އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގަށް މައުލޫމާތު ސާފު ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާޒިރުކޮށް ފުލުހުން ސުވާލު ކޮށްފި އެވެ.
މިނިސްޓަރު ޒަހާ މިރޭ އަވަސްއަށް ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ފުލުހުން ބޭނުންވި މައުލޫމާތު ފުލުހަށް ހިއްސާ ކޮށްދެއްވާފައިވާނެ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުން މިއަދު ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެކި މީހުން ހާޒިރުކޮށް މައުލޫމާތު ހާޒިރު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ހާޒިރު ކުރެވޭ މީހުންގެ ނަންތައް މި ވަގުތަށް ހާމަ ކުރެވެން ނެތް ކަމަށެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޕްރޮސެކިއުޓާ އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ހިނާޔާތުގެ ފައިސާއިން މަންފާ ހޯދި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެންބަރުން ހިމެނިވަޑައިގަންވާ ގޮތަށް މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުން ވެސް އެބަ ތިއްބެވި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބިޝާމް ފާހަގަ ކުރެއްވި ވަޒީރުންގެ ތެރޭގައި މިނިސްޓަރު ޒަހާ ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ލިސްޓުގައި ހިމެނޭ ކަމަށް ބިޝާމް ފާހަގަ ކުރެއްވި ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. އެ ދެ މިނިސްޓަރުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަތް ބޭފުޅަކު ހިމެނޭ ކަމަށް ނޫސްވެރިންނާ ބައްދަލުކޮށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކުރީ ސަރުކާރުގެ އިސް 30 ބޭފުޅަކާއި މަޖިލީހުގެ ކުރީގެ 44 މެންބަރަކާއި މަޖިލީހުގެ މިހާރުގެ 16 މެންބަރެއްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ފަސް ބޭފުޅުންނާއި ސަލާމަތީ ހިދުމަތްތަކުގެ ހަތް އޮފިސަރުން ލިސްޓުގައިވާ ކަމަށް ފުލުހުން ބުނެ އެވެ.