ހަބަރު

އަދީބުގެ ޝަރީއަތް ލައިވްކުރަން ގާޒީ ދެކޮޅު، އަލުން ވިސްނަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް ލައިވް ކުރަން ޕީޖީ އަދި އަދީބު އެދުމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އުޒުރުވެރިވެ ވަޑައިގެންފި އެވެ.

އަދީބުގެ މައްޗަށް ފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހަތް ދައުވާއެއް އުފުލި އެވެ. އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ. އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ކުރިން ދައުލަތާއެކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޖޫން މަހުގެ ތެރޭގައި އަދީބު ސޮއި ކުރެއްވި އެވެ.

މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި މި ހަތް ދައުވާ ފެށުމުގެ އިޖުރާއީ އަޑުއެހުމެވެ. އަޑުއެހުން ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން ކުރިމިނަލް ކޯޓުން ވަނީ އަދީބާއި ޕީޖީއަށް ޝަރީއަތް ލައިވް ކުރެވެން ނެތް ކަމަށް އަންގާފަ އެވެ. ޕީޖީ އާއި އަދީބު އެގޮތަށް އެދިފައިވީ ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެކަމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ކްރިމިނަލް ކޯޓުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. މިފަހުން ކްރިމިނަލް ކޯޓުގައި އެކުލަވާލި ޝަރީއަތްތައް ލައިވް ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން މައްސަލަ ބައްލަވާ ގާޒީ، ޝަރީއަތެއް ލައިވް ކުރަން އުޒުރުވެރިވެ ވަޑައިގެންފިނަމަ ޝަރީއަތް ލައިވް ނުކުރާނެ އެވެ.

ގާޒީ އިސްމާއިލް ރަޝީދުގެ އެ ނިންމެވުން ރިވިއުކޮށް ދިނުމަށް މިއަދު ޕީޖީ އަދި އަދީބުގެ ފަރާތުން ވެސް ވަނީ އެދިފަ އެވެ. ޕީޖީގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ މި މައްސަލާގެ ބާވަތާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މިއީ ރައްޔިތުންގެ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެއް ކަމަށެވެ. މިއީ މިހާތަނަށް ހިނގާ ގޮސްފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު ޖަރީމާއާ ގުޅޭ މައްސަލައެއް ކަމަށާއި މި މައްސަލާގެ ތެރެއިން ދައުލަތަށް 1.5 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

ވަކީލް ޝައުނާ ވިދާޅުވީ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށްވާއިރު މި ޝަރީއަތް ލައިވް ކުރުމަކީ ރައްޔިތުންގެ މަސްލަހާ ގުޅުން ހުރި ކަމެއް ކަމަށެވެ. ޕީޖީ ތަމްސީލް ކުރަނީ މުޅި މުޖުތަމައު ކަމަށްވާއިރު ޕީޖީއިން އެގޮތަށް އެދޭއިރު އަދި ދައުވާ ލިބޭ ފަރާތުން ވެސް އެކަމަށް އެދޭއިރު ޝަރީއަތް ލައިވްކޮށް ދިނުމާމެދު އަލުން ގާޒީ ވިސްނެވުމަށް އެދޭ ކަމަށެވެ.

ކުރިމިނަލް ކޯޓުން ޝަރީއަތްތައް ލައިވް ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލުގައި ބުނަނީ ކީކޭ ކަމެއް ވެސް އާންމުކޮށްފައިނުވާ ކަމަށާއި އެހެންވެ އެ އުސޫލު ދައުލަތަށް ފޯރުކޮށްދިނުމަށް ވެސް ވަކީލް އެދުނެވެ. ޝަރީއަތް ލައިވް ކުރުމާއި ނުކުރުމަކީ ގާޒީ އިހްތިޔާރީ ބާރެއްތޯ ސުވާލު އުފައްދަވަމުން ވަކީލް ވިދާޅުވީ ޝަރީއަތެއްގައި ހައްގުތައް އޮންނާނީ އެ މައްސަލައިގެ ދެ ހަސްމުންނަށް ކަމަށްވާއިރު ދެ ހަސްމުން ކަމަކަށް އެދޭނަމަ އެކަމަށް ރިއާޔަތް ކުރައްވަން ޖެހޭނެ ކަމަށެވެ.

