ހަބަރު

ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅޭނެ ގޮތް ގާނޫނަކުން ހަދަނީ

Oct 27, 2019
3

އެއްގައުމު އުޅަނދުތަކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާތަކާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާއަށް ހުށަހެޅޭނެ ނިޒާމެއް ހިމަނައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ނުބައި ތަނެއްގައި ޕާކްކުރުމުން ކުރާ ޖޫރިމަނާތަކާއި އެހެން ވެސް ސަބަބުތަކާ ގުޅިގެން ޖޫރިމަނާތަކާ ގުޅިގެން ޝަކުވާ ހުށަހަޅައި އެ ޖޫރިމަނާއާ ގުޅޭ މައްސަލައެއް ޖެއްސޭނެ ގޮތެއް މިހާރު ނޯވެ އެވެ. ނުބައިކޮށް ޖޫރިމަނާއެއް ކުރިޔަސް އެ ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ސަރުކާރުން އާ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި، އަދި ބޭނުންކުރުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި، މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށްޓަކައި ކަމަށެވެ.

ބިލްގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް އިސްލާހުކުރަން ހިމަނާފައިވެ އެވެ. އަދި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ހާލަތުގައާއި، އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ އިންޖީނު ނަންބަރު ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނެސްގެން އުޅަނދު ދުއްވާ ހާލަތުގައާއި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ހާލަތުގައާއި، ލައިސަންސް ނެތި އުޅަނދު ދުއްވާ ހާލަތުގައި އެފަދަ އުޅަނދުތައް ވަކި މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުސޫލެއް ކަނޑައެޅުން ވެސް ހިމެނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދުތަކާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ކަނޑައެޅުމާއި ރައްކާތެރި ނޫން ގޮތުގައި ނުވަތަ އުޅަނދުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް، މީހުންނާއި މުދާ އުފުލުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް އާ ބިލްގައިވެ އެވެ.

ބިލްގައި މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް، އިތުރު އިމްތިހާނެއް ހެދުމަކާ ނުލައި ލައިސަންސް ދެވޭނެ އުސޫލު ހަމަޖެއްސުމާއި ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައިހުންނަ ބައިސްކަލުތައް ރަޖިސްޓަރީކުރަންނުޖެހޭ ގޮތަށް ހަމަޖެއްސުން ބަޔާންކޮށްފައިވެ އެވެ.

ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުމާއި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް ހިމަނާފައިވެ އެވެ. އޭގެއިތުރުން އިންޖީނުލީ އެއްގަމު އުޅަނދުން ނެގޭ ފީތަކާގުޅޭ ތާވަލު އިސްލާހުކުރުން ވެސް އާ ބިލްގައިވެ އެވެ.