މި ސަރުކާރުން އެއްވެސް ރައްޔިތަކަށް އަނިޔާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ސަރުކާރުން ހުރަސް އަޅާ އެއްވުމުގެ ބައިވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލު ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނިކޮށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި މި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ އުވާލަން ގޮވާލާ މާލޭގައި ގިނަ ބަޔަކު މިއަދު ވަނީ މުޒާހަރާ ކޮށްފަ އެވެ. ފުލުހުން ވަނީ ސޯޝަލް ސެންޓަރާ ހަމަޔަށް ބެރިކޭޑު ޖަހާ މުޒާހަރާއަށް ހުރަސް އަޅާފަ އެވެ. އިއްޔެ ވެސް ފުލުހުން ވަނީ އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލަށް ބޭއްވި އެއްވުމަށް ހުރަސް އަޅާފަ އެވެ.
މީގެ ކުރިން ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ދުވަހެއްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް މީހުންނަށް ވަނީ އަނިޔާވެފައި ވެސް ވެއެވެ.