ހަބަރު

ބީއެމްއެލް އިސްލާމިކްގެ ދަށުން އެއް ދުވަހުން މުދާ ގަނެވޭނެ

ބީއެމްއެލްގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން ހިދުމަތް އެއް ދުވަސް ތެރޭ ހަމަޖައްސައިދޭ ގޮތަށް ނިންމައިފި އެވެ.

ބީއެމްއެލްގެ މި ހިދުމަތާ ގުޅޭ ގޮތުން އެ ބޭންކުން ބުނީ، މިއީ މަހުން މަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިސްލާމިކް އާއެކު އެއްބަސްވުން ހަދާފައިވާ ވިޔަފާރިތަކުން މުދާ ގަނެވޭ ހިދުމަތެއް ކަމަށެވެ. އެގޮތުން، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް އާއި ފަރުނީޗަރާއި ހިފާގެން ގުޅޭ ތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ ނެގޭނެ އެވެ.

އިތުރަށް ބުނީ، މި ފެސިލިޓީގެ ދަށުން މުދާ ނެގި ނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށާއި މިއީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދާ ހިދުމަތެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމުނު މުހިއްމު ނިންމުމެއް ކަމަށެވެ.

"ޕާސަނަލް ފައިނޭސިން އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއްދުވަސްތެރޭ މި ހިދުމަތް ފޯރުކޮށްދެވިގެންދާކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް،" ޓިމް ސޯޔާ ވިދާޅުވި އެވެ.

ބެންކުން ބުނި ގޮތުގައި މި ހިދުމަތް ފަރުމާ ކޮށްފައި ވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގަ އެވެ.

މީގެ އިތުރަށް މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ބެންކުން މައުލޫމާތު ދެ އެވެ.