ހަބަރު

އިބްތިހާލަށް އަނިޔާ ނުކުރާކަން ސާބިތު ކުރަން ހުށަހެޅީ ފިރިމީހާ

އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު އިބްތިހާލަށް އެކި ފަހަރު މަތިން އަނިޔާކޮށްފައިވާ ކަމަށް ބުނެ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށް ދިފާއީ ހެއްކެއްގެ ގޮތުގައި ފިރިމީހާ އިބްރާހިމް ޝަފީގްގެ ނަން ހުށަހަޅައިފި އެވެ. އެއީ އިބްތިހާލުގެ ދޮން ބައްޕަ އެވެ.

އާފިޔާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތް ފެށީ މިއަދު އެވެ. މީގެ ކުރިން އޮތީ އެ މައްސަލާގެ އިބްތިދާއީ އަޑުއެހުމެކެވެ. އިބްތިހާލު މަރާލި މައްސަލާގެ ދައުވާގެ ޝަރީއަތް ފެށި ގިނަ އަޑުއެހުންތަކެއް ވެސް އޮތީ ބާއްވާފަ އެވެ.

އެ ދެ ދައުވާއަށް ވެސް މީގެ ކުރިން އާފިޔާ ވަނީ އެއްބަސްވެފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާ ތަހުގީގުގައި ވެސް އިބްތިހާލު މަރުވި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލްކޮށް ކިޔައި ދީފައިވެ އެވެ. އަދި ތަހުގީގުގައި ބުދެއް ބޭނުން ކޮށްގެން އިބްތިހާލަށް ދިން އަނިޔާތައް ދައްކާފައިވެސްވެ އެވެ. އެ ތަހުގީގު ބަޔާން ޝަރީއަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދެއް ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.

ނަމަވެސް މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އޭނާގެ އިއުތިރާފު އަނބުރާ ގެންގޮސްފަ އެވެ. އެއީ މިއަދު އަހަރުގެ އޯގަަސްޓް މަހު އެވެ. އޭނާ އިއުތިރާފު އަނބުރާ ގެންދިޔައީ އޭނާގެ އަވަށްޓެރިއެއްގެ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި އާފިޔާ ބުނީ އިބްތިހާލަށް އޭނާ އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ކުރިން އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވީ ބަޔަކު ބިރު ދައްކައި މަޖުބޫރު ކޮށްގެން ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ބޭއްވި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ އަޑުއެހުމުގައި ވެސް އާފިޔާ އެ ވާހަކަތައް ތަކުރާރުކުރި އެވެ. އޭނާ އިއުތިރާފު ވެފައިވާ ބަޔާނެއް ދައުލަތުން ދެއްކުމުން ވެސް އާފިޔާ ބުނީ އެއީ ދޮގު ބަޔާނެއް ކަމަށެވެ. އޭގައި އާފިޔާ ސޮއި ވެސް ކޮށްފައިވެ އެވެ. ނަމަވެސް އާފިޔާ ބުނީ އޭނާ ސޮއި ކުރުމަށް އެ ބަޔާން ބަޔަކު ދީފައި ނުވާ ކަމަށެވެ. އޭނާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ މައްސަލާގައި ދެން ކުރިއަށް ދާން ބޭނުން ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ.

އާފިޔާގެ މައްސަލާގައި އެންމެ ފުރަތަމަ އާޒިމާ ޝުކޫރު ވަކީލެއްގެ ދައުރު އަދާ ކުރެއްވި އެވެ. ނަމަވެސް އޭރު ވެސް އާފިޔާ ގެންދިޔައީ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނަމުންނެވެ. އާޒިމާ އެ މައްސަލަ ދޫކޮށްލެވީ ސަރުކާރުން މަގާމެއް ލިބި ވަޑައިގަތުމުންނެވެ. އެތައް އަޑުއެހުމެއްގައި ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން އެދުމުން ވެސް އާފިޔާ އެކަމާ ދެކޮޅު ހަދާފައިވެ އެވެ.

