ހަބަރު

ޔާމީނަށް ހުކުމް ނުކުރަން ހައިލަމް ރިޝްވަތު ނެގި ކަމުގެ ތުހުމަތުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފި އެވެ.

ގާޒީ ހައިލަމްގެ ވާހަކަ ރައްޔިތުންގެ މަޖިލީހަށް މިއަދު ދިޔުމާއެކު މަޖިލިސް ވަނީ ހޫނުވެފަ އެވެ. އެމްޑީޕީ މެންބަރުން ވަނީ ގާޒީ ހައިލަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތަށް ފާޑުވިދާޅުވީ ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުންނެވެ.

އެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް މިއަދަށް އެޖެންޑާކޮށްފައިވާއިރު، ގާޒީ ހައިލަމް، ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ލީކްވެފައިވާ އެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

އެ މެސެޖް ލީކްވުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމިއިރު މާދަމާ، ގާޒީ ހައިލަމް ބައްލަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ވަނީ ތާވަލުކޮށްފަ އެވެ.

ބަހުސް ހޫނުވެފައިވަނިކޮށް، މެންބަރު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ކުރިމިނަލް ކޯޓުގެ ހައިލަމް އެ ވަނީ ދެ މިލިއަން ޑޮލަރު ނަގާފަ، ހުކުމް ނުޖެހުމަށް،" ކަމަށެވެ. ނިހާދު ވިދާޅުވީ އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ނިހާދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ބެލި އެންމެންނަށް ވެސް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާނެކަން އެނގޭ ކަމަށެވެ. އެހެންވެ މިއަދު މަޖިލީހުން ފެންނަމުންދަނީ އެކަން ހަޖަމް ނުވެގެން އުޅޭ މެންބަރުންތަކެއް ކަމަށެވެ. މި ގައުމުގެ ހައްގުގައި ވެސް "ވަގުން" ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

ނިހާދު އެ ވާހަކަތައް ދައްކަވަމުން ގެންދެވި އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒު ކުރިމަތީގައި އެތުރި އެވެ.

އިދިކޮޅު މެންބަރެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޖޭއެސްސީއަކީ އެމްޑީޕީގެ ގޮއްޕަކަށް ހަދައިގެން ޝަރުއީ ނިޒާމަށް މަޖިލީހުގެ ރައީސް ހަތަރެއް ފައި ބާނަމުންދާ ކަމަށެވެ. ޖޭއެސްސީގައި ހެނދުނު ގޮތެއް ނިންމަވާ، މަޖިލީހަށް ވަޑައިގެން އަނެއްކާވެސް އެ ގާޒީގެ ވާހަކަ ދެއްކެވުމަށް ފުރުސަަތު ދެއްވަނީ ނުފޫޒު ފޯރުވުމަށް ނިޒާމްގެ ބޭރުން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ރައީސްގެ މޭޒު ކުރިމަތީގައި ސަފަކަށް އެތުރިފަ އެވެ. އަދި ދުންމާރި ވެސް ދަނީ ފުމެންނެވެ.

އިދިކޮޅު މެންބަރުން އަޑު އުފުލަމުންދާއިރު ވެސް ރައީސް ނަޝީދު ގެންދަވަނީ މެންބަރުންނަށް ފުރުސަތު ދެއްވަމުންނެވެ. އެކަމަކު، އެ މެންބަރުން ވާހަކަ ކުރިއަށް ނުގެންދެވޭ ގޮތަށް އިދިކޮޅު މެންބަރުން ގެންދަވަނީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.