ވިޔަފާރި

ސްޕޭން މާކެޓު ރަނގަޅު ވެގެންދާނެ: ވިޔަފާރިވެރިން

Nov 6, 2019
2

ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ސެލްޓްވީގޯގެ ޖޯޒީ އާއި އެހެން ބައެއް ފެސިލީޓިޒްތަކުގައި ރާއްޖޭގެ އިޝްތިހާރު ޖެހުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާ، އޭގެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް ޓޫރިޒަމް ވިޔަފާރިވެރިން ބުނެފި އެވެ.

ލަންޑަންގެ އެކްސެލް ލަންޑަންގައި މިހާރު ކުރިއަށް ދާ ޑަބްލިއުޓީއެމް ފެއާގައި ތިބި ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސްޕެނިޝް ލީގުގެ ޓީމެއްގައި ރާއްޖޭގެ ބްރޭންޑްގެ އިސްތިހާރު ޖެހުމަކީ ރާއްޖެއަށް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމެއް ކަމަށާ އޭގެ ފައިދާ ކުރިއަށް އޮތް އެއް އަހަރާއި ދެ އަހަރުތެރޭގައި ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޑަބްލިއުޓީއެމް ފެއާގައި ހުންނަވާ، ސަން ލޭންޑް ކުންފުނީގެ ވެރިޔާ، މުހައްމަދު ނަޒީރު (ސަން ލޭންޑް ނަޒީރު) ވިދާޅުވި ގޮތުގައި ސެލްޓަވީގޯގައި ރާއްޖެ ސްޕޮންސާ ޖެހުމަކީ ޓޫރިޒަމަށް އޮތް ރަނގަޅު ފައިދާ އެކެވެ.

"ވަރަށް ރަނގަޅު ކަމެއް މިއީ. ކުރިއަށް އޮތްތަނުގައި މި މާކެޓް ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ،" ނަޒީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސްޕޭނުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައިސްފައިވަނީ 26,438 މީހުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 23,160 މީހުންނާ އަޅާބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ.

ޑަބްލިއުޓީއެމަށް ވަޑައިގެން ހުންނެވި ތްރީއޭ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ މޫސާ ޝިޔާމް އަވަސްއަށް ވިދާޅުވި ގޮތުގައި ސްޕެއިނަކީ ރާއްޖެއަށް ކުރިން ރަނގަޅު މާކެޓެކެވެ. ނަމަވެސް، މިހާރު ދަށް އެ މާކެޓް އާ ސްޕޮންސާގެ ސަބަބުން ރާއްޖެއަށް ރަނގަޅުވާނެ އެވެ.

"ހަގީގަތުގައި ކުރަންޖެހޭ ކަމެއް މިއީ. މިއީ ޔުނީކް ކަމެއް... މިއީ ވަަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ދުނިޔޭގެ އެންމެން ވެސް ދަންނަ ކަމެއް މިއީ،" ޝިޔާމް ވިދާޅުވި އެވެ.

ރަހާ ރިސޯޓްގެ ވެރިޔާ މޫސާ މަނިކް ވިދާޅުވި ގޮތުގައި ލަލީގާގެ ކްލަބެއްގައި ރާއްޖެ އިސްތިހާރު ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާ، ޕްލޭން ކޮށްގެން އެފަދަ އިސްތިހާރު ގިނައިން ކުރަން ޖެހެ އެވެ.

"އިޝްތިހާރު ކުރަން ކުރާ ކޮންމެ ކަމެއް ވެސް ރަނގަޅުވާނެ. އެކަމަށް ތާވަލެއް ކަނޑައަޅަން ޖެހޭ. ބޮޑު ސްޓޭޑިއަމްއެއްގައި ރާއްޖޭގެ އިޝްތިހާރު ކުރުމަކީ ރަނގަޅު ކަމެއް. ރާއްޖެ ފެނިގެންދާނެ. އިންޑަސްޓްރީގެ ލަފާގެ މަތިން މިކަހަލަ ގިނަ ކަންތައް ކުރަންވީ،" މޫސަ ވިދާޅުވި އެވެ.

ސްޕެއިން މާކެޓުން ޓޫރިސްޓުން ގެންނަ ބޭރުގެ ޓްއާ އޮޕަރޭޓަރު ކުންފުންޏަކުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ސްލެޓަ ވީގޯ ފަދަ ޓީމު ތަކަކީ ފޭން ބޭސް ބޮޑު ކްލަބަކަށް ވުމުން އޭގެ ފައިދާ ފެންނާނެ އެވެ.

"ރާއްޖޭން ނެގި ރަނގަޅު ޑިސިޝަނެއް މިއީ. އެ އިޝްތިހާރު ޖެހީމަ އަހަރެމެނަށް ވެސް ކޯލް ތަކެއް ލިބުނު. އޭގެ މައުލޫމާތު ހޯދަން މީހުން ގުޅާ ހެދި. އެހެންވީމަ އެނގޭ މީގެ މައުލޫމާތު އެބަ ދައުރު ކުރޭކަން. އެހެންވީމަ މިއީ ވަރަށް ރަނގަޅު ނިންމުމެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއިން ސެލްޓަވީގޯއާއެކު އިސްތިހާރު އެއްބަސްވުމެއް ހެދީ ތިން އަހަރަށް އަހަރަކު ނުވަލައްކަ އެމެރިކާ ޑޮލަރަށެވެ. އެއީ ތިން އަހަރަށް 2.7 މިލިއަން ޑޮލަރު ހޭދަ ކުރާ ގޮތަށެވެ.