ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުން އޮތީ ރާއްޖެ އިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތްތަކަށެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ރާއްޖޭން ތެލާއި ގޭސް ހޯދަން އުޅުމަކީ މޮޔަ ކަމެކެވެ. އެއީ ސިޔާސީ ދަޅައެކެވެ. އެކަމަކު އެ ހުރިހާ ފާޑުކިޔުމެއް އެއް ފަރާތް ކޮށް މިނިވަން ސިކުނޑިއަކުން ވިސްނާ އިރު ރާއްޖޭން ތެޔޮ ފެނުމުގެ ފުރުސަތު ބޮޑެވެ.
އެއީ ރާއްޖެ އުފެދުމުގެ އަސްލަކީ އަލިފާން ފަރުބަދަތައް ކަމުގައިވުމެވެ. ތެޔޮ އުފެއްދުމަށް ބޭނުންވާ މާއްދާތައް އެންމެ ގިނައިން ހުންނަނީ މިޒާތުގެ ހިސާބުތަކުގަ އެވެ. ރާއްޖޭގެ ކަނޑުގެ އަޑީގެ ބިންގަނޑު ދިރާސާތަކެއް ކުރި ޖަރުމަނުގެ ރިސާޗް ބޯޓް، "ސޮންނޭ" ގެ ދިރާސާތަކުން، ވަނީ މިކަމަށް ވެސް މިހާރު ޖަވާބު ލިބިފަ އެވެ. އެ ބޯޓުގެ ދިރާސާތަކަކީ ރާއްޖޭގެ ކަނޑުން ތެޔޮ ނޫނީ ގޭސް ހޯދުމުގެ މަސައްކަތުގެ އަދި ފެށުމެވެ. އަދި މި ރޯކޮށްލެވުނީ އުންމީދުގެ ހުޅުކޮޅެކެވެ.
ޖިއޮލޮޖިކަލް ސާވޭއެއް ކުރުމަށް މިދިޔަ އަހަރު ރާއްޖެ އައި ޖަރުމަނުގެ ބޯޓުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ޝެލް ކުންފުނިން މީގެ 25 އަހަރު ކުރިން ރާއްޖޭގެ ކަނޑު އަޑީގެ ބިމުގެ ސިފަތައް ދެނެގަތުމުގެ ކޮށްފައިވާ، ސެސިމިކް ސާވޭ ޒަމާނީ ވަސީލަތްތަކުގެ އަލީގައި ތްރީޑީކޮށް މި ވަނީ އަލުން ކޮށްފަ އެވެ.
ސޯނާ ވޭވްތަކެއް ކަނޑު އަޑި އަށް ފޮނުވައިގެން ކުރާ އެ ސާވޭ އަކީ ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގެ ފެށުމެވެ. އެ ސާވޭގެ ހޯދުންތައް މީޑިއާޔާ ހިއްސާ ކުރައްވަމުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އަޑީގައި ގޭސް ނޫނީ ތެޔޮ އެތަނުން ކޮންމެ ވެސް އެއް މާއްދާއެއް ހުރިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ފެނިފައި ހުރި ކަމަށެވެ. އެގޮތުން ތެލާއި ގޭސް އަރާ ބައެއް ސަރަހައްދުތައް އެ ދިރާސާއިން ހޯދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން ގޭސް ނޫނީ ތެޔޮ ހުންނަ ސަރަހައްދުތަކުގައި ހޫނުމިން ހުންނަވަރަށް އެތަންތަނުގައި ހޫނު ހުރި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ސޮންނޭ އިން ރާއްޖޭގެ އަތޮޅުތަކުގެ އެތެރެ އާއި ބޭރު ކަނޑުގެ ސަރަހައްދެއް ކަމަށްވާ، ތ. އަތޮޅާއި ލ. އަތޮޅާ ދޭތެރެ އިން 100 މޭލު ބޭރު ސަރަހައްދެއްގައި ވެސް އެ ސާވޭ ކޮށްފައިވެ އެވެ. މިއީ ތެޔޮ ނޫނީ ގޭސް ހުރެދާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ސަރަހައްދެކެވެ. ޝެލް ކުންފުނިން ޓޫޑީ ސެސިމިކް ސާވޭ ހެދި ސަރަހައްދުތަކުގައި ވެސް އެ ބޯޓުން ސާވޭ ކޮށްފައިވެ އެވެ.