މިހާތަނަށް ކުރިމިނަލް ކޯޓުން ލައިވް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިންގެ ޝަރީއަތެވެ. އެ އުސޫލު ހެދީ ވެސް އެ ޝަރީއަތެވެ. އެ ޝަރީއަތް ލައިވް ކުރީ ދެ ފަރާތުން ވެސް ނުއެދެނީ ވެސް ކޯޓުން އަމިއްލައަށް އިސްނަގައިގެންނެވެ. އެ މައްސަލައަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ އެއް މިލިއަން ޑޮލަރުގެ މައްސަލައެކެވެ.

ޕީޖީ ވަކީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލައިވް ކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ސަބަބަކީ އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން އޮތް މައްސަލައަކަށްވާތީ ކަމަށެވެ. ނަމަވެސް، އެ ޝަރީއަތަށްވުރެ އަދީބުގެ ޝަރީއަތް ލައިވް ކުރުން އެތައް ގުނައެއް އައުލާކަން ބޮޑު ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. އެއީ ދެ މައްސަލާގައި ހިމެނޭ ހިޔާނާތުގެ ފައިސާ އަޅާކިޔުމަށްފަހު އެވެ.

އަދީބުގެ ވަކީލް މަހުފޫޒު ސައީދު ވެސް ވިދާޅުވީ އަދީބު ވެސް އެދެނީ ޝަރީއަތް ލައިވް ކުރުމަށް ކަމަށެވެ. އެމްއެމްޕީއާރްސީގެ ބޮޑު ތުހުމަތެއް އަދީބަށް ކުރެވޭއިރު އޭގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށް ދެއްވަން ބޭނުންވާ ކަމަށެވެ. އެކަން ހިނގަން މެދުވެރިވި ގޮތާއި ހާލަތާއި އޭގެ ބައިވެރިން ބުނެދެއްވަން ބޭނުންވާ ކަމަށެވެ.

އަދީބު ވިދާޅުވީ އޭނާ ހުންނެވީ ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ހުރިހާ ހަގީގަތެއް ހާމަކޮށް ދެއްވުމަށް ކަމަށެވެ. ދައުލަތާއެކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ވީ އެއްބަސްވުން ވެސް ކޯޓަށް ހުށަހަޅައި އެއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ވެސް ގާޒީ އިސްމާއިލް ރަޝީދު ވަނީ ޝަރީއަތް ލައިވް ނުކުރަން ނިންމި ނިންމުމަކީ އިދާރީ ނިންމުމެއް ކަމާއި އޭގެ ގާނޫނީ ސަބަބުތައް ހާމަކޮށް ދެއްވަން ނުޖެހޭނެ ކަމަށް ވިދާޅުވެ އެ ނިންމުން ދިފާއު ކުރައްވާފަ އެވެ. ނަމަވެސް ގާޒީ އެހެން ވިދާޅުވުމުން ވެސް ޕީޖީ އާއި އަދީބުގެ ފަރާތުން އެ ވާހަކަތައް ތަކުރާރު ކުރައްވަން ފެއްޓެވުމުން ގާޒީ ނިންމެވީ ނިންމުމާ އަލުން ވިސްނާށެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ނިންމީ މައްސަލަ ބަލާ ގާޒީ ކަމަށާއި ނަމަވެސް ދެން އެ މައްސަލާގައި ގާޒީންގެ މަޖިލީހުގެ ހިޔާލާއި ރައުޔު ހޯދުމަށްފަހު އަލުން ނިންމުމެއް ނިންމަައި އެކަން އަންގަވާނެ ކަމަށެވެ. އެހެންވެ، މިއަދު އިޖުރާއީ އަޑުއެހުން ދެން ކުރިއަށް ނުގެންގޮސް ހުއްޓާލީ އެވެ.

މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.

އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ޕީޖީއިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.