ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން، ފަސްޓް ލޭޑީ، ނޫނީ އާންމު ނަމުން ނަމަ މެޑަމް ފާތިމަތު އިބްރާހިމް ފެންނަނީ މި ސަރުކާރުގެ ސިޔާސީ ފަޅީގެ މައި ތަނބެއްގެ ގޮތުގަ އެވެ. ރައީސް އަށް ސިޔާސީ ގޮތުން ކިޔޭ ކޮންމެ ފާޑު ކިޔުމެއްގެ ހަމަލާ އެކަމަނާއަށް އަމާޒު ނުވެއެއް ނުދެ އެވެ. ސިޔާސީ ގޮތުން ކުރެވޭ ތުހުމަތުތަކުގައި ވެސް އެކަމަނާ ވެސް އަންނަނީ ބައެއް ފަހަރާ ކަތިލެވެމުންނެވެ. އެހެން ވަނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް ޔާމީންގެ އަމިއްލަ ދިރިއުޅުއްވުމާ އެއް ވަރަށް ސިޔާސީ މަސައްކަތްތަކުގައި ވެސް އެކަމަނާ ހުންނަވަނީ ރައީސާއެކު ފްރަންޓްލައިންގަ އެވެ. އެހެން ވީމާ މިކަހަލަ ކޮންމެ ހަމަލާއެއް ދަނީ އެކަމަނާ ވެސް ފޫއަޅުވާލައިފަ އެވެ.
މީގެ ކުރީގެ ފަސްޓްލޭޑީން ކަމަށްވާ، މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް އާއި މުހައްމަދު ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީ އަދި ފަހުން ޑރ. މުހައްމަދު ވަހީދުގެ އަނބިކަބަލުން މެޑަމް އިލްހާމް ހުސެއިން ވެސް ފެނިވަޑައިގެންނެވީ ހަމަ އެކަނި "ފޮޓޯގަނޑެއް"ގެ ގޮތުގަ އެވެ. ރަސްމީ ހަފްލާތަކުން ފެނިލުން ނޫން އެހެން ހައިސިއްޔަތެއް އެބޭފުޅުންގެ ނޯވެ އެވެ. ސޯޝަލް މަސައްކަތްތަކުގައި ވެސް އެހާ އެކްޓިވްކޮށް މިބޭފުޅުން އުޅުއްވިތަނެއް ނުފެނެ އެވެ. އަދި ދުރު މާޒީއަށް ބަލާ އިރުވެސް ރާއްޖޭގެ ވެރިއެއްގެ އަނބިކަބަލުން މިހާ ހަރަކާތްތެރިކޮށް އުޅުއްވިއެއް ކަމެއް ނޭނގެ އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މެޑަމް ފާތުންއަކީ ވެސް މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ އެވެ. ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އެ ޕާޓީގެ އެންމެ ހިންގާލާފައި އުޅޭ އެކްޓިވިސްޓުންގެ ތައުރީފް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މެޑަމް އަށް އޮއްސާލަނީ އެހެން ވެގެން ކަމަށް ވެދާނެ އެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި، ޕީޕީއެމްގެ މައި ޖަގަހަ ނަސަންދުރާ ޕެލަސް ހޮޓަލްގެ ތެރޭގައި ހުރި އިރު އެތަނުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް ބަލަހައްޓަމުން ގެންދެވިތަން ފެނުނީ މެޑަމް ފާތުންނެވެ. ކެމްޕޭން އޮފީހުގެ އިދާރީ ކަންތައްތަކާއި ސޯޝަލް ކަންކަމަށް ހާއްސަ ކުރެވުނު ކެމްޕޭންތައް އެންމެ ބޮޑަށް ވިލަރެސް ކުރައްވަމުން ގެންދެވީ ސީދާ މެޑަމްގެ ބެއްލެވުމުގެ ދަށުންނެވެ. އެތަނުގައި މެޑަމް ނޫޅުއްވާ އިރެއް ވަރަށް މަދެވެ.
