ހަބަރު

އިބްތިހާލުގެ ހަށިގަނޑު ބެލި ފުލުހާ، އާފިޔާ ކުރާނެ ސުވާލެއް ނެތް

އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު އިބްތިހާލުގެ ހަށިގަނޑު ބަލައި ކްރައިމް ސީން ރިޕޯޓް ހެދި ފުލުހުންގެ އޮފިސަރު މިއަދު ހެކިބަސް ދޭން ހާޒިރު ކުރުމުން ކުރާނެ ސުވާލެއް ނެތް ކަމަށް އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު މަނިކު ބުނެފި އެވެ.

އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުސް މީހާ ބުނީ އިބްތިހާލުގެ ހަށިގަނޑު ބެލި ބެލުމުން ދުވަސްވީ ޒަހަމްތަކެއްގެ ލަކުނުތަކާއި ގިނަ ވަގުތު ނުވާ ޒަހަމްތަކެއް ވެސް ފެނުނު ކަމަށެވެ. އެގޮތުން ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާއާ ސުވާލު ކުރުމަށް އާފިޔާއަށް ފުރުސަތު ދިނުމުން އޭނާ ބުނީ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

މި ދެ ދައުވާއަށް ވެސް މީގެ ކުރިން އާފިޔާ ވަނީ އެއްބަސްވެފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާ ތަހުގީގުގައި ވެސް އިބްތިހާލު މަރުވި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލްކޮށް ކިޔައި ދީފައިވެ އެވެ. އަދި ތަހުގީގުގައި ބުދެއް ބޭނުން ކޮށްގެން އިބްތިހާލަށް ދިން އަނިޔާތައް ދައްކާފައިވެސްވެ އެވެ. އެ ތަހުގީގު ބަޔާން ޝަރީއަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދެއް ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.

އޭނާ އިއުތިރާފު އަނބުރާ ގެންދިޔައީ އޭނާގެ އަވަށްޓެރިއެއްގެ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި އާފިޔާ ބުނީ އިބްތިހާލަށް އޭނާ އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ކުރިން އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވީ ބަޔަކު ބިރު ދައްކައި މަޖުބޫރު ކޮށްގެން ކަމަށެވެ. އޭނާ އިއުތިރާފު ވެފައިވާ ބަޔާނެއް ދައުލަތުން ދެއްކުމުން ވެސް އާފިޔާ ބުނީ އެއީ ދޮގު ބަޔާނެއް ކަމަށެވެ. އޭގައި އާފިޔާ ސޮއި ވެސް ކޮށްފައިވެ އެވެ. ނަމަވެސް އާފިޔާ ބުނީ އޭނާ ސޮއި ކުރުމަށް އެ ބަޔާން ބަޔަކު ދީފައި ނުވާ ކަމަށެވެ. އޭނާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ މައްސަލާގައި ދެން ކުރިއަށް ދާން ބޭނުން ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ.

އާފިޔާގެ މައްސަލާގައި އެންމެ ފުރަތަމަ އާޒިމާ ޝުކޫރު ވަކީލެއްގެ ދައުރު އަދާ ކުރެއްވި އެވެ. ނަމަވެސް އޭރު ވެސް އާފިޔާ ގެންދިޔައީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނަމުންނެވެ. އާޒިމާ އެ މައްސަލަ ދޫކޮށްލެވީ ސަރުކާރުން މަގާމެއް ލިބި ވަޑައިގަތުމުންނެވެ. އެތައް އަޑުއެހުމެއްގައި ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން އެދުމުން ވެސް އާފިޔާ އެކަމާ ދެކޮޅު ހަދާފައިވެ އެވެ. ވަކީލަކު ބޭނުންވާ ކަމަށް ބުނެފައިވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަނެއްކާވެސް ވަނީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. މިއަދުގެ އަޑުއެހުމަށް ވެސް އޭނާ އައީ ވަކީލަކާ ނުލަ އެވެ.

މަރުގެ މައްސަލާގައި ދައުލަތުން އާފިޔާއާ ދެކޮޅަށް ޖުމްލަ 19 ހެއްކެއް ހުށަހެޅި އެވެ. އެންމެ ފުރަތަމަ އާފިޔާ، ދައުވާއަށް އެއްބަސްވުމުން ދައުލަތުން އެދުނީ އޭގެ ތެރެއިން ތިން ހެއްކެއްގެ ހެކި ބަސް ނެގުމަށެވެ. ނަމަވެސް އާފިޔާ މަރުގެ ދައުވާއަށް ވެސް އިންކާރު ކުރާތީ އެ ހުރިހާ ހެކިންގެ ހެކި ބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

އެތައް އަނިޔާއެއް ދިނުމަށްފަހު އިބްތިހާލު މަރާލާފައިވަނީ 2015 ވަނަ އަހަރު އެވެ. މީގެކުރިން ޝަރީއަތުގެ މަޖިލީހުގައި އޭނާގެ އަވަށްޓެރިއެއް ހެކި ބަސް ދެމުން ބުނެފައިވަނީ އިންތިހާލުގެ އަތުގައި ހިފައިގެން ދަމުން "ތަޅާ ތަޅާ މަރާލަންވީއޭ، އޭރަށް މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" އާފިޔާ ގޮވަމުން ދިޔަ ކަމަށެވެ. އަދި އިބްތިހާލު މަރުވި ދުވަހުގެ ކުރީ ރޭ އާފިޔާ އޭނާގެ ހަގު އަންހެން ދަރި އީރާ ގައިގާ ފަން ތޮށިގަނޑަކުން ޖެހުމުން ހޭނެތުނު ކަމަށް އާފިޔާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ އާފިޔާގެ ޝަރީއަތް ކުރިއަށް ގެންދެވީ ގާޒީ މުހުތާޒު ފަހްމީ އެވެ. ގާޒީ މުހުތާޒު މިހާރު ވަނީ ކުރިމިނަލް ކޯޓުން ވަކިވެވަޑައިގެންފަ އެވެ. މިހާރު އާފިޔާގެ ދެ މައްސަލަ ވެސް ބައްލަވަނީ ގާޒީ މުހައްމަދު ސަމީރެވެ.