ހަބަރު

މަހެއްހާ ދުވަސް ތެރޭ ސަފާރީތަކަށް ފަޅެއް ކަނޑައެޅި މަސައްކަތް ފެށޭނެ: ފައްޔާޒް

ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ސަފާރީތައް އަޅާނެ ފަޅެއް ކަނޑައެޅި އެ ފަޅުގެ ޕްލޭނިން މަސައްކަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ދަަރުބާރުގޭގައި މެރިން އެކްސްޕޯ ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ފަައްޔާޒު ވިދާޅުވީ ސަފާރީ އުޅަނދުފަހަރަށް ރައްކާތެރި ބަނދަރެއް ހެދިފައި ނެތް ކަމަށާއި ސަފާރީ ބޯޓުތަކަށް ހާއްސަ ފަޅެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަޅެއް ޔަގީން ކުރެވި ޕްލޭން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

"ރިޔާސީ ކެމްޕޭން ކުރި އިިރުގައިވެސް އަަޅުގަނޑުމެން ވީ ވައުދެއް މިއީ ސަފާރީތައް އަަޅާނެ ބަނދަރެއް ގާއިމްކޮށްދިނުމަކީ. އަދި އަޅުގަނޑުމެންނަށް އެކަން އޮތީ ނުކުރެވި، އެކަން ނުކުރެވުނު ސަބަބުތަކުގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ އެ ބަނދަރަކީ ސޭފް ހާބާ އަކަށް ވެފައި މާލެ އާއި ހުޅުލެ އާ ކައިރީގަ އެ ބަނދަރު ގާއިމް ކުރަން އިންޑަސްޓްރީން ބޭނުންވާތީ. އަޅުގަނޑުމެން ބަލާލި ބެލުމުުގައި މާލެ އަތޮޅުގައި އެކަން ކުރެވޭ ވަރުގެ އެވެއިލަބަލް ފަޅެއް މިހާރަކު ނެތް"

އަދި، ސަފާރީ ބޯޓުތައް އެޅުމަށް މީގެ ކުރިންވެސް މިނިސްޓްރީން ފަޅެއް ކަނޑައެޅި ނަމަވެސް އެ ފަޅުވެސް ވަނީ ބަޔަކަށް ދީފައި ކަމުން އެ މަސައްކަތް ހުއްޓުނު ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި އެ ފަޅު ކަނޑައެޅި އޭގެ ޕްލޭނިން މަސައްކަތް ފެށުން. ވަރަށް ބޮޑަށް ޔަގީން ކުރަން މި ކަން މި އަހަރު ތެރޭގަ ނިމޭނެ ކަމަށް" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ޓުއަރިޒަމް ފުޅާ ކުރުމުގައި ސަފާރީ އިންޑަސްޓްރީ މުހިއްމު ރޯލެއް އަދާ ކުރި ކަމާއި ރިސޯޓްތަކުގައި ބަންދުވެފައި ތިބި ޓުއަަރިސްޓުން ގޮވައިގެން މުޅި ދިވެހިރާއްޖެ ދަައްކަމުން ދިޔަ ބަަޔަކީ ސަފާރީ އިންޑަސްޓްރީން ކަމަށެވެ. އަދި މި ދާއިރާއިން ޓެކްސްގެ ގޮތުގައިވެސް ސަރުކާރަށް ރަނގަޅު އަދަދެއް މިހާރު ލިބޭ ކަމުން ދާއިރާގެ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލުވެގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

"ގާތްގަނޑަކަށް 140 އެއްހާ ސަފާރީ ބޯޓު އެބައޮތް. އޭގެ އިތުރުން އެއާ ގުޅުންހުރި ޑައިވިން އާ މަސްވެރިކަމާ ގުޅުންހުރި 300 އެއްހާ އުޅަނދު މި ދާއިރާގަ އުޅޭ. އޭގެން ދަައުލަތަށް ލިބޭ މަންފާ އަށް ބަލާލާއިރު 500 މިލިއަން ރުފިޔާ އިކޮނޮމީގަ އެބަ ދަައުރުވޭ އަދި ޓެކްސްގެ ގޮތުގައި ވެސް ރަަނގަޅު އަދަދެއް ސަަރުކާރަށް ލިބޭ"

ރާއްޖޭގެ ސަފާރީ އާއި ބޯޓިން އިންޑަސްޓްރީ ގައި ބޭނުން ކުރާ އުޅަނދުތައް ޒަމާނީވެ ސައިޒު ބޮޑުވަމުން އަންނައިރު، އެ އުޅަނދުތައް ބަނދަރުކުރުމަށް އެކަށީގެންވާ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން ކުރަމުން އަންނަ ޝަކުވާއެކެވެ. ހާއްސަ ކޮށް ފަތުރުވެރިކަމުގައި ބޭނުން ކުރާ ސަފާރީ ބޯޓުތައް މާލެ އާ ކައިރިން ބަނދަރު ކުރެވޭނެ ގޮތެއް ނެތުމަކީ ގޮންޖެހުމެއް ކަމަށް ދާއިރާގެ މީހުން ބުނެ އެވެ.