އެ ހިސާބުން ރައީސް ޔާމީންގެ ސިޔާސީ ހަޔާތުން މެޑަމް ފާތުން ފެނުނީ މުހިންމު ސަހުސިއްޔަތެއްގެ ގޮތުގަ އެވެ.
"ކެމްޕޭން ގުޅުން ހުރި ކޮންމެ ކަމެއް މެޑަމް ބައްލަވާނެ. އެތަން ދަމެއް ވަންދެން ވެސް މެޑަމް ހަމަ ނިދި ނުކުރައްވާ ވެސް ނަސަންދުރާގައި އެހެން މީހުންނާއެކު މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ދިޔައީ. ކޮންމެ ކަމެއް ކައިރިން ބައްލަވާ. ހިޔާލުތައް ވެސް ދެއްވާ،" ކެމްޕޭންގައި އިސްކޮށް އުޅުނު ބޭފުޅަކު ވިދާޅުވި އެވެ.
އެކަމަކު އާންމު ޕަބްލިކް ރެލީތަކުން އެކަމަނާ ފެނިވަޑައިގެންނެވީ އޭރު ވެސް މަދުންނެވެ. އެކަމަނާ ފްރޮންޓްލައިން ސްޓްރައިކަރަކަށް ވުރެ ބޮޑަށް ބެކް ބެންޗްގައި ހިދުމަތް ކުރައްވަމުން ދިޔަ ބޭކަނބަލެކެވެ. އެކަމަކު ފިރިކަލުން ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އެކަމަނާ މިހާރު ވަނީ ފިރިކަލުންނެކޭ އެއްގޮތަށް ފްރައުންޓް ލައިންގެ ސްޓްރައިކަރަކަށެވެ.
އެކަމަނާއަށް ހާއްސަ ސެކެރްޓޭރިއެޓެއް މުލިއޭގައި ހައްދަވާ އެތަނުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަ އެވެ. ގިނަ ބައްދަލުވުންތަކެއް ބާއްވަވަ އެވެ. އެކަމަނާގެ އޮފީހުގެ ފަރާތުން ގިނަ ހަރަކާތްތަކެއް އިންތިޒާމް ކުރެވިގެން އަންނަތަން ފެނެ އެވެ. ހާއްސަކޮށް ޒުވާނުންނާ ގުޅުން ހުންނަ ހަރަކާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭ ހަރަކާތްތަކާއި ދުވަސްވީ މީހުންނާ ގުޅިވައިގެން ހަރަކާތްތައް ރާވަ އެވެ. އަދި ސިޔާސީ ބައެއް ރެލީތަކާއި މިހެން ގޮސް އެތައް ކަމެއް ސީދާ އެ އޮފީހުގެ ބެލުމުގެ ދަށުން ރޭވެ އެވެ.
"އެންމެ އިސްކަމެއް ދެއްވާނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ދުވަސްވީ މީހުންގެ ކަންކަމަށް. އަޅުގަނޑުމެންނަށް އޮންނަނީ އެ ޑައިރެކްޝަން ދެއްވާފައި އެ ދާއިރާގެ ކަންކަން ހަމަޖެއްސުމަށް ފަހުގައި ނޫނީ އެހެން ކަންކަން ނުކުރުމަށް. އެއަށް ފަހު ސިޔާސީ ބައްދަލުވުންތައް ބާއްވަވާނީ،" އެބޭފުޅާ ވިދާޅުވި އެވެ.
ހާއްސައެހީއަށް ބޭނުންވާ ކުދިންނާއި ބައްދަލު ކުރެއްވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި އެ ކުދިން ބޭނުންވާ އެކި ސާމާނު ހަދިޔާ ކުރެއްވުމާއި އެ ކުދިން އުފާކޮށްލުމަށް ހާއްސަ ހަވީރުތައް ބޭއްވުމަކީ ސީދާ އެކަމަނާގެ އޮފީހުން ވިލަރެސް ކުރައްވައި އެކަމަށް ހަރަދު ކުރައްވާ ކަންކަމެވެ. އަދި ދުވަސްވީ މީހުންގެ ގޭގެޔަށް ޒިޔާރަތް ކުރައްވައި އެ މީހުންގެ ހާލުވެސް މެޑަމް ކައިރިން ބެއްލައްވަމުން ގެންދަވަ އެވެ.
