ހަބަރު

ޖިއާންގެ މަރު: އެމްޑީ ސަލާމަތްވެ، ދެ ބިދޭސީއަކު ޖަލަށް، ތިން މީހަކަށް ޖޫރިމަނާ

ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ފިޔަވައި އެހެން މީހުން ކުށްވެރިވާ ކަމަށް ދާދި ދެންމެއަކު ކުރިމިނަލް ކޯޓުން ހުކުމް އިއްވައިފި އެވެ.

ބަންގަލަދޭޝްގެ ކުއްޖެއް ކަމަށްވާ، ރައުޝާން ޖީއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެ ތަނުގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.

މިއަދު ކުރިމިނަލް ކޯޓުން ހުކުމް އިއްވީ އާދަމް ޝަފީގު ފިޔަވައި އެހެން މީހުން ކުށްވެރިވާ ކަމަށެވެ. އެގޮތުން ދެ ބިދޭސީއެއްގެ މައްޗަށް ޖަލު ހުކުމް އިއްވިއިރު އެހެން މީހުންގެ މައްޗަށް އިއްވީ ޖޫރިމަނާގެ ހުކުމެވެ.

ޖަލު ހުކުމް އައީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. ރައްޖާވް އަލީގެ މައްޗަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ މީހުންގެ ވަކީލް ހުސެއިން ޝަމީމް ވަނީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމަށް ދައުލަތުން އިއުތިރާޒު ކުރި އެވެ.

މުތުމަނި ވަނީ އޭނާގެ ކައިވެނި މިދިޔަ މެއި މަހަށް ތާވަލުކުރެވި އަދި މިހާރު ޖެނުއަރީ މަހަށް ފަސް ކުރެވިފައިވާކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ. އޭނާއަށް އެހާ ތަނަށް ގައުމަށް ނުދެވިއްޖެނަމަ ދިރިއުޅުމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ޓަމިލް ބަހުން އޭނާ ޝަރީއަތުގައި ބުންޏެވެ. އެހެންވެ އޭނާގެ ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް ނުވަތަ އެއް ބައި ޖޫރިމަނާއަށް ބަދަލުކޮށް އަނެއް ބައި ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމަށް ވެސް ވަކީލް ޝަމީމް ތަކުރާރުކޮށް އެދިލެއްވި އެވެ. އޭނާގެ އަދަބުގެ ދަރަޖަ ލުއިކޮށްދެވެން އޮތިއްޔާ އެކަން ކޮށް ދިނުމަށް ވެސް އެދުނެވެ.

ނަމަވެސް ދައުލަތުން ޖޫރިމަނާއަށް އިއުތިރާޒު ކުރާނަމަ، ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ނުދޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ބޮޑު ޖޫރިމަނާއެއް އަންނައިރު އެ ދެއްކޭނެކަމާމެދު ވެސް ސުވާލު އެބަ އޮތް ކަމަށެވެ. އެހެންވެ މުތުމަނިއަށް ޖަލު ހުކުމް އިއްވި އެވެ. އެ ހުކުމް އިއްވުމާއެކު ޝަރީއަތުގެ މަޖިލީހުގައި މުތުމަނި ވަނީ ހިތާމަކޮށްފަ އެވެ.

ހިންދީ ބަހުން ވާހަކަ ދައްކާ ރައްޖާވްގެ ހުކުމް ލުއިކޮށް ދިނުމަށް ވެސް އެދުނެވެ. ނަމަވެސް އެއީ ބޮޑު ހުކުމަކަށް ވެފައި ބޮޑު ޖޫރިމަނާއެއް އަންނާނެތީ ޖަލު ހުކުމް ބަދަލުކޮށް ނުދިނެވެ.

