ހަބަރު

ނަން އިއްވައި އިދިކޮޅު ފަސް މެންބަރުން މަޖިލީހުން ނެރެފި

ނަން އިއްވައި ރައްޔިތުންގެ މަަޖިލީހުން އިދިކޮޅު ފަސް މެންބަރަކު ނެރެފި އެވެ. މަޖިލިސް މިއަދު ހޫނުވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރުމާ ގުޅިގެންނެވެ.

މިހާރު މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ. އެ މައްސަލައަކީ އެއްވެ އުޅުން ހަނިވާ ގޮތަށް ގާނޫނުއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުން ލަސްވާތީ ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް އެކަމާ ބަހުސް ކުރައްވަމުން ގިނަ މެންބަރުން ދެއްކެވީ ގާޒީ ހައިލަމްގެ ވާހަކަ އެވެ. ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ފޮނުއްވި މެސެޖާ ގުޅިގެން ގާޒީ ހައިލަމްގެ ފަނޑިޔާރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

އެގޮތުން އެކަމާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ކަށިގަނޑު ފުމެ އަޑުގަދަ ކުރައްވާފަ އެވެ. އަދި އެހެން މެންބަރުން ވާހަކަ ދެއްކެވުމަށް ވެސް ހުރަސް އަޅުއްވާފަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މެންބަރު ނަޝީދަށް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވި އެވެ. ނަމަވެސް އެކަމަށް ނުބައްލަވާ ނަޝީދު އަޑުގަދަ ކުރައްވަމުން ގެންދެވެމުން ރައީސް ނަޝީދު ވަނީ މެންބަރު ނަޝީދުގެ ނަން އިއްވާފަ އެވެ.

ނަން އިއްވުމުން ވެސް މެންބަރު ނަޝީދު މަޖިލީހުން ނުކުތުމަށް ދެކޮޅު ހެއްދެވި އެވެ. އޭރު އެހެން އިދިކޮޅު މެންބަރުން ވެސް އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ. ދެން ނަން އިއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ ނަމެވެ. ތޯރިގު ވެސް ރައީސް ނަޝީދުގެ އެންގެވުމަށް މަޖިލީހުން ބޭރަށް ވަޑައިނުގެން އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ނަސޭހަތްތެރިވުމުން ވެސް އަޑުގަދަ ކުރެއްވުން ހުއްޓާނުލެއްވުމުން އޭނާގެ ނަން ވެސް އިއްވި އެވެ. ތިން މެންބަރުންގެ ނަން އިއްވުމުން އެހެން އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ.

އޭގެފަހުން މަތިވެރި ދާއިރާގެ މެންބަރު ވާހަކަ ދައްވަމުން ގެންދަވަނިކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ މެންބަރުންގެ ނަން އިއްވަނީ ކޮން އުސޫލަކުންތޯ މަޖިލީހުގެ ރައީސްއާ ނިޒާމީ ނުކުތާއެއް ނަންގަވައި އައްސަވާފަ އެވެ. އެ ސުވާލު ތަކުރާރުކޮށް ކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ މެންބަރު ހުސެއިންގެ ނަން އިއްވަވާފަ އެވެ. އަދި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުގެ ނަން ވެސް އެ ވަގުތު އިއްވެވި އެވެ. އެ ދެ މެންބަރުން ނަން އިއްވުމާއެކު މަޖިލީހުން ނުކުމެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް މެންބަރުންގެ ކިބައިިން އެދިވަޑައިގެންފަ އެވެ. މަޖިލީހުގައި ކުރަން ހުރި މައްސަކަތްތައް ވަރަށް ގިނަ ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ ނިޒާމް އިދިކޮޅު މެންބަރުންނަށް ގެއްލުވާނުލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.