ސިޔާސީ ފަޅިއަށް ދާއިރި އެކަމަނާ ފެންނަނީ ޕީޕީއެމްގެ މެންބަޝިޕް އިތުރު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. ހާއްސަ ގޮތެއްގައި އަންހެނުންގެ ބައިވެރިވުން ޕީޕީއެމްގެ ތެރޭގައި އިތުރު ކުރުމަށް މެޑަމް މަސައްކަތްތައް ފޯކަސް ކުރައްވާ ކަމަށް މެޑަމްއާ އެކު މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހާއްސަކޮށް އަންހެނުންނާއި ޒުވާނުންގެ ގޮފިތައް އަދި އަތޮޅު ތަކުގެ އެކި ރަށްރަށުން ވީހާ ވެސް ގިނަ ގޮފިތައް އުފައްދާ އޭގެ ތެރެއިން މެންބަރުން އިތުރު ކުރެއްވުމަކީ މެޑަމް ފާތުން ގެންގުޅުއްވާ ވިޝަންއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތްތަކުގެ ތެރެއިން މެޑަމްއަށް މަޖިލީހުގެ ގިނަ މެންބަރުންނާއި މި ޕާޓީގެ އިސް އެކްޓިވިސްޓުން އަދި އެހެން ވެސް ބޭފުޅުންގެ ތާއީދު އެހާ ބޮޑަށް ލިބިވަޑައިގަންނަވަނީ،" ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.
މެޑަމް ފާތުންގެ އެކި މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ޒުވާން އެކްޓިވިސްޓަކު ބުނީ މެޑަމް އަކީ އެންމެންނާ ވެސް ގުޅިގެން ބޮޑު ގޮނޑީގައި ނީންނަވާ އެކަމެއްގައި ބައިވެރިވެގެން މަސައްކަތް ކުރައްވާ ބޭކަނބަލެއް ކަމަށެވެ. މެޑަމްގެ އޮފީހުން ރާވައި ހިންގާ ހަރަކާތެއް އޮވެއްޖެ ނަމަ، އާންމު މެންބަރުންނާއެކު މެޑަމް ވެސް އެކަމެއް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ޒުވާނުން ކުރިއަށް ނެރެ، އެ ކުދިންނަށް ލީޑަޝިޕް ރޯލެއް ދީގެން މަަސައްކަތް ކުރައްވަން މެޑަމް އަށް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެންނާ އެކު މެޑަމް ވެސް މަސައްކަތުގައި އުޅުއްވާނެ. ކޮންމެހެން ބޮސީ ވެގެން ނޫޅުއްވާނެ. ކޮންމެ ކަމެއް ވެސް ރަނގަޅަށް ދޭތޯ ހަމަ ސީދާ ފީލްޑްގައި ހުންނަވައިގެން ވެސް ބައްލަވާނެ. ބައެއް ފަހަރަށް ސަމާސާ ވެސް ކުރައްވާ ހައްދަވާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މިޒާޖުފުޅު ހުންނަ ގޮތުން އެމަނިކުފާނަކީ އެހާ ބޮޑަށް އާންމުންނާ އިންޓަރެކްޓިވް ބޭފުޅަކަށް ނުވެ އެވެ. މެޑަމް ފާތުންގެ މަސައްކަތްތަކާ ހުރެ، އެ އުނިކަން ބައެއް ފަހަރަށް ނުފެންނަތަން އާދެ އެވެ. އެއީ ސޯޝަލް ގިނަ ހަރަކާތްތައް ރާއްވަވައި އެ ހަރަކާތްތަކުގެ ތެރޭގައި މެޑަމް ވެސް އަމަލީ ކޮށް އާންމުނާ އެކު އުޅުއްވުމުގެ ތެރެއިން ސަރުކާރުން އާންމުންނާ ދުރުކަމަކަށް ނުދައްކަ އެވެ. ހާއްސަކޮށް ކޮންމެހެން އެހީއަށް ބޭނުންވާ ފަރާތްތަކާ މެޑަމް ބާއްވަވާ ގާތްކަމުގެ ސަބަބުން އެ ފަޅު ކަމުގެ އަސަރެއް ނުފެނެ އެވެ.