ރައްޖާވް އަލީއަކީ ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރި މީހާ އެވެ. އެނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ސިމެންތި ބަސްތާއެއް ވެއްޓުނީ ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުންނެެވެ. ދައުވާގައިވާ ގޮތުން އޭނާއަކީ އެ މަސައްކަތާ ހަވާލުވެ ހުރި މީހާއެއް ވެސް ނޫނެވެ. އެކަން ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކަށެވެ. ނަމަވެސް ވިންޗް އޮޕަރޭޓްކުރަން ރައްޖާވް އަލީ ދިޔައީ ބަންގްލަދޭޝް މީހާ ބްރޭކަށް ދިޔުމުން އަމިއްލައަށް އިސްނައިގެންނެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނީ ރައްޖާވްއަށް ހަވާލުވެފައި ނެތް މަސައްކަތެއް އޭގައި ބޮޑު ނުރައްކަލެއް އޮތްވައި ކުރުމަކީ އޭނާ ޒިންމަން އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. ހަވާލުވެފައި ނެތް މަސައްކަތެއްކޮށް އޭނާ ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

މުތުމަނި ރަމަޗަންދުރަންއަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާ އެވެ. ރައްޖާވްއަކީ ވިންޗް އޮޕަރޭޓްކުރަން ހަވާލުވެފައިވާ ފަރާތް ނޫންކަން އެނގިހުރެ މުތުމަނި ވަނީ އެކަން ކުރުމަށް ރައްޖާވްއަށް އަންގާފަ އެވެ. އޭނާއަށް ކުރީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނީ ރައްޖާވް ކުރަނީ ނުރައްކާތެރި އަމަލެއްކަން އެނގިހުރެ އޭނާ އެ އަމަލުގައި ބައިވެރިވެފައިވުމަކީ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެކަމުގައި އޭނާ ކުށްވެރިވާ ކަމަށެވެ.

ދެން އެންމެ ބޮޑު ހުކުމެއް އައީ ސްޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ. މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންނާއި ގަރީނާތަކުން ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނެތްކަން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. ސަލާމަތީ ފިޔަވަޅުތައް އަޅައިތޯ އާއި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަކީ މޫސާ ހަސަންގެ ޒިންމާއަކަށްވާއިރު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިނގާ ކަންކަމުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. ސަލާމަތީ ފިޔަވަޅުތައް ނާޅައި އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ އިހުމާލެއް ކަމަށެވެ.

އޭނާއަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރުމުން ދައުލަތުގެ ވަކީލް ފާތިމަތު ނަބީހާ އެދުނީ ޖަލު ހުކުމް އިއްވުމަށެވެ. ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ވަކީލް ހުސެއިން ޝަމީމް ވަނީ އަދަބު ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. އެ ހާދިސާ ހިނގިއިރު އޭނާ އެ ސަރަހައްދުގައި ނެތް ކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމާއި އޭނާއަކީ ތުއްތު ދެ ކުއްޖެއްގެ ބައްޕަކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ތެރޭގައި ފިޓް ޖެހޭ ކުއްޖެއް ހުރުމުން ޖަލު ހުކުމް އިއްވިފައިނަމަ، ގެއްލުންތަކެއްވާނެ ކަމަށެވެ.

އޭނާއަށް ޖޫރިމަނާގެ ހުކުމެއް އިއްވުމާ ގުޅޭ ގޮތުން ޝަރީއަތުން ދައުލަތާ ސުވާލު ކުރުމުން ވަކީލް ނަބީހާ ވިދާޅުވީ އެއީ ޝަރީއަތުގެ އިހްތިޔާރުގައިވާ ކަމެއް ކަމަށެވެ. އެކަމުގައި ދައުލަތަށް އިއުތިރާޒު ކުރުމުގެ ބާރު އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޝަރީއަތުން ބޭނުންވާނަމަ، ޖޫރިމަނާއަށް އަދަބު ބަދަލު ކުރުމަކީ ޝަރީއަތުގެ ބާރެއް ކަމަށެވެ. ގާޒީ އަލީ ރަޝީދު ނިންމެވީ އެއީ ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރަނީ ކަމަށެވެ. އެހެންވެ އަދަބު ޖޫރިމަނާއަށް ބަދަލުކުރި އެވެ. ޖޫރިމަނާގެ އަދަދަކީ 115،200 ރުފިޔާ އެވެ.

