ހަބަރު

އަދީބުގެ ޝަރީއަތް ލައިވް ކުރަން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އަލަށް އުފުލި ދައުވާތަކުގެ ޝަރީއަތް ޓީވީއިން ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް އޭނާގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

އަދީބުގެ ވަކީލް މަހުފޫޒު ސައީދު އަވަސްއަށް ވިދާޅުވި ގޮތުގައި އަދީބު ވަނީ އޭނާއަށް ކޮށްފައިވާ ހުރިހާ ދައުވާއެއްގެ ޝަރީއަތް ވެސް ލައިވްކޮށް ދިނުމަށް ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގައި އެދިފަ އެވެ. އެގޮތަށް އެދިފައިވަނީ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާތީ އެވެ.

އަދީބު މިގޮތަށް އެދިފައިވާއިރު މިހާތަނަށް ރާއްޖޭގައި ޓީވީއިން ލައިވްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތެވެ. އެ ޝަރީއަތުގައި އަދީބު ހެކި ބަސް ވެސް ދީފައިވެ އެވެ. ލައިވްކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތުގައި ދެން އޮތީ ހުކުމް އިއްވުމެވެ.

އަދީބުގެ މައްޗަށް މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލި އެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.

އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.

އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށްދާއިރު އެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އޭނާ ބަހައްޓާފައި ހުރީ ގޭބަންދުގަ އެވެ.

އަދީބުގެ މައްޗަށް ހިޔާނާތުގެ ހަތް ދައުވާތައް އުފުލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އިންޑިއާއަށް ފިލައިގެން ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ފިއްލަވަން މަސައްކަތް ކުރެއްވީ ވަކި ބަޔަކާ ދެކޮޅަށް ބަޔާން ދޭތީ އިންޒާރުތައް އަންނަ ކަމަށް ވިދާޅުވެ އެވެ.

އަދީބު ވަނީ ފިލި މައްސަލާގައި ކުށަށް އިއުތިރާފުވެ މާފަށް އެދިވަޑައިގެންފަ އެވެ. އެހެންވެ އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ނިންމަން ވަނީ ނިންމާފަ އެވެ.

ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބު ވަނީ ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުންދީ އޭގައި ޝާމިލްވި ފަރާތްތަކަށް ހާމަކުރުމަށެވެ. އަދީބު ފިއްލެވިއިރު ވެސް އެ އެއްބަސްވުމުގެ ދަށުން އޭނާ ގެންދެވީ މައުލޫމާތުތައް ފޯރުކޮށްދެއްވަމުންނެވެ.

އިންޑިއާއަށް ނާރުވައި އަދީބު ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުން އަދީބުގެ ރާގު ބަދަލު ކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތާއެކު އެއްބާރުލުން ދިނުމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އިންޑިއާގެ ބަނދަރުގައި ހުންނަވަނިކޮށް ބޭރުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ.