ހަބަރު

ފުވައްމުލަކުގައި އިމާރާތްކުރި ފްލެޓްތައް ހަވާލުކުރަން ފަށައިފި

ފުވައްމުލައް ސިޓީގައި މިދިޔަ ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، އިމާރާތްކުރި މި ފްލެޓުތައް ހަވާލުކުރަން ފަށާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށް ހަައުސިން މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ޑައުންޕޭމަންޓު ދައްކާ ފްލެޓާ ހަވާލުވަމުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު ހަތަރު ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގަ އެވެ.

މި ފްލެޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހެ އެވެ. ހައުސިން މިނިސްޓްރީން ބުނިގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ދައްކާނަމަ ފްލެޓްތަކަށް ވަންނަން ފުރަތަމަ 9،500 ދެއްކުމަށް ފަހު، ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ކުރީ ސަރުކާރުން ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ. މީގެ އިތުރަށް މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އިތުރު 200 ހައުސިން ޔުނިޓު އަޅާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރު ވަނީ ވިދާޅުވެފަ އެވެ.