އެންމެ ކުޑަ ހުކުމެއް އިއްވީ ކެޝަރިލަލް ޗައުހަން އާއި ގުލަމް މަހަމަދުގެ މައްޗަށެވެ. އެ ދެ މީހުންނަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެ މީހުންނެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. ހިންދީ ބަހުން ވާހަކަ ދައްކާ އެ ދެ މީހުންގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ސިމެންތި ބަސްތާތައް އަރުވަމުންދިޔައިރު އެއީ ނުރައްކާތެރި ކަމެއްކަން އެނގިހުރެ ވެސް އެ ސަރަހައްދުން ހިނގާފައި ދާ މީހުން އެތަނަށް ވަނުން ހުއްޓުވުމަށް އެ ދެ މީހުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ޖިއާން އެ ސަރަހައްދަށް ވަތްއިރު ވެސް އެ މީހުން އެ ކުއްޖާ އެތަނަށް ވަނަ ނުދިނުމަށް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން އެ މަގުން ހިނގާފައި ދާ މީހުންނަށް ނުރައްކަލެއް އޮވެމެ އެމީހުންނަށް އެ ނުރައްކަލުގެ އިންޒާރު ނުދިނުމުގެ ޒިންމާ ދެ މީހުން ވެސް އުފުލަން ޖެހޭ ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. ދައުލަތުން އެދުނީ އެ ދެ މީހުންގެ މައްޗަށް ޖަލު ހުކުމް އިއްވުމަށެވެ. އެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ މީހުންގެ ވެސް ވަކީލް ޝަމީމް އެދުނީ ޖޫރިމަނާއަށް ބަދަލުކުރުމަށެވެ. އެކަމަށް ދައުލަތުން ވެސް ދެކޮޅު ނުހެދުމުން ގާޒީ ނިންމެވީ އެމީހުންގެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރާށެވެ. ޖޫރިމަނާގެ އަދަބަކީ 7،200 ރުފިޔާ އެވެ. އެ ހުކުމް އިއްވުމާއެކު ގުލާމް ވަނީ އުފަލުން ހަމްދު އަޅާފަ އެވެ. ޖޫރިމަނާއާ މެދު ކެޝަރިލަލް ހާސްވެފައި އިންއިރު އޭނާގެ ފަހަތުގައި އިން ކުންފުނީގެ އެމްޑީ ވަނީ އޭނާގެ ގާތު ހަމަޖެހުމަށް އެދިފަ އެވެ.

އެމްޑީ ޝަފީގަށް ކުށް ސާބިތު ނުވާ ކަމަށް ގާޒީ އަލީ ރަޝީދު ނިންމެވީ އެ ހާދިސާއާ ގުޅޭ އަމަލީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިނުވާތީ އެވެ. ޖިނާއީ ކަންކަމުގައި އަމަލު އޮންނަން ޖެހޭނެ ކަމަށާއި މި ހާދިސާއާ ގުޅޭ ގޮތުން ޝަފީގުގެ ހަމައެކަނި އަމަލަކީ އެ އިމާރާތް ކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަނުން ހަވާލުވެ އެއްބަސްވުމުގައި ސޮއި ކުރުން ކަމަށެވެ. އެ ސޮއި އޭނާ ކުރީ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި ކުންފުނީގެ ހައިސިއްޔަތުންކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ މި ކަމުގައި ޝަފީގު ޝަހުސީ ގޮތުން ޒިންމާ ނަގަންޖެހޭ ހާލަތެއް ނެތް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ. ހުކުމް އިއްވުމާއެކު ޝަފީގު ވެސް ވަނީ ޝުކުރުގެ ހަމްދު އަޅާފަ އެވެ.

މި މައްސަލާގައި ދެ ބިދޭސީންނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރަން ވަނީ ނިންމާފަ އެވެ.

މި ހާދިސާގައި މަރުވި ޖިއާންއަކީ އަތޮޅު ތެރޭގައި ރަށެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްގެ ދަރިއެކެވެ. އެމީހުން މާލެ އައީ ޗުއްޓީ އަކަށެވެ. އޭނާގެ އާއިލާ ވަނީ އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ. އަދި އިންސާފު ހޯދުމަށް މިހާރު ވެސް އެމީހުން ތިބީ ރާއްޖެގަ އެވެ. ޖިއާންގެ މަންމަ އާއި ބައްޕަ މައްސަލާގައި ހެކި ބަސް ވެސް ދިނެވެ. ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެކަމާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ޖޫރިމަނާ ވެސް ކުރި އެވެ.