ކްރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދާ ހަވާލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު އެގޮތަށް ނިންމީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށްފަހު އެވެ. ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.
ހައިލަމް ސަސްޕެންޑްކުރިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުން ވަނީ މާދަމާއަށް ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމެވެ. އެ ޝަރީއަތް މިހާރު ވަނީ ކެންސަލްކޮށްފަ ކަމަށް ކުރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.
ކޯޓުގެ އިސް ގާޒީ ސަސްޕެންޑް ކުރުމާއެކު ކޯޓުގެ ހިންގުން ހުއްޓޭނެތީ ގާޒީ އަލީ ރަޝީދާ އެ މަސައްކަތް ހަވާލުކޮށްފައިވާއިރު އޭނާއަކީ މިދިޔަ ފެބުރުއަރީ މަހު ކުރިމިނަލް ކޯޓަށް ޖޭއެސްސީއިން ބަދަލުކުރި ގާޒީއެކެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ.
ޖޭއެސްސީއިން މިހާރު ކޯޓުތަކުގެ އިސް ގާޒީން ކަނޑައެޅުމުގައި އަމަލު ކުރާ އުސޫލަކީ ފަނޑިޔާރު ކަމުގެ މަގާމުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންނަށް އިސްކަންދޭ އުސޫލެވެ.
ގާޒީ އަލީ ރަޝީދަށް ކުރިމިނަލް ކޯޓުގެ ހިންގުން ހަވާލުކޮށްފައިވާއިރު އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ.