ހަބަރު

ސްޕޭނު ކްލަބަކާއެކު ރާއްޖެ އިޝްތިހާރު ކުރަން 2.7 މިލިއަން ޑޮލަރު

ރާއްޖޭގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ބޮޑު ކްލަބެއްގެ ޖޯޒީގައި ޖަހަން ނިންމާ އެކަން މިރޭ އިއުލާން ކޮށްފި އެވެ.

އަންނަ މަހު ލަންޑަންގައި ފަށާ ޑަބްލިއުޓީއެމަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިޝްތިހާރު ޖަހަނީ ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ޖޯޒީ އާއި ސްޓޭޑިއަމް އަދި އެ ޓީމުގެ ޕްރެކްޓިސް ކިޓުގައި ކަމަށެވެ. އިސްތިހާރުގައި ބޭނުން ކުރާނީ "ވިޒިޓް މޯލްޑިވްސް" ލޯގޯ އެވެ. މި ޕެކޭޖަށް އަހަރަކު 900،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ.

ތިން އަހަރުގެ ޖުމްލަ އަގަކީ 2.7 މިލިއަން ޑޮލަރެވެ. ލަލީގާގެ 18 ވަނައާއެކު ރެލިގޭޝަން ޒޯނުގައި އޮތް ސެލްޓަވީގޯއާއެކު އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު ބާއްވާ ބައިނަލްއަގުވާމީ ނިއުސް ކޮންފަރެންސެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެކްހާއެކު ހިމެނޭ މި ޕެކޭޖަކީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖެ އިޝްތިހާރު ކުރަން ދިޔަ އެހެން ހަރުފަތެއް ކަމަށެވެ. މި އިޝްތިހާރުތައް ތިން އަހަރު ދުވަހަށް ކުރިއަށްގެންދާނެ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަޅުގަނޑުމެންނަށް ވަރަށް އިފެކްޓިވް އަގެއްގަ ލިބިގެންދާ ވަރަށް ބޮޑު ތަފާތު އިޝްތިހާރު ކުރުމެއް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ތާރީހުގައި ރާއްޖެ އިޝްތިހާރު ކުރުމަަށް މިއީ އަޅުގަނޑުމެންނަށް ދެވޭ އެހެން ލެވެލް އެއް"

މިނިސްޓަރު ވިދާޅުވި ގޮތުގައި ބާސެލޯނާ އާ ދެކޮޅަށް ސެލްޓަވީގޯ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗުގައި ސެލްޓަ ވީގޯ ނިކުންނާނީ ރާއްޖޭގެ އިޝްތިހާރު ޖަހާފައިވާ ޖޯޒީގަ އެވެ.

"ފާހަގަކޮށްލަން މި އެއްބަސްވުމުގެ ދަށުން ސެލްޓަ ވީގޯގެ އޮފިޝަލް ސްޕޮންސަ އަދި އޮފިޝަލް ޓޫރިޒްޓް ޑެސްޓިނޭޝަން ކަމުގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް ޖޯޒީގަ އާއި ޓްރެއިން ޖޯޒީގެ އިތުރުން ސްޓާފުންގެ ޔުނިފޯމުގައިވެސް "ވިޒިޓް މޯލްޑިވްސް" ލޯގޯ ބޭނުންކުރަމުން ދާނެ. އަދި ފިހާރަތަކުގައި ވިއްކަން ބެހެއްޓިފައި ހުންނަ ޖޯޒީ ތަކާއި ކްލަބް ދަތުރު ކުރާ ބަހުގައިވެސް މި ލޯގޯ ހުންނާނެ"

ސްޕެއިންއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށްވުމާއެކު، މިކަމުގެ ސަބަބުން ސްޕެއިން މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.