އިމްރާން އަބްދުﷲ

އިމްރާން މަޖިލީހަށް ހާޒިރު ކުރަނީ

އައްޑޫ ސިޓީގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިންގް ސްކޫލާއި ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އިމްރާނާ ސުވާލު ކުރަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ހޯމް މިނިސްޓަރު ހާޒިރު ކުރަނީ އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިން ސްކޫލަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ބިމެއް ކަމާއި، އެ ބިމުގައި އިމާރާތްތައް ހަދަމުންދާ ބައެއްގެ މައުލޫމާތު ސާފު ކުރާށެވެ. އަދި އެތާނގައި ހަދާ އިމާރާތްތަކާ ގުޅޭ އެއްބަސްވުމުގެ ތަފްސީލު ވެސް ހޯދާނެ އެވެ.

އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިން ސްކޫލްގެ މައުލޫމާތު ސާފު ކުރަން އިމްރާން މަޖިލީހަށް ހާޒިރު ކުރަނީ އެ ޓްރެއިނިން ސްކޫލަކީ އިންޑިއާގެ އަސްކަރީ ބޭހެއް ކަމަށް ބުނާ އަޑުފެތުރިފައި ވެސް ވަނިކޮށެވެ.

ނަމަވެސް އެކަން މީގެ ކުރިން ފުލުން ވަނީ ދޮގު ކޮށްފަ އެވެ. ބުނެފައި ވަނީ އެއީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި ނަމަވެސް އެތަން އިމާރާތް ކުރަން އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ދިން ކަމަށެވެ.

ފުލުހުންގެ އާ ޓްރެއިނިން ސްކޫލެއް އާއްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައި ވަނީ އެ އަތޮޅު ހިތަދޫގައި ކުރިން ގާއިމް ކޮށްފައިވާ ފުލުހުންގެ ޓްރެއިނިންގް ސްކޫލް 2012 ވަނަ އަހަރު ރޯކޮށް އަންދާލާފައިވާތީ އެވެ. މިހާރު އަޅާ މަރުކަޒުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ވެސް އިންޑިއާގެ ކުންފުންޏަކާ އެވެ. ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.