"ތެޔޮ ނޫނީ ގޭސް ކޮންމެވެސް އެއް މާއްދާއެއް އެބަ ހުރިކަން އެބަ ކަށަވަރު ކުރެވޭ. އެހެން ވީމާ އެތަކެތި ނެގުމަށް ދެން ހުރި ސްޓޭޖްތައް ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް މިހާރު ފުރުސަތު ލިބިފައި މި އޮތީ. ކުރިއަށް އޮތް ދެތިން މަހެއް ތެރޭގައި ދެން ހުރި ސްޓޭޖްތަކުގައި މަސައްކަތް ފެށިގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.
ދެން މި އޮތް މަރުހަލާ އަކީ މިނިސްޓަރު ވެސް ވިދާޅުވި ގޮތުގައި ހައިޑްރޯ ކާބަން ހުރި ސަރަހައްދުތައް އިތުރަށް ދިރާސާ ކުރުމަށް އަޑިއަށް ބޯހޯލްތައް ތޮރުފާ ސާމްޕަލްތައް ނެގުމުގެ މަރުހަލާ އެވެ. އެއީ ވެސް އަގު ބޮޑު މަސައްކަތެކެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މިހާރު މަސައްކަތް ކުރަނީ ދެން ހުރި ސްޓޭޖްތައް ބޭރުގެ ކުންފުންޏަކާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެކަމަށް މިހާރު ވެސް ދެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ޒިބްރާ އިންވެސްޓްމަންޓުން މިހާރު ވެސް ވަނީ ޕްރޮޕޯސަލް ހުށަހަޅާފަ އެވެ.
"މީގައި ދިގު މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ. އަވަށްޓެރި ސްރީ ލަންކާ އަށް ބައްލަވާ ލެއްވިޔަސް ފެނިވަޑައިގަންނަވާނެ އެ ގައުމުން ވެސް ޑްރިލް ކުރުމާ ހިސާބަށް ދާން ނެގި ވަގުތު. އަޅުގަނޑުމެން ވެސް މީގައި ކަޑައްތުކުރަން ޖެހޭ މަރުހަލާތައް ވަރަށް ދިގުވާނެ،" ޝައިނީ ވިދާޅުވި އެވެ.
ބޯ ހެލް ތޮރުފައިގެން ސާމްޕަލް ނަގައި ކުރެވޭ ދިރާާސާ އިން ނޫން ގޮތަކަށް ފެންމަތި ނުކުރެވޭނެ ބައެއް މައުލޫމާތު ހުންނާނެ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އަޑީގައި ހުރީ ގޭސް ނޫނީ ތެލުގެ ކޮން ބާވަތެއްގެ ހައިޑްރޯ ކާބަންއެއްތޯ ނޫނީ އެތަކެތި ހުރީ ވިޔަފާރީގެ އުސޫލުން ނެގޭނެ ފެންވަރަކަށްތޯ ބެލުމަށް އެ ދިރާސާ ކޮންމެހެން މުހިންމުވެ އެވެ.
