މި ހިސާބަށް އަންނަން ކުރާ ދަތުރު ދިގެވެ. އެކަމަކު ދެ ތަނެއްގައި މަޑު ކުރުމަށްފަހު މި ތިބީ ސްޕޭންގެ އެންމެ ހުޅަނގުގައި އޮންނަ އެންމެ ހިތްގައިމު އެއް ސިޓީ ކަމަށްވާ ވީގޯގަ އެވެ. ވީގޯ އަށް މި ދަތުރު ނިންމަން ނެގި ވިއްސަކަށް ގަޑިއިރުގެ ދަތުރުގެ ސަބަބުން ބުރަ ކައްޓަށް ވެފައި ހުރި ވާންކަން ފިލައިފިކަމުގެ އިހުސާސް ކުރެވުނީ މިތަނުގައި ފައި ޖެހުމުންނެވެ. ޔޫރަޕަށް ހޫނު މޫސުން ނިމި ފިނި މޫސުން ފެށެން ކައިރިވަމުންދާއިރު، ވީގޯގެ މާހައުލު ވެސް ދަނީ މަޑުމަޑުން އެ މިސްރާބަށެވެ. މޫސުން ދަނީ ބަދަލުވަމުންނެވެ. މި ތަނަށް ކުޑަކޮށް ބައެއް ފަހަރު ވާރޭ ވެހެލުމުން ރަށު ތެރެ އިން ފެންނަ ރީތިކަން އިތުރަށް ފުރިހަމަކޮށްދެ އެވެ. މި ހިތްގައިމު މާހައުލުގައި ރާއްޖެ މާދަމާ އާ ދަތުރެއް ފަށާނެ އެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ފަށާ މި ދަތުރު ވެގެން ދާނީ ރާއްޖޭގެ މަގުބޫލުކަން މުޅި މި ބައްރުގައި ފަތުރާލާނެ ބޮޑު ކަމަކަށެވެ. މިކަން ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމްގެ ރީތި ވާހަކަ ސްޕޭންގެ އެންމެ ހުޅަނގުން މުޅި ދުނިޔެއަށް ފެތުރިގެން ދާނެ ބޮޑު ކަމަކަށެވެ.
"ޔޫރަޕުގެ މަޝްހޫރު [ސެލްޓަ ވީގޯ] ފަދަ ކްލަބެއްގައި ރާއްޖޭގެ އިޝްތިހާރު ޖެހުން ވާނީ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރި އެރުމަކަށް. ދިގު މުއްދަތެއްވަން ދެން ފައިދާ ފެންނާނެ ކަމަކަށް. މިއީ ހަމައެކަނި ސްޕޭންގައި ވާނެ އިޝްތިހާރެއް ނޫން، މުޅި ޔޫރަޕުގައި މި ވާހަކަ ދައްކާނެ،" ރާއްޖޭގެ އެންމެ ދުވަސްވީ ޓުއާ އޮޕަރޭޓަރު ކެޕިޓަލް ޓްރެވަލްގެ ވެރިޔާ، ޔޫސުފު ރިފްއަތު (ކެޕިޓަލް ރިއްފަތު) ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ އެންމެ ސީނިއާ ބޭފުޅުން ވެސް ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ބްރޭންޑިން އިޝްތިހާރު ކުރަން މިހާރު "މިސް" ވަނީ މިފަދަ ކަންކަމެވެ. ރާއްޖޭން ފޯކަސްކޮށް ސޯޝަލް މީޑިއާ މާކެޓިން ކެމްޕޭންތައް ކުރެ އެވެ. އަދި ރާއްޖޭން ކޮންމެ އަހަރަކު އެތަކެއް ޓޫރިޒަމް ފެއާގައި ބައިވެރިވާއިރު، މީގެ ކުރިން އިޝްތިހާރު ކުރަން މިފަދަ ކަމެއް ކުރުމަށް އިސް ނަގާފައެއް ނުވެ އެވެ.
ޓޫރިޒަމް ސިނާއަތުގައި ދުވަސްވީ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ރާއްޖޭގެ ބްރޭންޑިން އިޝްތިހާރު ކުރަން ބޭރުގެ ފުޓުބޯޅަ ކްލަބުތަކުގައި އިޝްތިހާރު ޖަހަން ކުރިން އެތައް ފަހަރަކު ސަރުކާރަށް ލަފާ ދެއްވާފައިވާނެ ކަމަށެވެ.
"މިދިޔަ ސަރުކާރުގައި ވެސް އޭގެ ކުރިން ވެސް އަޅުގަނޑުމެން އެދުނިން. ރާއްޖޭގެ ވާހަކަ މިހާރަށް ވުރެ ރީތި ގޮތަކަށް ފެންނާނެ ގޮތެއް ހަދައިދޭން. ވިޝުއަލް ވަރު ގަދަ ކޮށް ފެންނާނެ ގޮތެއް ހަދަން. އެކަމަކު ހަމަ އެކަމެއް ނުވި. ހަމަ ދަނީ ފެއާ އަށް. އެހެން ކަމެއް ނުކުރެވޭ. އެކަމަކު [ސެލްޓަ ވީގޯ] ގައި ރާއްޖޭގެ ބްރޭންޑިން ޖެހުމަކީ ރާއްޖޭގެ ސްޓޯރީ ވަރަށް ރީތިކޮށް މުޅި ދުނިޔެ އަށް ފެންނާނެ ކަމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ދިވެހި އޮޕަރޭޓަރެއް ކަމަށްވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި ގޮތުގައި ރާއްޖެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން އިޝްތިހާރު ޖަހަން ޖެހޭ ކަމަށެވެ.
"މިއީ ބްރޭންޑިން ޕަވާ މަތި ކުރަން އެހެން މީހުންވެސް ކުރާ ކަމެއް. މީގެން ދުނިޔެ އަށް ގެންނާނީ ރާއްޖެ އެތައް މިލިއަން ބަޔަކު ކޮންމެ ދުވަހަކު މެޗު ބަލާނެ. މިކަން ކުރަން ހަގީގަތުގައި ލަސް ވެއްޖެ. އެކަމަކު މިއީ ފެށުމެއް ކަމަށް އުންމީދު ކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
ރާއްޖެ އިން ސެލްޓަ ވީގޯއާއެކު އަހަރަކު 900،000 އެމެރިކާ ޑޮލަރަށް ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ.
ރާއްޖެ-ސެލްޓާ އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން ގާތްގަނޑަކަށް 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ. މި ވަރުގެ ކްލަބެއްގައި އިޝްތިހާރު ކުރަން މި އަދަދު އެކަށީގެންވޭ ހެއްޔެވެ؟ މި އަގުގައި އިޝްތިހާރު ކޮށްގެން އެކަށީގެންވާ އެކްސްޕޯޝާއެއް ރާއްޖެއަށް ލިބޭނެ ހެއްޔެވެ؟ އެކަށީގެންވާ ސަމާލުކަމެއް ރާއްޖޭގެ ބްރޭންޑިން އަށް ލިބޭނެ އެވެ؟ ސެލްޓަ ވީގޯއަކީ ކިހާ ވަރެއްގެ ޓީމެއް ހެއްޔެވެ؟
ސެލްޓަ ޑެ ވީގޯ ނުވަތަ ސެލްޓަ ވީގޯ އުފެދުނީ 1923 ވަނަ އަހަރު އެވެ. މި ކްލަބް އުފެއްދީ ސްޕޭންގެ މި ސިޓީ އަށް ނިސްބަތްވާ ކުލަބެއް ސްޕެއިންގެ އެންމެ މަތީ ލެވަލްގެ ފުޓްބޯޅަ އަށް ނެރުމަށެވެ. ސެލްޓަ ވީގޯގެ ފުޓްބޯޅަ ފިލޯސަފީ އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ، ޒުވާން ކުޅުންތެރިން އުފައްދައިގެން ޑިވްލޮޕްމަންޓަށް މަސައްކަތް ކުރުމެވެ. ސްޕެއިންގެ ކިންގް ކަޕް ނުވަތަ ސްޕެނިޝް ކަޕްގެ ފައިނަލުގައި ތިން ފަހަރަށް އެ ޓީމުން ކުޅެފައިވެ އެވެ. ސެލްޓަވީގޯގެ އެކެޑެމީއަކީ މިހާރު ސްޕެއިންގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ފާހަގަ ކޮށްލެވޭ އެކެޑެމީއެކެވެ. އެ ކުލަބުގެ އެކެޑެމީ ބިނާވެފައި ވަނީ ބޮޑު އަދަދަކަށް ވުރެ ރަނގަޅު ފެންވަރެއްގެ ކުޅުންތެރިން ތަކެއް ނެރުމެވެ. އެ ކުލަބުގެ އެކެޑެމީގެ ކޮންސެޕްޓް ކަމުގޮސް މެކްސިކޯ އިން ދިން ފުރުސަތުގައި ސެލްޓަ ވީގޯގެ ތިން އެކެޑެމީއެއް މެކްސިކޯގެ ތިން ސިޓީއެއްގައި ގާއިމު ކޮށްފައިވެ އެވެ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު 2012 ވަނަ އަހަރު ސްޕެނިޝް ލީގަށް ކޮލިފައި ވެސް އެ ޓީމުން ދަނީ ލީގްގައި ދަމަހައްޓަމުންނެވެ. އަދި 2015/16 ގެ ސީޒަންގައި އެ ޓީމުން ވަނީ ލީގްގެ ގަދަ ހައެއްގެ ތެރޭގައި ހިމެނިފަ އެވެ. މިހާރު އެޓީމު އޮތީ ލީގުގެ 18 ވަނާގަ އެވެ.
