ހަބަރު

ކުރެހުމުގައި ރައީސް ހުރިކަމެއް ނޭނގޭ، މާފަށް އެދެން: ހައިލަމް

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވި މެސެޖްގައިވާ ކެރުހުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭކަން ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން އެމަނިކުފާނާއި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

އެ ކުރެހުމާއެކު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިއްޔާ ފޮނުއްވި މަައްސަލަ ހޫނުވެ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ މައްސަލަ ބަލަން ވަނީ ނިންމާފަ އެވެ. ޖޭއެސްސީއިން ބުނީ އެއީ ސާބިތުވެއްޖެނަމަ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ކަމަށެވެ.

އެކަމާ ގުޅިގެން ޒާގީ ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ފޮޓޯ ބޭނުން ކުރީ އޭގައި ބާޣީ ލުތުފީ ހުރުމުން ކަމަށެވެ. ބާޣީ ލުތުފީގެ އިތުރަށް ދެން އެ ކުރެހުމުގައި ތިބީ ކޮންބައެއްތޯ ބެލުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ކަމަށެވެ.

"ގުރޫޕަށް އެ ފޮޓޯ ލީއިރު ރައީސް އާއި ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރި ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ވެސް ނުވޭ، އެކަމަށްޓަކައި ރައީސް އާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހައިލަމް ވިދާޅުވި އެވެ.

ގާޒީ ހައިލަމް ވިދާޅުވީ އެ މެސެޖް ފޮނުއްވީ ޕްރައިވެޓް ގުރޫޕަކަށް ކަމަށްވާއިރު އެ މެސެޖަކީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވެ އެކި ތުހުމަތުތައް ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އޭނާ ބައްލަވަމުން ގެންދަވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބައެއް މަޖިލިސް މެންބަރުން އޭނާ ރިޝްވަތު ނަގާފައިވާ ކަމަށް ބުނާތީ ވެސް ހައިލަމް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ އޭނާއަކީ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް މީހަކަށް ނާޖައިޒު ފައިދާ ހޯދައިދިން އަދި އެފަދަ ކަމެއްގައި ބައިވެރިވާނެ މީހެއް ވެސް ނޫން ކަމަށެވެ. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހައިލަމްގެ މި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލިސް ހޫނުވި އެވެ. އެ ބަހުސް ހޫނުވެފައިވަނިކޮށް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ކުރިމިނަލް ކޯޓުގެ ހައިލަމް އެ ވަނީ ދެ މިލިއަން ޑޮލަރު ނަގާފަ، ހުކުމް ނުޖެހުމަށް،" ކަމަށެވެ. ނިހާދު ވިދާޅުވީ އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ނިހާދު އެ ވާހަކަތައް ދައްކަވަމުން ގެންދެވި އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒު ކުރިމަތީގައި އެތުރި އެވެ. އިދިކޮޅު މެންބަރެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.