މިއަދު ވަނީ ދެ ދައުވާގެ އަޑުއެހުމެއް ބާއްވާފަ އެވެ. އަޑުއެހުމަށް އަފިޔާ އައީ ވަކީލަކާ ނުލަ އެވެ. އޭނާ މިއަދު ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުން އޭނާއާ ސުވާލު ކުރި އެވެ. ވަކީލެއްގެ ހައްގު ދޫކޮށްލަނީ މަޖުބޫރު ކަމެއް އޮވެގެންތޯ އާއި ނޫންތޯ އަދި އޭގެ ނަތީޖާ އެނގޭތޯ ސުވާލުކުރި އެވެ. ޖަވާބުގައި އާފިޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ އިބްތިދާއީ ބައި ނިންމާލައި ޝަރީއަތް ފެށި އެވެ. އަދި އެ ދައުވާއަށް އިންކާރު ކުރަނީތޯ އާފިޔާއާ ސުވާލު ކުރި އެވެ. އާފިޔާގެ ސާފެއް ޖަވާބެއް ނަޔަ އެވެ. އޭނާ ބުނީ އިންކާރެއް ނޫން ކަމަށެވެ. އެކަމަކު އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށެވެ.

ސީދާ އިންކާރު ކުރާ ކަމަށް އާފިޔާ ނުބުނި ނަމަވެސް ދައުވާގައިވާ ކަންކަމަށް އޭނާ ސާފުކޮށް އިންކާރު ކުރާތީ ގާޒީ ނިންމެވީ އެއީ އިންކާރު ކުރުން ކަމަށެވެ. އެހެންވެ ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. އާފިޔާ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެންމެ ނަމެކެވެ. އޭނާގެ ފިރިހިމީހާ ޝިފާގުގެ ނަމެވެ. އެ ހެކި ހުށަހަޅަނީ ކޮން ކަމެއް ސާބިތުކުރަންތޯ އެހުމުން އާފިޔާ ބުނީ އބްތިހާލުގެ ވާހަކަ ދެއްކުމަށް ކަމަށެވެ.

އާފިޔާ، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. ނުވަ ހެއްކެއްގެ ދައުލަތުން ހުށަހެޅި އެވެ. އެ ހެކިތަކަކީ މަރުގެ މައްސަލާގައި ވެސް އާފިޔާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ހެކިންނެވެ. އެހެންވެ އެ ދެ މައްސަލަ އެކުގައި ގެންދިޔުމަށް ޝަރީއަތުން ނިންމި އެވެ. ދެން އޮންނާނީ ދެ މައްސަލާގައި ވެސް އެކުގައި ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމެވެ.

މަރުގެ މައްސަލާގައި ދައުލަތުން އާފިޔާއާ ދެކޮޅަށް ޖުމްލަ 19 ހެއްކެއް ހުށަހެޅި އެވެ. އެންމެ ފުރަތަމަ އާފިޔާ، ދައުވާއަށް އެއްބަސްވުމުން ދައުލަތުން އެދުނީ އޭގެ ތެރެއިން ތިން ހެއްކެއްގެ ހެކި ބަސް ނެގުމަށެވެ. ނަމަވެސް އާފިޔާ މަރުގެ ދައުވާއަށް ވެސް އިންކާރު ކުރާތީ އެ ހުރިހާ ހެކިންގެ ހެކި ބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

އެތައް އަނިޔާއެއް ދިނުމަށްފަހު އިބްތިހާލު މަރާލާފައިވަނީ 2015 ވަނަ އަހަރު އެވެ. މީގެކުރިން ޝަރީއަތުގެ މަޖިލީހުގައި އޭނާގެ އަވަށްޓެރިއެއް ހެކި ބަސް ދެމުން ބުނެފައިވަނީ އިންތިހާލުގެ އަތުގައި ހިފައިގެން ދަމުން "ތަޅާ ތަޅާ މަރާލަންވީއޭ، އޭރަށް މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" އާފިޔާ ގޮވަމުން ދިޔަ ކަމަށެވެ. އަދި އިބްތިހާލު މަރުވި ދުވަހުގެ ކުރީ ރޭ އާފިޔާ އޭނާގެ ހަގު އަންހެން ދަރި އީރާ ގައިގާ ފަން ތޮށިގަނޑަކުން ޖެހުމުން ހޭނެތުނު ކަމަށް އާފިޔާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ އާފިޔާގެ ޝަރީއަތް ކުރިއަށް ގެންދެވީ ގާޒީ މުހުތާޒު ފަހްމީ އެވެ. ގާޒީ މުހުތާޒު މިހާރު ވަނީ ކުރިމިނަލް ކޯޓުން ވަކިވެވަޑައިގެންފަ އެވެ. މިހާރު އާފިޔާގެ ދެ މައްސަލަ ވެސް ބައްލަވަނީ ގާޒީ މުހައްމަދު ސަމީރެވެ.