ސެލްޓަ ހިމެނެނީ ލަ ލީގާގައި ކުޅޭ ޓީމުތަކުގެ ތެރެއިން ޓީވީ އޯޑިއަންސް ހަތް ވަނަ އަށް އެންމެ ގިނަ ކްލަބުގެ ގޮތުގަ އެވެ. އެ ކްލަބުގެ ސްޓޭޑިއަމް އަށް އަހަރެއްގެ މައްޗަށް މެޗު ބަލަން އެކަނި މިލިއަނެއްހާ މީހުން ވަދެ އެވެ. މީގެ އިތުރުން މި ޓީމު ހިމެނެނީ ދުނިޔޭގައި އެންމެ ފޭން ބޭސް ބޮޑު 12 ޓީމުގެ ތެރޭގަ އެވެ. ސޯޝަލް މީޑިއާ އިން މި ޓީމު ފޮލޯ ކުރާ އާބާދީ 15 ބިލިއަނަށް ވުރެ މައްޗެވެ. އަދި މި ކްލަބް ވެގެންދަނީ ލަ ލީގާގެ ޓީމުތަކުގެ ތެރެއިން ސޯޝަލް މީޑިއާ އެންގޭޖުމަންޓް އެންމެ މަތީ ތިން ކްލަބުގެ ތެރޭގަ އެވެ. ސެލްޓާ ޓީމުގައި ތިބި 26 ކުޅުންތެރިންގެ ސޯޝަލް މީޑިއާގެ ފޮލޯވާސްގެ ޖުމްލަ އަދަދު 14 ބިލިއަނަށް ވުރެ މައްޗެވެ. މި ކުޅުންތެރިންގެ ތެރޭގައި ލާގޯ އަސްޕަސް އާއި ޕެޕޭ އާއި ސެންތަ މީނާ އަދި ޑޭވިޑް ކޯސްޓަސް ހިމެނެނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބައެއް ކުޅުންތެރިންނަށެވެ.
ސެލްޓާގެ ކޮމާޝަލް ޑިރެކްޓަރު ކާލޯސް ސަލްވާޑޯ ވިދާޅުވި ގޮތުގައި ރާއްޖެ- ސެލްޓާ އެއްބަސްވުމުގެ ދަށުން ހަމައެކަނި މަގުބޫލުކަން ލިބޭނީ ސްޕޭން އިން އެކަނި ނޫނެވެ. އެ ޓީމުގައި ސްޕޭން ނޫން އެހެން ގައުމުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ތިބުމާއި ދުނިޔޭގައި އޮތް މަގުބޫލުކަމުގެ ސަބަބުން މުޅި ދުނިޔޭގައި ވަކިވަކި ކުޅުންތެރިންގެ ފޭން ބޭސް މަތިވުމަކީ ސްޕޮންސަރުންނަށް ލިބޭނެ އެކްސްޕޯޝާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބްރޭންޑިން އިޝްތިހާރު ކުރަން ބޭރުގެ ކްލަބެއްގައި ފަށާއިރު ދުނިޔޭގެ އެހެން ގައުމު ތަކުން މިކަން ކުރާތާ ގިނަ ޒަމާންތަކެއް ވެއްޖެ އެވެ.
ރާއްޖެ އަށްވުރެ، ބޮލަކަށް ޖެހޭ އާމްދަނީ މާ ކުޑަ ގައުމު ތަކުން މިކަމުގައި އޮތީ މާކުރީގަ އެވެ. ރާއްޖޭގެ ޓޫރިޒަމް 47 އަހަރުތެރޭ އެނދުގެ އަދަދު ބައި ލައްކަ އަށް އެރިއިރު ޕްރޮމޯޝަނަށް މިހާތަނަށް އެވަރެޖު ގޮތެއްގައި ހޭދަ ކުރަމުން ގޮސްފައި ވަނީ އެންމެ ތިން މިލިއަން ޑޮލަރެވެ. ނަމަވެސް ޕްރިމިއަ ލީގުގެ މަޝްހޫރު އާސެނަލް ފަދަ ކްލަބްތަކުގެ ޖޯޒީގައި ޔުގެންޑާ ފަދަ ގައުމުތަކުން އިޝްތިހާރު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ގައުމުން މި ޕްރޮމޯޝަނަށް އަހަރަކު އެކަނި ފަސް މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަ ކުރެ އެވެ. މިދިޔަ އަހަރު ލަންޑަންގައި ބޭއްވި ޑަބްލިއުޓީއެމް ފެއާގައި ހުރި ޔުގެންޑާގެ ސްޓޯލުގައި އާސެނަލްގެ ޖޯޒީ ދައްކާލަން ބަހައްޓާފައި ހުއްޓެވެ.
އެ މީހުން ބުނި ގޮތުގައި އެ ޕްރޮމޯޝަންގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ޓޫރިޒަމަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ކުރިއެރުމެއް ވަނީ ލިބިގެން ގޮސްފަ އެވެ. މި ފަދަ ޕްރޮމޯޝަންތަކުގެ ރީތި ވާހަކައަކީ މި އެވެ. ރާއްޖެ އިން ސެލްޓާގައި އިޝްތިހާރު ކުރުމުގައި މީގެ އިތުރުން ވެސް އިތުރު ވެސް ރާއްޖެއަށް އިތުރު ގިނަ ފައިދާތަކެއް ހޯދަން ނިންމާފައިވާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ. މި ޕާޓްނާޝިޕްގެ އެއް މަގުސަދަކީ ރާއްޖޭގެ ފުޓުބޯޅަ އަށް މުސްތަގުބަލުގެ ޖީލެއް ބިނާ ކުރުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މި ކަމުގައި [ސެލްޓަ ވީގޯ] ގައި އިޝްތިހާރު ޖެހުމުގައި ބެލީ އަގާ ބަލާފަ ރާއްޖެ އަށް ޓޯޓާލީ އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ؟ އެހެންވީމަ 9 ލައްކަ ޑޮލަރު އަހަރަށް ބަލާއިރު ދުނިޔޭގައި ނިސްބަތުން ބަލާނަމަމ މިއީ ހެޔޮ އަގެއް. މީގައި މި ބަލަނީ ފަތުރުވެރިކަމުގެ އިޝްތިހާރަކަށް ވުރެ ބޮޑަށް ކުރިއަށް ދާން،" އެފްއޭއެމް ހިންގާ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ، އަލީ ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ޓޫރިޒަމް ޕްރޮމޯޓް ކުރަން މުޅިންއާ ކަމެއް ކުރަން މި ވަނީ ތައްޔާރުވެފަ އެވެ. އަލަށް ގެންނަ މި ބަދަލާއެކު ރާއްޖެ ޕްރޮމޯޓް ކުރުމާއެކު ރާއްޖެއަށް އިތުރު ދޮރު ތަކެއް ހުޅުވިގެންދާނެ އެވެ. މި ހުރިހާ ކަމެއްގެ ވާހަކަ ފެށިގެން މި އަންނަނީ ސްޕޭންގެ އެންމެ ހުޅަނގުގައި އޮންނަ ވީގޯ އިންނެވެ. ސިނާއީ މަސައްކަތް ތަކަށް މަޝްހޫރު ވީގޯ އިން ފަށާ މި ވާހަކަ މުޅި ދުނިޔޭގައި ފެތުރޭނެ އެވެ.