ރައްޔިތުންގެ މަޖިލިސް

ހައެއްކަ މެންބަރުންނަށް މަޖިލީހުގެ ނިޒާމު ނަގައެއް ނުލެވޭނެ: ނަޝީދު

ހައެއްކަ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ނިޒާމް ގެއްލުވާ ނުލެވޭނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި އިދިކޮޅު މެންބަރުން އަޑު ގަދަ ކުރައްވައި އިހުތިޖާޖު ކުރައްވަން ފެއްޓެވެމުންނެވެ. އިދިކޮޅު މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް އެމްޑީޕީ މެންބަރުން މަޖިލީހުގައި ފާޑުވިދާޅުވާން ފެށުމުންނެވެ.

މަޖިލިސް ކުރިއަށް ނުގެންދެވި މަޑުޖައްސާލައްވަން ޖެހުމުން ރައީސް ނަޝީދު އިދިކޮޅު މެންބަރުންނަށް އަމާޒުކޮށް ވިދާޅުވީ ހައެއްކަ މެންބަރުންނަށް މަޖިލީހުގެ ނިޒާމް ގެއްލުވާ ނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ 65 މެންބަރުން ތިއްބާ އެކަން ނުކުުރެވޭނެ ކަމަށެވެ.

"ތިޔަބޭފުޅުންނަށް މިތަނުގެ ނިޒާމެއް ނަންގައެއް ނުލެވޭނެ، ތިޔަ ބޭފުޅުންނަކަށް ތިޔަ މަސައްކަތެއް ދެނެއް ނުކުރެއްވޭނެ، އަޅުގަނޑު މި ދަންނަވަނީ ވަރަށް ހެޔޮ ހިތުން، އެކަމަކު މިކަން ބޮޑުވަމުން ބޮޑުވަމުން ދެވިދާނެ، އެކަމަކު އެއީ އަޅުގަނޑު ވެސް އެދޭނެ ގޮތެއް ނޫން ތިޔަ ބޭފުޅުންގެ ގާތް ތިމާގެ މީހުން ވެސް އެދޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ރައްޔިތުން ނިންމާފައިވަނީ ތަފާތު ގޮތަކަށެވެ. އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ދީފައިވާއިރު އިދިކޮޅަށް މަޖިލީހުގެ ނިޒާމް ގެއްލުވާނުލެވޭނެ ގޮތަށް ކަމަށެވެ. މަޖިލީހުގައި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެ ވާހަތަކަށް ބެއްލެވުމެއް ނެތި އިދިކޮޅު މެންބަރުން އަޑުގަދަ ކުރުން ކުރިއަށް ގެންދެވެމުން އޭގެ ތެރެއިން ފަސް މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރަށް ނެރުނެވެ. އިއްޔެ ވެސް މިއަދު ވެސް މަޖިލީހުގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމާ ގުޅިގެން މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ.

މިއަދު ރައީސް ނަޝީދު ނަން އިއްވެވީ ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދުު ތޯރިގާާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މީގެ ތެރެއިން ތޯރިގު ނޫން އެހެން ބޭފުޅުން ނުކުމެވަޑައިގެންނެވީ އަމިއްލަފުޅަށެވެ ތޯރިގު މަޖިލީހުން ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ސެކިއުރިޓީއަށް އެންގުމުންނެވެ. ރައީސް ނަޝީދު ވަނީ އަދަބެއްގެ ގޮތުން ބޭރުގައި ފާރަށް ބަލަހައްޓައިގެން ކޮޅަށް ހުންނެވުމަށް ވެސް ތޯރިގަށް އަންގަވާފަ އެވެ.