"މި ސްޓޭޖްގައި އެ ތަންތަނަށް ބޯ ހޯލް ތޮރުފައިގެން ބަލަން މިޖެހެނީ ދެން ހުރި ކަންކަން. ފީސިބިލްކޮށް ކުރެވިދާނެތޯ ވެސް ނޫންތޯ ވެސް. އެ ހުރިހާ ކަމެއް މި ސްޓޭޖުން އައިޑެންޓިފައި ކުރެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު ރާއްޖެއިން އެކަން ކުރަނީ ބަޖެޓުން ހަރަދެއް ނުކުރާ ފޯމިއުލާއަކަށް ބަލައިގެންނެވެ. މިހާރު ވެސް ޕްރޮޕޯސަލް ހުށަހަޅާފައިވާ، ޒިބްރާގެ މެނޭޖިން ޑިރެކްޓަރު ޔާން އެލެސްކީ ވިދާޅުވަނީ އެ މީހުން ރާއްޖެއިން ތެޔޮ ހޯދުމުގެ ދިރާސާ ކުރާނީ ރާއްޖެއިން ހަރަދެއް ދޭން ނުޖެހޭ ގޮތަށް ކަމަށެވެ. އަދި އެއީ ރިސްކެއް ނަގައިގެން ކުދި ގައުމުތަކަށް މިކަހަލަ ކަންކަމަށް އެހީވުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އަހަރުގެ ފަހުކޮޅަށް އަންނާތީ މިއީ ރާއްޖެއިން ތެޔޮ ހޯދުމުގެ ދިރާސާތައް ބަޔަކާ ހަވާލުކޮށްގެން ފަށަން އެންމެ ރަނގަޅު ދުވަސްވަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ތެޔޮ ކުުންފުނިތަކުން އާ ސަރަހައްދުތަކަށް ބިޑް ކުރަނީ އަހަރުގެ ފަހުކޮޅުގައި ކަމަށް ވާތީ އެވެ. މިނިސްޓަރު ވެސް ވިދާޅުވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ބަޔަކާ ތެޔޮ ހޯދުމުގެ ދެން ހުރި ސްޓޭޖްތައް ފުރިހަމަ ކުރަން ހަވާލު ކުރާނެ ކަމަށެވެ.
"ރާއްޖޭގައި މިކަމުގެ ޕޮޓެންޝިއަލް އެބަހުރި. އެކަމަކު މި ސްޓޭޖްގައި އެއްވެސް ޔަގީންކަމެއް ނުދެވޭނެ. ތެޔޮ ހޯދުމަކީ ވަރަށް ދިގު ޕްރޮސެސްއެއް،" އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކާ އިން ތެޔޮ ހޯދުމަށް ކުރި ދަތުރު ފެށީ 1960ގެ ތެރޭގައި ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު އެ މީހުންނެވެ. ސެސިމިކް ސާވޭ އަށް ފަހު ލަންކާ ކަނޑުގެ ތިން ސަރަހައްދެއް ތޮރުފި ނަމަވެސް ތެލާއި ގޭސް ނެގުމުގެ މަސައްކަތް ކުރެވޭ ފެންވަރަށް އެ ސަރަހައްދުތަކުގައި އެ ބާވަތްތައް ނެތް ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލި އެވެ. އޭގެ ފަހުން 1970 ގެ އަހަރުތަކުގައި ވެސް އިތުރު ސަރަހައްދުތަކެއް ތޮރުފި ނަމަވެސް އެފަހަރު ވެސް އެކަން ކާމިޔާބެއް ނުވި އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު އެ ގައުމުގެ ސަރުކާރުން ތެޔޮ ހޯދުމުގެ މަސައްކަތްތައް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ އެހީގައި ފެށި އެވެ. އެ މަސައްކަތުން ފެހި ސިގްނަލް ލިބި ލަންކާގެ މަނާރު ކަނޑުން ތެޔޮ ވަޅުތަކެއް ހޯދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރީ ވެސް 2007 ވަނަ އަހަރު އެވެ. އެ ސަރަހައްދުން ދެ ގޭސްވަޅު ހޯދާފައިވާ އިރު އެ ވަޅުތަކުން ގޭސް ނެގޭނެ ކަމަށް ލަފާކުރެވެނީ ވެސް އަދި 2016 ވަނަ އަހަރު އެވެ. އެހެން ވީމާ، ރާއްޖޭން ވެސް ތެޔޮ ހޯދުމަށް ކުރަން އޮތީ ދިގު ދަތުރެކެވެ.
