މޯލްޑިވްސް ޕޮލިސް ސާވިސް

ގޮވާއެއްޗެއް ހަދާކަމުގެ މައުލޫމާތާއެކު ފުލުހުންގެ އޮޕަރޭޝަނެއް

ސުކޫލް ދަރިވަރުންތަކެއް ލެބޯޓަރީއަކުން ކެމިކަލްތަކެއް ވަގަށް ނަގާ، ގޮވާއެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލާގައި ހިމެނެނީ އުމުރުން 15 އަހަރުގެ ކުދިންތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ސުކޫލެއްގެ ކިހާ ކުދިންނެއް ކަމެއް ނުބުނެ އެވެ. އެކުދީން ކެމިކަލް ނެގީ ކޮން ސްކޫލެއްގެ ލެބޯޓަރީއަކުން ކަމެއް ވެސް ސާފެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ކުއްޖަކު އަދި އެކަމާ ގުޅުންހުރި މީހަކުވެސް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައި." ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެގޮތުން މާލޭގެ ދެ ސުކޫލެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުޑަ ދެ ކުއްޖަކާ، ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ނަމަވެސް އެ ތުހުމަތާއި ގުޅޭގޮތުން ފުލުުހުން އެއްޗެއް ނުބުނެއެވެ.