއް ގާއިމް ކުރުމަށް ހިމަނައި އިންތިގާލީ އިންސާފުގެ ބިލް ބަންޑާރަ ނައިބުގެ އޮފީހުން ޑްރާފްޓްކޮށް ނިންމައި ރައީސް އޮފީހަށް ފޮނުވައިފި އެވެ. އިންތިގާލީ އިންސާފު ގާއިމްކުރުމަށް ގާނޫނެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވި މި ބިލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.
މި މުއްދަތަކީ އެމްޑީޕީގެ ސަރުކާރު ވެއްޓި، އަލުން އެމްޑީޕީއަށް ވެރިކަން ލިބުމާ ދެމެދު ހިނގައިދިޔަ މުއްދަތެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި މި ބިލުން ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ.
އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބުޑްސްމަންގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހާ މަސްއޫލިއްޔަތުތަކެއް ހަވާލު ކުރުމަށް ވަނީ ބިލްގައި ހިމަނާފަ އެވެ.
އެގޮތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ މި އޮފީހުގެ ޒިންމާއެކެވެ.
ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަންނަން ވެސް ޖެހޭނެ އެވެ.
އޭގެއިތުރުން އޮމްބުޑްސްމަންގެ އޮފީހުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވަން ވެސް ޖެހޭނެ އެވެ.
އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ވެސް ފޮނުވަން ޖެހޭނެ އެވެ.
އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އާ އޮފީހުގެ ޒިންމާއެކެވެ.
ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ކުރިއަށް އޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުމަކީ ވެސް އޮމްބަޑްސްމަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.