ތެޔޮ ހޯދުމަށް ރާއްޖޭގެ ކަނޑުތަކުގައި އެންމެ ފަހުން 1960ގެ އަހަރުތަކުގައި ޝެލް ކުންފުނިން އަލިހުރަސް ކަނޑުގައި 900 މީޓަރު އަޑި އަށް ބޯ ހޯލެއް ތޮރުފައިގެން ސާމްޕަލްތަކެއް ނެގި އެވެ. ނަމަވެސް އެ ކޮނުނު ވަޅު ތަފާތު ސަބަބުތަކާ ހުރެ ބަންދު ކުރި އެވެ. އެ ދިރާސާގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކޮނުނު ވަޅުން ނެގި ސާމްޕަލްތަކުން ތެޔޮ އުފެދޭނެ ހިލައިގެ ބާވަތްތަކެއް ފެނިފައިވެ އެވެ. އަދި އެ ވަޅު އިތުރަށް އަޑި އަށް ކޮނެ އިތުރު ދިރާސާތަކެއް ކޮށްފި ނަމަ ތެޔޮ ނުވަތަ ގޭސް ފެނުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން އޭރު ކުރި ދިރާސާގައިވެ އެވެ.
އެ ކުންފުނިން ސެސިމިކް ސާވޭ ހެދި ސަރަހައްދުތަކުން ހައިޑްރޯ ކާބަންގެ އަސަރު ހުރި ކަމަށް ލަފާ ކުރެވޭ ގިނަ ވަޅުގަނޑުތަކެއް ފެނިފައިވެ އެވެ. އޭގެ ބައެއް ވަޅުގަނޑުތަކަށް ފޯކަސް ކޮށްގެން ސެސިމިކް ސާވޭ ހެދި އިރު އެ ވަޅުގަނޑުތަކުގެ ތެރޭގައި ކޮންމެވެސް ދިޔާ ބާވަތެއްގެ އެއްޗެއް ދައުރުކުރާ ކަމުގެ ހެކި ފެނިފައިވެ އެވެ. ސޮންނޭގެ ދިރާސާއިން އެކަމަށް މި ވަނީ މަތި މައްޗަށް ހެކި ހޯދައި އެކަން ކަށަވަރު ކުރެވިފަ އެވެ.
"އޭރު މި ހެދީ ޓޫޑީކޮށް. އޭރު އެހާ ޑީޓެއިލްކޮނެއް ނުފެނެ. ޖަރުމަނުގެ ބޯޓުން އެ ސަރަހައްދުތަކުގެ ސެސިމިކެއް ތްރީޑީކޮށް މި ހެދީ. އޭރުން އެބަ ފެނޭ އެ ސަރަހައްދު އޮންނަ ގޮތް މާރަނގަޅަށް. މާރީތިކޮށް." މިނިސްޓަރު ވިދާޅުވި އެވެ.
ޝެލް ކުންފުނީގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމުގެ ސިފަތަކާ ބެހޭ ގޮތުން ބައެއް ޖިއޮލޮޖިސްޓުން އެކުލަވާލި ދިރާސާތަކުގައިވާ ގޮތުގައި އިންޑިއާގެ ބޮމްބޭ ބޭރުން ތެޔޮ ނަގާ ސަރަހައްދުގެ ބިމުގެ ސިފަތަކާއި ރާއްޖޭގެ ކަނޑުގެ ބިންގަނޑުގެ ސިފަތައް ވަރަށް އެއްގޮތެވެ. އަދި އެގޮތަށް ދިމާވަނީ ރާއްޖެ ވެސް އުފެދިފައި ވަނީ އެ ސަރަހައްދެކޭ އެއްގޮތަށް އަލިފާން ފަރުބަދަތަކެއް ގޮވުމުގެ ސަބަބުންނެވެ. އެފަދަ ސަރަހައްދުތަކުގައި ތެޔޮ އުފެދޭ އޯގެނިކް ދިރުންތައް ގިނަ އެވެ. ތެޔޮ އުފެދެނީ ވެސް ދިރުންތައް މަރުވެ ފަހާ އެކުވެގެން އުފެދޭ އޯގެނިކް މާއްދާތަކުގެ ސަބަބުންނެވެ. ޝެލް ކުންފުނިން ރާއްޖޭން ތެޔޮ ފެނޭތޯ ދިރާސާއެއް ފެށީ ވެސް އެ ހީތަކުގެ މައްޗަށް ބިނާކޮށްފައި ކަމަށް ހެކިދެ އެވެ. ސީދާ ތެޔޮ ނުފެނުނު ނަމަވެސް ރާއްޖޭގެ ކަނޑުން ގޭސް ފެނުމުގެ ފުރުސަތު އަދި މާބޮޑު ކަމަށް ޝެލްގެ ދިރާސާގެ މައްޗަށް ހަދާފައި ހުރި ރިސާޗް ޕޭޕަރުތަކުގައިވެ އެވެ.
