ހަބަރު

ރާގިބުގެ ތުހުމަތުތައް ޖޭއެސްސީން ދޮގުކޮށްފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު މުހައްމަދު ރާގިބު އަހުމަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ ކޮމިޝަނުންގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ގާނޫނުތަކާއި ގަވައިދުތަކުން އެ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް އެކޮމިޝަނުން ބަލާ ފިޔަވަޅު އަޅަނީ ފަނޑިޔާރުންނަށް ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ ހައްގުތައް ދީ އިޖުރާއަތުތަކާ އެއްގޮތަށް ކަމުން އެ ކޮމިޝަނަށް ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށެވެ.

"މި ކޮމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ސިޓީއާ ގުޅިގެން ދަންނަވަން. އެ ސިޓީގައި މި ކޮމިޝަނާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ތުހުމަތުތަކެއް" ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް ބުނެފައިވަނީ، ތަހުގީގުގައި ރާގިބު އަހުމަދާ ސުވާލުކޮށްފައި ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަަށް ފުރުސަތު ދިނުމަށްފަހު ވަކީލެއްގެ ހާޒިރުގައި ކަމަށާއި މައްސަލަތަކާ ގުޅިގެން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުސަތުވެސް ދެވުނު ކަމަށެވެ. އަދި، ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް ގާނޫނުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުހުލަތުވެސް ދީފައިވާނެ ކަމަށެވެ.

އެހެންނަމަވެސް، އިސްތިއުފާ ދެއްވުމަށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ރާގިބު އިއްޔެ ފޮނުއްވި ސިޓީގައި ވަނީ ޖޭއެސްސީ އަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ސިޓީގައި ރާގިބު ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީން ބެލީ ޒާތީ ތައައްސަބުން ފުރިގެން ތިބެ، އޭނާގެ ދިފާއުގައި ތަފްސީލީ ޖަވާބެއް ދިނުމުގެ ފުރުސަތެއްވެސް ނުދީ ކަމަށެވެ. އަދި، ޖޭއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ އާއި ކުލަ ވިއްކައިގެން އެ މަގާމަށް އައިސް ތިބި ބައެއް ކަމަށާއި، ފަނޑިޔާރުން މަގާމުން ވަކިކުރާ މަޖިލީހަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީއޮތް ތަނަކަށްވާތީ އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ސިޓީގައި ވެ އެވެ.

"އެއީ ސައްހަ ހެއްކެއް ނޫންކަން ސާބިތުކޮށްދީ އަޅުގަނޑު ހުށަހެޅި 16 ސޮފްހާގެ ބަޔާނަށް ބަލާލުމެއް ނެތި ޒާތީ ތައައްސަބުން ފުރިގެން ތިއްބަވައި އަޅުގަނޑު ވަޒީފާއިން ވަކިކުރުމަށް ނިންމެވި..،" މައްސަލަ ސާބިތުވާ ކަމަށް ނިންމި ހެކިތަކަކީ ޒާތީ ހެކިތަކެއް ކަމަށް ތުހުމަތުކުރައްވަމުން ރާގިބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާގިބުގެ މައްޗަށް ސާބިތުވި ސުލޫކީ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ ޖިނާއީ ތަހުގީގު ހިންގަން ޖެހޭ މައްސަލަތަކެއް ކަމަށްވާތީ ޕޮލިހަށް ފޮނުވާފައިވާ ކަންވެސް ފާހަގަކޮށްފަ އެވެ.

ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ނިންމާފައި މިވަނީ ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާގިބަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ.

މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.