ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިފަހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އުފުލި ދައުވާތަކުގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔުމަށް ޕީޖީއިން ވެސް އެދިއްޖެ އެވެ. މީގެކުރިން އަދީބު ވެސް ވަނީ ކުރިމިނަލް ކޯޓުގައި އެގޮތަށް އެދިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް ފެށުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
އަދީބުގެ މައްޗަށް މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލި އެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.
އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.
މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.
މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.
އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މިވަގުތަށް ނަގަން ބޭނުންވާ ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.