ފުލުހުންގެ އޮފީހަށް ހާޒިރު ކުރުމުގެ ބޭނުމަކީ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ސުވާލު ކުރުމަށް ފުލުހުން ވަނީ ރޭ 9:30 ހާއިރު ޣައްސާން އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އޭނާ ފުލުހަށް ހާޒިރު ކުރީ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ވާހަކަތައް އަނބުރާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރައްޔިތުން ހިތް ހަމަ ނުޖެހޭ ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. -- މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނީ އެމްޑީއެން ރިޕޯޓުގެ މައްސަލައިގަ އެވެ.
"މިފުރުސަތުގައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުން އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ އެ ބޭފުޅުން ހިތްޕުޅުހަމަނުޖެހޭ ކަހަލަ އެއްވެސް އަމަލެއް ނުފެންނާނެ," ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ނޫސްވެރިންނާ ވާހަކަ ދެއްކެވި އިރު އޭނާ ކައިރީ ބޭބެ ފާރިސް މައުމޫން ވެސް ހުންނެވި އެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު އެ ދެ ބެއިން މީގެ ކުރިން އެފަދަ ގޮތަކަށް އެއްތަނެއްގައި ނޫސްވެރިންނާ ބައްދަލުކޮށްފައެއް ނުވެ އެވެ.
ޣައްސާން ފުލުސް އޮފީހަށް ހާޒިރު ކުރި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ރައްޔިތުން މަޖިލީހުގެ މިހާރުގެ 16 މެންބަރުން ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައި އެ ކުންފުނީގެ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ޣައްސާންގެ ނަން ހިމެނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ހެދި "ސްޓީލިން ޕެރެޑައިސް" ގައި ވެސް އޭނާއަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.