ހަބަރު

ހައިލަމް މައްސަލާގައި މަޖިލިސް ހޫނުވެއްޖެ

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދައްކަން ފެށުމުން ހޫނުވެ މަޖިލީހުގެ ނިޒާމް ގެއްލިއްޖެ އެވެ.

މަޖިލިސް ހޫނުވެގެން ދިޔައީ ގާޒީ ހައިލަމްއާާ ގުޅޭ ގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖިހާން މަހުމޫދު ވާހަކަ ދަައްކަވަން ފެއްޓެވުމުންނެވެ. އެއީ ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުންނެވެ.

އެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް މިއަދަށް އެޖެންޑާކޮށްފައިވާއިރު، ގާޒީ ހައިލަމް، ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ލީކްވެފައިވާ އެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

އެ މެސެޖް ލީކްވުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމިއިރު މާދަމާ، ގާޒީ ހައިލަމް ބައްލަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ވަނީ ތާވަލުކޮށްފަ އެވެ.

މެންބަރު ޖިހާން ވާހަކަ ދައްކަވަމުން ވަނީ ގާޒީ ހައިލަމް، ކާޓޫންލީ ފޮޓޯއަކާއެކު ކުރި މެެސެޖަކީ މާދަމާގެ ހުކުމް އިންސާފުވެރިވެގެން ނުދާނެ ކަމުގެ ހެއްކެއް ކަމަށެވެ. އޭނާ އެ ކޯޓުން ބޭރު ކުރަން ޖެހޭ ކަމަށް ވެސް މެންބަރު ޖިހާން ވިދާޅުވި އެވެ.

ޖިހާން އެ ވާހަކަތައް ފެއްޓެވުމުން އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވި އެވެ. އެގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. ޖިހާންގެ ވާހަކަ އަލުން ފެއްޓެވުމުން ޖެހިގެން އިންނަވާ މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ނިޒާމީ ނުކުތާ ނެންގެވި އެވެ.

މެންބަރު ޝިޔާމް ވަނީ އެކަން ހުއްޓުވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޝިޔާމް ވިދާޅުވީ ޖޭއެސްސީއަކީ އެމްޑީޕީގެ ގޮއްޕަކަށް ހަދައިގެން ޝަރުއީ ނިޒާމަށް މަޖިލީހުގެ ރައީސް ހަތަރެއް ފައި ބާނަމުންދާ ކަމަށެވެ. ޖޭއެސްސީގައި ހެނދުނު ގޮތެއް ނިންމަވާ، މަޖިލީހަށް ވަޑައިގެން އަނެއްކާވެސް އެ ގާޒީގެ ވާހަކަ ދެއްކެވުމަށް ފުރުސަަތު ދެއްވަނީ ނުފޫޒު ފޯރުވުމަށް ނިޒާމްގެ ބޭރުން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ރައީސްގެ މޭޒު ކުރިމަތީގައި ސަފަކަށް އެތުރިފަ އެވެ. އަދި ދުންމާރި ވެސް ދަނީ ފުމެންނެވެ.

އިދިކޮޅު މެންބަރުން އަޑު އުފުލަމުންދާއިރު ވެސް ރައީސް ނަޝީދު ގެންދަވަނީ މެންބަރުންނަށް ފުރުސަތު ދެއްވަމުންނެވެ. އެކަމަކު، އެ މެންބަރުން ވާހަކަ ކުރިއަށް ނުގެންދެވޭ ގޮތަށް އިދިކޮޅު މެންބަރުން ގެންދަވަނީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.