"ބިގް ބޮސް" ގެ މިފަހަރުގެ ސީޒަންގައި ބައިވެރިވާ މީހުންގެ ކަންތައްތައް ހުންނަ ގޮތުން ޝޯގެ ހޯސްޓް އަދި މަޝްހޫރު ފިލްމު އެކްޓަރު ސަލްމާން ޚާން މިހާރު ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
މި ރިއަލިޓީ ޝޯގައި މާގިނަ ނެގެޓިވް ކަންތައްތައް ވާތީ ސަލްމާން އަބަދުވެސް ޝަކުވާ ކުރާއިރު މިފަހަރުގެ ސީޒަންގައި ވެސް އޭނާގެ މި ޝަކުވާތައް މިހާރު ވަނީ ތަކުރާރު ކުރަން ފަށާފަ އެވެ. އަދި މީޑިއާ އާއި އަދި ޝޯގެ ތެރޭގައި ވެސް ސަލްމާން ވަނީ ޝޯ އާ ދުރަށް ދާން ވިސްނާ ކަމަށް ބުނެފަ އެވެ.
ބިގް ބޮސްގެ ގޭގައި މިހާރު ތިބި ޝޯގެ ބައިވެރިންނާއި ސަލްމާނާ ދެމެދު އަބަދުވެސް ދެބަސްވުންތައް ހިނގަ އެވެ. ކޮންމެ ސީޒަނެއްގައި ވެސް ސަލްމާންގެ ހަމަލާތައް އަބަދު އަމާޒުވާ މީހުންނާއި ސަލްމާންގެ ލޯބި ލިބޭ މީހުން ތިބެ އެވެ.
އެހެންކަމުން ސަލްމާންގެ ރުޅި އަމާޒުވާ ފަރާތްތަކުން ބައެއް ފަހަރު އޭނާ މޫނުމަތީ ޒުވާބުކޮށް ހަދަ އެވެ. އަނެއްބައި ފަހަރު އެމީހުން ބިގް ބޮސްގެ ގޭގައި ތިބޭ އިރު އެއްޗެކޭ ނުބުނެ ތިބެފައި އެ ގެއިން ނުކުމެ ސަލްމާނަށް ބަހުގެ ހަމަލާ ދެއެވެ.
މިހާރު ހިނގަމުންދާ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގައި ވެސް ވަރަށް ގިނަ ބައިވެރިން ސަލްމާނާ ހިތްހަމަނުޖެހިގެން ތަފާތު ޝުއޫރުތައް ދަނީ ފާޅުކުރަމުންނެވެ. އަދި ޝޯއިން މިހާތަނަށް ބޭރުވި ބައެއް ބައިވެރިން ވެސް ސަލްމާން ކަންތައްތައް ކުރި ގޮތާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފައި ވެއެވެ.
ކަލާޒް ޗެނަލުން ދައްކާ މި ރިއަލިޓީ ޝޯގެ މިހާރު ދައްކާ ޕްރޯމޯއެއްގައި ސަލްމާން ކޯޓު ބާލާފައި ސްޓޭޖުން ފައިބައިގެން ދާމަންޒަރު ފެނެ އެވެ. އޭނާ ޝޯއިން ވަކިވާކަމުގެ ޚަބަރުތައް ހޫނުވެގެން އުޅެނީ މި ޕްރޮމޯ ދައްކަން ފެށީމަ އެވެ.
ނަމަވެސް ޝޯ އާ ގާތް ގުޅުމެއް އޮންނަ މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި މިއީ ހަމަ މީހުންގެ ސަމާލުކަން ހޯދަން ސަލްމާން ޖައްސާ ސްޓަންޓެކެވެ. މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރު އޭނާ މި ކަހަލަ ކަންތައްތައް ކޮށްފައި އެބަހުއްޓެވެ. އަދި ސަލްމާން ދިޔަސް އެނބުރި އަންނާނެކަން ޔަގީންކަމަށް އެމީހާ ބުންޏެވެ.
އޭނާ ބުނީ ސަލްމާން މި ޝޯ ހޯސްޓް ކޮށްދެނީ ވަރަށް ބޮޑު އަގަކަށް ކަމަށާއި އެހާ ގިނަ ފައިސާ ދޫކޮށްލަން ސަލްމާނަށް ނުކެރޭނެ ކަމަށެވެ. އަދި ސަލްމާން ރުޅިއައިސްގެން ޝޯގެ ބައިވެރިންނާ އެ ދައްކާ ވާހަކަތަކާއި ކުރާ ކަންތައްތަކަކީ ސްކްރިޕްޓެއް ލިޔެގެން ކުޅޭ ޑްރާމާއެއް ނޫން ކަމަށާއި އެއީ ހަގީގަތުގައި ކަންތައްތައް ވާ ގޮތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.