ހަބަރު

އެމްއެފްޑީއޭގެ ހިދުމަތްތަކަށް "ދިރިތި" ލޯންޗްކޮށްފި

ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދެމުން އަންނަ ހިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގައި ލިބޭނެ ގޮތަށް "ދިރިތި" ނަމުގައި ޕޯޓަލެއް މިއަދު ލޯންޗު ކޮށްފި އެވެ.

އެމްއެފްޑީއޭގެ ހިދުމަތްތައް ތަރައްގީ ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެ އިދާރާ އިން ދޭ ހިދުމަތްތައް ހިމެނޭ އޮންލައިން ޕޯޓަލް މިއަދު ލޯންޗު ކުރީ ޒަމާނާ ގުޅޭ ގޮތަށް ފަސޭހައިން ހިދުމަތް ދިނުމުގެ ބޭނުމުގަ އެވެ.

ޕޯޓަލް އާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްއެފްޑިއޭ ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، ވިޔަފާރީ ދާއިރާގެ ގިނަ މަސައްކަތައް އެމްއެެފްޑީއޭއާ ގުޅޭ އިރު އެހެން މުއައްސަސާތަކާ ގުޅިގެން ބޭނުންވާ މައުލޫމާތުތައް ހޯދަން މި ޕޯޓަލް އެހީއަކަށްވާނެ ކަމަށެވެ.

އެގޮތުން، ބޭހާއި އެކި އެކި ކާބޯތަކެތި އެތެރެ ކުރަން ނަގާ އެކި ފޯމުތަކާއި އެޕްލިކޭޝަންތައް ޕޯޓަލް މެދުވެރިކޮށް ހޯދޭނެ އެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ވެސް ޒަމާނާ ގުޅޭ ގޮތަށް، އޮންލައިން ސާވިސް އެއް ގޮތުގައި ގެނެވިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް އިންޑަސްޓްރީއަށް އަންނަ ތަރައްގީ އާ އެއްވަަރަކަށް ދުވެއްޔެއް ނުނެރެވޭނެ،"

ޕޯޓަލް ލޯންޗް ކުރުމުގެ ރަސްމިއްްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، "ދިރިތި" ޕޯޓަލަކީ އެމްއެފްޑީއޭ އިން އާއްމު ފަރުދުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށް މަސައްކަތްތައް އަވަސް ކުރަން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި، ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސަކީ އިމްޕޯޓް އަދި އެކްސްޕޯޓުކުރާ ކާބޯތަކެއްޗާއި ބޭހުގެ ތަފާސް ހިސާބުތައް ކަމަށެވެ.

އަދި މިހާތަނަށް މި ކަންކަން ކުރަމުން އައީ މެނުއަލްކޮށެވެ. ޕޯޓަލް މެދުވެރިކޮށް ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ލިބި މަސައްކަތައް ހަރުދަނާ ކޮށް ކުރިއަށްގެންދެވޭނެ އެވެ.

"އެމްއެފްޑީިއޭގެ ގަވައިދުތަކާއި އިއުލާނާއި އެކި ކަންކަމާ ގުޅިގެން ނެރޭ ބޭހުގެ އެލާޓުތައް ފަދަ މައުލޫމާތުތަކާއި ހިންގުންތައް މި ޕޯޓަލް އިން ލިބެން ހުރުމަކީ އާއްމުންނަށް ދިމާވާ ދަތިތަކަށް ލިބޭނެ ލުޔަކަށް ވާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ޕޯޓަލްގައި އެމްއެފްޑީއޭއިން ދޭ 30 އަށްވުރެ ގިނަ ހިދުމަތް ހިމެނެ އެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ އެކްސްޕޯޓުގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން ބެލުމަށް އެސްޓަބްލިޝްމެންޓް ކުރުމާއި އައިސްޕްލާންޓުތައް ރަޖިސްޓްރީ ކުރުމާއި ބޭހުގެ ހުއްދަ ދޫކުރުމާއި ފާމަސީތައް ރަޖިސްޓްރީ ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ކާބޯތަކެތި އެތެރެ ކުރުމުގެ ގާނޫނާއި ގަވައިދުތަކާ ބެހޭ މައުލޫމާތުތައް ވެސް ހިމެނެ އެވެ. "ދިރިތި" ޕޯޓަލް އެމްއެފްޑިއޭގެ ވެބްސައިޓުގެ އިތުރުން ފޯނު އެޕްލިކޭޝަން އެއްގެ ގޮތުގައިވެސް ލިބެ އެވެ.