މެޑަމް ފާތުންގެ އެންމެ ފާހަގަ ކޮށްލެވޭ ސިފައަކީ ކޮބައިތޯ ސުވާލުކޮށްލުމުން އެ އޮފީހުގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވީ، މީހަކު ޝަކުވާ އަކައިގެން އައިސްފި ނަމަ ކެތްތެރިކަމާއެކު މެޑަމް އެ ޝަކުވާއެއް އަޑުއައްސަވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯއްދަވަމުން އެ ހިނދުން އެ ހިދަށް މަސައްކަތް ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މެޑަމްއާ ބައްދަލު ކުރައްވަން އެދޭ ކޮންމެ ފަރާތަކާ ވެސް ބައްދަލު ކުރައްވައި އެ މީހުންގެ ވާހަކަތައް އަޑު އައްސަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހެނދުނު ގާތްގަނޑަކަށް އޮފީސް ފައްޓަވާނެ ހެނދުނު 10:00 އެހާކަން ހާއިރު. އެކި ފަރާތްތަކާ ބައްދަލު ކުރައްވައި ހައްދަވާނީ ފުރަތަމަ. ކަމެއް ދަތި ވެގެން ނޫނީ ކަންބޮޑުވެގެން ވާހަކައެއް ވިދާޅުވެއްޖެ ނަމަ ވަގުތުން އެހީތެރިވެ ވަޑައިގަންނަވާނެ. މެޑަމް ކައިރީ ކަމަކު އެދިގެން އެކަމެއް ނުކޮށްދީގެން މީހަކު ދިޔަތަނެއް ނުދެކެން،" އޭނާ ވިދާޅުވި އެވެ. "ވަރަށް އޯގާތެރިކޮށް މީހުންނާ ވާހަކަ ދައްކަވާނީ،"
މެޑަމް ފާތުން އާއިލީ ޒިންމާތަކަށް ފަހު ދެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މަސައްކަތްތަކަށް ކަމަށް އޭނާ ވިދާޅުވި އެެވެ. އޮފީހުގެ މަސައްކަތްތައް ބަރާބަރަށް ހިނގާތޯ ކޮންމެ ވަގުތަކު ވެސް ބައްލަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް އެ އޮފީހުން ކަމެއް ރާވާ ނަމަ، އެކަމެއް ދަނީ ރަނގަޅަށްތޯ އިރުއިރުކޮޅާހެން ބައްލަވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޮފީހުގެ އެއްވެސް ކަމެއް އަތުން ކައްސާލައިގެން ދިޔައެއް ނުދެއްވަ އެވެ.
މި ހުރިހާ ސަބަބަކާ ހުރެ މެޑަމް ފާތުން މި ފެނިވަޑައިގަންނަވަނީ އެހެން ފަސްޓް ލޭޑީންނަށް ވުރެ އަދި މާ ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ. ހިންގުންތެރި އެންމެ ފްރައުންޓް ލައިން ސްޓްރައިކަރެއްގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ ސިޔާސީ މަސައްކަތުގެ މައި އެއް ތަބުގެ ގޮތުގަ އެވެ. މިއީ ރާއްޖޭގެ ފަސްޓް ލޭޑީ އެއްގެ ކިބައިން އަދި ނުފެންނަ ސިފަ އެކެވެ.