ރާއްޖޭގައި ޝެލް އިން ކުރިއަށް ގެންދިޔަ އެތައް މިލިއަން ޑޮލަރެއްގެ އެކްސްޕްލޮރޭޝަން މަސައްކަތް ނިމުމަކަށް ގެނައި ސަބަބުތައް ގިނަ އެވެ. އެއީ ތެޔޮ ނޫނީ ގޭސް ރާއްޖޭން ނުފެންނާނެ ކަމަށް ނިންމައިގެން އެ މީހުން އެޅި ފިޔަވަޅެއް ކަމަށް މިހާތަނަށް ނިންމޭކަށް ނެތެވެ. އޭރު އެ މަސައްކަތްތައް ވިލަރެސް ކުރުމުގައި ސަރުކާރުގެ ފަރާތުން އުޅުނު ފަރާތްތަކުން ބުނާ ގޮތުގައި އެކަން ހުއްޓާލީ ކަނޑުގެ އަޑިން ތެޔޮ ނެގުމުގެ ހަރަދު އޭރު ބޮޑުވުމާ އެކު ތެލުގެ އަގު ބާޒާރުގައި ކުޑަވުމުގެ ސަބަބުން އެކަމަށް ހިނގާ ހަރަދު އެ ކުންފުންޏަށް ފޫ ނުބެއްދޭނެތީ އެވެ.
ޝެލް އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރިއިރު އޭރު ދުނިޔޭގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 1.63 ޑޮލަރަށެވެ. އޭރު ކަނޑުގެ އެހާ އަޑިން ތެޔޮ ނެގުމުގެ މަސައްކަތް ތަރައްގީވެ ފުޅާވެފައެއް ވެސް ނެތެވެ. ކަނޑުގެ އެހާ ފުނުން ތެޔޮ ނެގުމުގެ މަސައްކަތް ފުޅާވެ ތަރައްގީވެގެން އައީ ވެސް 1900ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭގެ ކުރިން އެއީ ވަރަށް ހަރަދު ބޮޑު މަސައްކަތްތަކެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މަތީގައި ހުރި އިރު، ޓެކްނޮލޮޖީއާ އެކު، ކަނޑުގެ އަޑިން ތެޔޮ ނެގުމުގެ މަސައްކަތުން ދެކޮޅުޖެއްސިދާނެ އެވެ. އެކަމަށް ހެކި ދެނީ ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހުރިތޯ ބެލުމަށް ދިރާސާތަކެއް ކުރުމަށް 2008 ވަނަ އަހަރު ބޭރުގެ ދެ ކުންފުންޏަކުން ހުށަހެޅުމުންނެވެ.
