އެމްއެމްޕީއާރްސީ

ރާއްޖެ އިސްތިހާރު ކުރަން އިޓަލީގެ މީޑިއާ ޓީމެއް ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށް އިޓަލީގެ މީޑިއާ ޓީމެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

އިއްޔެ ގެނައި މި ޓީމުގައި އެ ގައުމުގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ހިމެނެ އެވެ. މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކުރަން ގެނައި 16 ވަނަ ޓީމެވެ.

އެމްއެމްޕީއާރްސީން މައުލޫމާތު ދިން ގޮތުގައި މި ޓީމު ރާއްޖޭގައި ހޭދަ ކުރާ 10 ދުވަހު ރާއްޖޭގެ ރިސޯޓުތަކާއި ލިވަބޯޑުތަކުގެ އިތުރުން ގެސްޓް ހައުސްތަކުގެ ތަޖުރިބާ ކޮށް މީޑިއާގެ އެކި ވަސީލަތްތަކުގައި ހިއްސާކުރާނެ އެވެ. ޓީމް ހުންނަން ހަމަޖައްސާފައިވާ ތަންތަނުގެ ތެރޭގައި ރަފަލްސް މޯލްޑިވްސް މެރަދޫ، ސަން ސިޔާމް އިރުފުށި، ބ. ފެހެންދޫ ވައިޓް ލެގޫން ގެސްޓް ހައުސް އަދި ވޮޔޭޖަސް މޯލްޑިވްސްގެ "ގަހާ" ސަފާރީ ހިމެނެ އެވެ.

އިޓަލީގެ މީޑިއާ ޓީމުގައި ޖީ ކިއު އިޓާލިއާ، ވެނިޓީ ފެއާ، ޓޫރިސްޓާ، ވިއާގީ ކޮރިއޭރޭ އަދި އިލް ޖޯނާލޭ ފަދަ މަޖައްލާތަކުގެ ނޫސްވެރިން ހިމެނޭ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ރާއްޖެއަށް އައި އެންމެ ފުރަތަމަ ޓޫރިސްޓަކީ ވެސް އިޓަލީގެ ރައްޔިތެކެވެ. މިހާރު އެ ގައުމަކީ ރާއްޖެ އަށް ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން 97،375 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.

އިޓަލީގެ މީޑިއާ ޓިމަކުން ރާއްޖެ އިސްތިހާރު ކުރާއިރު އެ ގައުމުގެ މާކެޓުގައި ރާއްޖެ އަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން މިދިޔަ ހަފުތާގައި އެ ގައުމުގެ "އެއާ އިޓަލީ" ގެ ދަތުރުތައް ވަނީ ރާއްޖެ އަށް އަލުން ފަށައިފަ އެވެ. މިއީ ދެ އަހަރަށްފަހު އަލުން ފެށި ދަތުރުތަކެކެވެ.