ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ހޯދަން އިއުލާނުކުރި މީހާ ހައްޔަރުކޮށްފި އެވެ. އެ މީހާ ހައްޔަރު ކުރީ ތެޔޮ ހުސްވެގެން ރޭ ދަންވަރު ހާލުގައި ޖެހުނު ލޯންޗުގައި ހުއްޓަ އެވެ.
މަރު ކޮމިޝަނުން އިއްޔެ އިއުލާން ކުރި ފޮޓޯގައި ބުނެފައިވާ ގޮތުން މ. ކުރިރުއްގޭ، އިރުފާން ރުޝްދީ އަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އަދި ނުފެނިގެން ހޯދުމަށް އިއުލާން ކޮށްފައިވާ އިރުފާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.
ހަތަރު މީހުންނާއެކު 36 ފޫޓުގެ "ބްލޫ ވޭލް" ލޯންޗް ގދ. ކާޑެއްދޫ ބޭރުން ތެޔޮ ހުސްވެ އިންޖީނު ހުއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު އެވެ. އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އޭގެ ތެރޭގައި އިރުފާނު ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ލޯންޗު ރޭ ފަތިހުގެ ވަގުތެއްގައި ތިނަދޫއަށް ދިއުމާއެކު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭގައިތިބި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ބެލި ބެލުމުގައި އެ މީހުންގެ ތެރޭގައި މަރު ކޮމިޝަނުން ބަލާ މައްސަލައެއްގައި ހޯދަން އިއުލާނު ކޮށްފައިވާ އިރުފާނު ހުރިކަން އެނގިގެން އޭނާ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގޭ، ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. މަރު ކޮމިޝަނުން އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި މަރު ކޮމިޝަނުން އޭނާ ހޯދަނީ ފާތިރު މުހައްމަދު މަރާލި މައްސަލައާ ގުޅިގެންނެވެ.