ޓޫރިޒަމްގެ މައްޗަށް ރާއްޖެ ބަރޯސާވެފައި އޮތުމަކީ ތެޔޮ ނެގުމުގެ ދިރާސާތަކާ އެކު އުފެދޭނެ ކަންބޮޑުވުމެކެވެ. ތެޔޮ ނެގުމުގެ މަސައްކަތަކީ ތިމާވެއްޓަށް ގެއްލުން ހުރި މަސައްކަތަކަށް ވާއިރު ތެޔޮ ފެންނަ ސަރަހައްދަކީ މިސާލަކަށް، ބ. އަތޮޅު ކަހަލަ ރިސޯޓްތައް ގިނަ ސަރަހައްދެއް ކަމަށް ވެއްޖެ ނަމަ އެކަމުގައި ރާއްޖޭން އަމަލު ކުރާނެ ގޮތެއް ވެސް ސާފުވާން ޖެހެ އެވެ. ތެޔޮ ނެގުމަށް ވަޅު ކޮންނަ ސަރަހައްދުތަކާ ރިސޯޓެއް ނޫނީ މީހުން ދިރިއުޅޭ ރަށަކާ މާ ބޮޑަށް ކައިރިވާ ނަމަ ދެން އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި އިންވެސްޓަރުންނަށް އެތައް މިލިއަން ޑޮލަރެއް އެފަދަ ކަމަކަށް ހޭދަ ކުރަން ޖެހޭ އިރު އެ ފަރާތްތަކަށް ރާއްޖޭން ދެވޭނެ ޔަގީންކަމަކީ ކޮބައި ހެއްޔެވެ؟ މިއީ ގާނޫނީ ގޮތުން ޖަވާބު ހޯދައިދޭން ޖެހޭ ސުވާލުތަކެވެ.
މިސާލަކަށް ލަންކާ އިން އަމަލު ކުރި ގޮތަށް ބަލާއިރު އެންމެ ފުރަތަމަ އެ ގައުމުގެ ކަނޑުތައް ތެޔޮ ކުންފުނިތަކަށް ހުޅުވާލުމުގެ ކުރިން އެކުލަވާލީ ޕެޓްރޯލިއަމްއާ ގުޅޭ ގާނޫނެވެ. އެ ގާނޫނުގައި ތެލުގެ ދިރާސާ ކުރާ ފަރާތްތަކަށް ދޭނެ ސަރަހައްދުތަކާއި އެ މީހުންނަށް ލިބިދޭ ހައްގުތައް ބަޔާންކުރި އެވެ. އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިމަޖެންސީ ޕްލޭންތައް ވެސް ގާނޫނެއްގެ ގޮތުގައި ފަރުމާކޮށް އަމަލު ކުރަން ފެށި އެވެ. އެ ގައުމުގެ ކަނޑުން ތިން ސަރަހައްދަކަށް ބަހާލައިގެން ތެޔޮ ކުންފުނިތަކަށް އެ ސަރަހައްދުތައް ދިރާސާ ކުރަން ބިޑް ކުރީ ވެސް އޭގެ ތެރެއިންނެވެ. އެ ސަރަހައްދުތައް ބިޑަށް ލުމަށް ފަހު ބައިނަލްއަގުވާމީ ގޮތުން އެތަންތަން އެ ގައުމުން މާކެޓް ވެސް ކުރި އެވެ.
ތެޔޮ ހޯދުމަށް ރާއްޖެ ގިރާ ކުރަން ޖެހޭ ހުރަސްތައް ގިނަ އެވެ. ތެޔޮ ނޫނީ ގޭހާ ހިސާބަށް ދިޔުމަށް ނޫނީ އެކަން ޔަގީން ކުރަން ރާއްޖޭން ފީނަން ޖެހޭ ކަނޑުތައް ވަރަށް ފުނެވެ. އެކަމަށް އެތައް އަހަރެއް ނަގާނެ އެވެ. އެއީ އެތައް ބިލިއަން ޑޮލަރެއްގެ ގުނާލެވޭނެ އިންވެސްޓްމަންޓްތަކެވެ. އެކަމަކު އެންމެންގެ ވެސް އުންމީދަކީ ތެޔޮ ނޫނީ ގޭސް ރާއްޖޭގެ ކަނޑުން ފެނުމެވެ. އެ ސުވާލަށް ޖަވާބު ހޯދަން ކުރަން ޖެހޭ އިންތިޒާރު ދިގެވެ. އަދި އެ މަސައްކަތުގެ ފައިދާއެއް ކުރުމަށް ވެސް ޒަމާންގަނޑެއް ނަގާނެ އެވެ.