ހަބަރު

ރާއްޖެ- ސެލްޓަ ވީގޯ ސޮއި ކުރުން ޓީވީއެމުން ދައްކަނީ

ސްޕެއިންގެ ވީގޯއިން: މުހައްމަދު އަފްރާހު
Nov 3, 2019

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން، ސެލްޓަ ވީގޯއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ޓީވީއެމް އިން މާދަމާ ވަގުތުން ދައްކާނެ އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކާއެކު، ސްޕެއިންގެ ވީގޯގައި ހުންނަ ސެލްޓަ ވީގޯގެ ހެޑްކުއަޓާސްގައި ބާއްވާ މި ރަސްމިއްޔާތުގައި ސެލްޓަ ވީގޯގެ ރައީސް ކާލޯސް މޮރީޓިއޯ އާއި އެ ކްލަބުގެ އިސްވެރިން ބައިވެރިވަޑައި ގަންނަވާނެ އެވެ. ރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކުރައްވާނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ސޮއިކުރުމަށްފަހު، ދެ ފަރާތުން ބައިނަލްއަގުވާމީ މީޑިއާއަށް މި އެއްބަސްވުމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ މާލެ ގަޑިން ގާތްގަނޑަކަށް ހަވީރު 4:00 ގަ އެވެ. މި ރަސްމިއްޔާތު ޓީވީއެމްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާއިން ވަގުތުން ދައްކާނެ އެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު އަހަރަކު 900،000 އެމެރިކާ ޑޮލަރަށް ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ރާއްޖެ- ސެލްޓަ ވީގޯ އެއްބަސްވުމުގެ ދަށުން، ދިވެހި ފުޓުބޯޅަ ކުރިއަރުވަން ބޮޑެތި އެހީތަކެއް އެ ކްލަބުން ދޭނެ އެވެ. މީގެތެރޭގައި ސެލްޓަގެ އެކަޑަމީގައި ޒުވާން ކުޅުންތެރިން ތަމްރީން ކުރުމުގެ ފުރުސަތުތަކާއި ކޯޗުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ އިތުރުން ގައުމީ ޓީމްތަކާއެކު ފްރެންޑްލީ މެޗުތައް ކުޅުންވެސް ހިމެނެ އެވެ.