ހަބަރު

ޒިޔާތުގެ 30 ދައުވާ: އާ ހެކި ހުށަހަޅައި ސިއްރު ބައެއް ހެކިން ހާމަކުރަނީ

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާ ސާބިތުކުރުމަށް ދައުލަތުން މިއަދު އިތުރު ހެކިތަކެއް ހުށަހަޅައިފި އެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 30 ދައުވާގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި އޮތްއިރު އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ޝަފަވީ ހެއްކަކާއި ޑިޖިޓަލް ހެކިތަކެއް ހުށަހަޅާފަ އެވެ. އާ ޝަފަވީ ހެކިންނަކީ މ. ލޭންޑްއޮފްގާޑަން އަހުމަދު އިޝްފާހު އަލީ އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފެވެ. އެ ދެ މީހުންގެ ހެކީގެ ގޮތުގައި ހުށަހަޅަނީ ރަށްތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ އިކިއުޒިޝަން ކޮސްޓްއާ ހަވާލުވުމަށްފަހު އެ ޗެކްތައް އެސްއޯއެފްގެ އެކި މީހުންނާ ހަވާލުކުރިކަން ސާބިތުކުރުމަށެވެ.

ޑިޖިޓަލް ހެކިތައް މިއަދު ހުށަހަޅައެއް ނާޅަ އެވެ. އޭގެ ތަހުލީލުތައް ނިންމުމަށްފަހު ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ. އާ ހެކިތަކަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެހެން އިދާރާތަކާ ގުޅިގެން ހިންގާ ތަހުގީގަށް ލިބިފައިވާ ހެކިތަކެކެވެ.

އެ ހެކިތައް ބަލައިނުގަތުމަށް ޒިޔަތުގެ ފަރާތުން އެދުނެވެ. ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އިޝްފާހާއި އައްލާމް އަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ އަދި ފުލުހުން ހޯދުމަށް ވެސް އިއުލާން ކުރި ބައެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވެސް އެ ދެ ހެކި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ތުހުމަތެއް ކުރެވުމަކީ އެމީހެއްގެ ހެކި ބަސް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނޫންކަން މަތީ ކޯޓުތަކުގެ ނިންމުންތަކުން އެނގޭ ކަމަށެވެ. ކުށް ސާބިތުވެފައި ތިބޭ މީހުންގެ ހެކި ބަސް ބައެއް ހާލަތްތަކުގައި ބަލައިގަނެވޭނެ ކަމަށެވެ. ހެކި ބަހަށް ބާރު ލިބޭ އެހެން ހެކި ހުރިނަމަ އެފަދަ މީހުންގެ ހެކި ބަސް ބަލައިގަނެވޭނެ ކަމަށް ހައިކޯޓުން ވެސް ކަނޑައަޅާފަައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އާއި ޒިޔަތުގެ މައްސަލައަކީ މުޅިން ތަފާތު ދެ ގޮތަކަށް ހިނގާފައިވާ މައްސަލަތަކެއްކަން ދައުލަތުން ފާހަގަކުރި އެވެ. އެގޮތުން ރައީސް ޔާމީންގެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލަން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ޒިޔަތުގެ މައްސަލައަކީ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުން ލާޒިމް މައްސަލައެއް ކަމަށެވެ. ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްސަަލަގައި އެ ހެކިން ބަލައިނުގަތީ ތަހުގީގު ފުރިހަމަ ކުރުމަށް މުއްދަތު ލިބިފައިވާތީކަން ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުން މިއަދު ބުނި ގޮތުގައި މައްސަލާގައި ހިމެނޭ ހެއްކެއްގެ ހެކި ބަސް ސިއްރު ނުކުރަން މިހާރު ވަނީ ނިންމާފަ އެވެ. އެ ހެކިވެރިޔާގެ ސިއްރުކަން ހިފަހައްޓަން ބޭނުން ނުވާ ސަބަބެއް ދައުލަތުން ނުބުނެ އެވެ. ދެން މައްސަލާގައި ހިމެނޭ އެހެން ސިއްރު ހެކިވެރިންގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯ އިތުރަށް ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އޭގެއިތުރުން ކުރިން ޒިޔަތަށް ނުދޭ ބައެއް މައުލޫމާތުތައް ވެސް ފޯރުކޮށްދޭން ދައުލަތުން މިއަދު ނިންމި އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ އިތުރުން ބައެއް ބޭންކް ސްޓޭޓްމަންޓްތައް ދޭން ނިންމި އެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީއިން ބީއެމްއެލްއަށް ހުށަހަޅާފައިވާ އެ ކުންފުނީގެ ބޯޑް ރިޒޮލިއުޝަނެއް ހޯދުމަށް ޒިޔަތު އެދުމުން އެ ފޯރުކޮށްދިނުމަށް ވެސް ދައުލަތުން އެއްބަސްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އާ ހެކިން ބަލައިގަތުމާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމުމަށެވެ. އަދި ކުރިން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ދެން އޮންނަ އަޑުއެހުމެއްގައި ނެގުމަށެވެ.

ޒިޔަތުގެ މައްޗަށް މިހާތަނަށް ސާބިތުވެފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ އެންމެ މައްސަލައެކެވެ. އެއީ ޅ. މާބިންހުރާ މައްސަލަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ޒިޔަތު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.