ހަބަރު

އެމްއެމްޕީއާރްސީ މައްސަލާގައި ޣައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި ޣައްސާން ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ ޗިޓެއް ފޮނުވައިފަ އެވެ. އަދި މިރޭ 9:30 ހާއިރު އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެފަ އެވެ. އޭނާ އަދިވެސް ހުންނެވީ ފުލުސް އޮފީހުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ގައްސާން ފުލުސް އޮފީހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީގެ މައްސަލާގައި ޣައްސާންއާ ސުވާލު ކުރުމަށެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައި އެ ކުންފުނީގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ޣައްސާންގެ ނަން ހިމެނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ހެދި "ސްޓީލިން ޕެރެޑައިސް" ގައި ވެސް އޭނާއަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.