ގެސްޓްހައުސް ޕްރޮމޯޓް ކުރުމުގައި ބޭނުން ކުރަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަން ނިންމައި އެ މަސައްކަތް މެލޭޝިއާގެ ލިމްކޮކްވިން ޔުނިވާސިޓީއާ ގުޅިގެން ކުރަން ހަމަޖައްސައިފި އެވެ.
ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރަން ލިމްކޮކޮ ޔުނިވާސިޓީއާއެކު އެއްބަވުމެއްގައި ސޮއިކޮށްފަ އެވެ.
ދިހަ ކަމެއް ހިމެނޭ އެ އެއްބަސްވުމުގެ ދަށުން މީހުން ތަމްރީން ކުރުމުގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ހައި ރިޒޮލިއުޝަން ޕެނަރޯމާ ފޮޓޯ ނެގުން ވެސް ހިމެނެ އެވެ. މި މަަސައްކަތް ކުރަން ނިންމާފައިވާ ލިމްކޮކް ޔުނިވާސިޓީއަކީ ދުނިޔޭގައި މިހާތަނަށް ނެގި އެންމެ ބޮޑު ފޮޓޯ ނަގާފައިވާ ޔުނިވާސިޓީ އެވެ.
ލިމްކޮކުން ވަނީ އޮގަސްޓް 6، 2015 ވަނަ އަހަރު މެލޭޝިއާގެ ވެރިރަށް، ކުއަލަލަމްޕޫރުގެ ޕެނަރޯމާ ފޮޓޯއެއް ނަގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
ލިމްކޮކް ޔުނިވާސިޓީގެ ލަންޑަން ކެމްޕަހުގައި ހުންނަވައި، ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމް ވިދާޅުވި ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާހަ ހޯދަން އެ ޔުނިވާސިޓީއިން ނެގި ފޮޓޯގެ ސަބަބުން ފަތުރުވެރިންނަށް ވެރިރަށް ކުއަލަލަމްޕޫރުގެ ތަންތަން ހޯދަން ފަސޭހަ ވެގެން ދިޔަ ކަމަށެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މަަސައްކަތުން ފުރިހަމަ ކުރި އެ މަސައްކަތުގެ ސަބަބުން މަގުބޫލުކަން ވެސް އިތުރު ވެގެން ދިޔަ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށް ވަކިން އިޝްތިހާރު ކުރަން ކޮންމެ ރަށެއްގެ ޕެނަރޯމާ ފޮޓޯއެއް ނަގާނެ އެވެ.
ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 600 އެއްހާ ޓޫރިސްޓު ގެސްޓްހައުސް އެބަހުއްޓެވެ.