ދިވެހި ސިނަމާ

ފިލްމު އެވޯޑަށްވުރެ މާ މޮޅު އެވޯޑެއް ލިބިއްޖެ: ނަހޫ

މާދަމާ ރޭ އޮންނަ ފިލްމު އެވޯޑުވަނީ ޒާތީވެފައި ކަމަށާއި އެއަށްވުރެ މާ މޮޅު އެވޯޑެއް މިރޭ ލިބޭނެ ކަމަށް ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނެފި އެވެ.

ފިލްމީ ދާއިރާގައި ރާއްޖޭން ދޭ ގައުމީ ފިލްމު އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކޮށް މާދަމާ ރޭ އެވޯޑު ހަފްލާ ބާއްވަ އެވެ. އެވޯޑް ނައިޓަށް ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވާ އިރު ދާއިރާގައި ގިނަ ދުވަސްވީ ޑައިރެކްޓަރު ފާތުމަތު ނަހުލާ ބައިވެރިއެއް ނުވެ އެވެ. ނަހޫ ވަނީ އެހެން އެވޯޑެއް ބަލައި ސްރީލަންކާއަށް ގޮހެވެ.

މިއީ ދެކުނު އޭޝިއާގެ ސަރަހައްދުތަކުގެ ވިޔަފާރިތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށްދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ. ސައުތު އޭޝިއަން ބިޒްނަސް އެކްސަލަންސް އިން މޯޝަން ޕިކްޗާސް ނަމުގައި މި އެވޯޑު ނަހޫއަށް ދެނީ މިރޭގަ އެވެ. އެ އެވޯޑަކީ ރާއްޖޭގައި ދޭ ގައުމީ ފިލްމު އެވޯޑަށްވުރެ "މާ މޮޅު އެވޯޑެއް" ގެ ގޮތުގައި ނަހޫ ވަނީ ސިފަކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ނަހޫ ކުރި ޕޯސްޓެއް ކޮށް ޖަހާފައި ވަނީ "މޯލްޑިވިއަން ޒާތީ ފިލްމު އެވޯޑްސް އަށް ވުރެ މާ ޝަރަފުވެރި ފިލްމު އެވޯޑެއް ބަލައި ކޮލޮމްބޯ އަށް އައިސް މިހުރީ" އެހެނެވެ.

މި އަހަރުގެ އެވޯޑުތައް ލިބޭ ފަރާތްތަކުގެ ނޮމިނޭޝަންތައް އިއުލާންކޮށްފައިވާއިރު ނަހޫގެ ފިލްމު "ބޮސް" ނޮމިނޭޓްވީ ސަޕޯޓިންގެ ކެޓަގަރީތަކުން އެކަންޏެވެ. އަދި އެ ކެޓަގަރީތަކުން ވެސް އުއްމީދެއް ނެތް ކަމަށް ބުންޏެވެ.

"ބޮސް އަކަށް ނެތް އުއްމީދެއް. އެއީ އެވޯޑަށް ހެދި ފިލްމެއް ނޫން. އެ ފިލްމުން ހީކުރި ވަރަށްވުރެ ފައިދާވެސް ވި. އެބަ ހުރި އެވޯޑަށް ހަދާފަ ހުރި ފިލްމުތައް އެހެންވީމަ ބޮސް އަކަށް ވާދައެއް ވެސް ނުކުރެވޭނެ"

ނަހޫ ބުނި ގޮތުގައި މިދިޔަ އަހަރަށްފަހު ފިލްމު އެވޯޑުތަކަށް އުއްމީދެއް ނުކުރެ އެވެ. މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގައި ނަހޫގެ 4426 އަށް އުއްމީދުކުރި ވަރަށް އެވޯޑު ނުލިބުމުން މައްސަލަ ވެސް ހޫނުވި އެވެ. އަދި އެންސީއޭއިން އެ ފިލްމް ލީކްކޮށްލި ކަމަށް ބުނެ މި އަހަރު އެ މައްސަލަ ހިފައިގެން މިނިސްޓާ އޮފް އާޓްސް އަށް ގެންދިޔަ ކަމަށް ބުންޏެވެ. އެެހެންނަމަވެސް އެ މައްސަލަ ބަލަން އެދުމުން ވެސް ދިނީ ބީރުކަންފަތެއް ކަމަށް ވެސް ނަހޫ ބުންޏެވެ.

"ޒާތީ ވުމަކީ ފިލްމު އެވޯޑްސްގައި ވަރަށް އާއްމު ކަމެއް. މިދިޔަ އަހަރުގެ ޖަޖިން މާކް ޝީޓުތައް ލީކް ކޮށްގެން ވެސް އެކަން ދެއްކި. އެއް ޖަޖަކު ހުރެ އަހަރެން ފެއިލް ކޮށްލި އިރު އެންސީއޭއަށް ކުރެވުނު ކަމެއް ނެތް،" ނަހޫ ބުންޏެވެ.

މީގެ އިތުރުން، މި އަހަރުގެ ޖަޖިން ޕެނަލަށް ވެސް ނަހޫ ފާޑުކިޔަ އެވެ.

"ޓެޑްރީ ނިޔާޒް ޖަޖަކަށް ހުރެގެން އަހަރެންގެ މައްސަލައެއް ނެތް. އޭނަ އަކީ ތިކަން ރަނގަޅަށް ދަންނަ މީހެއް. ނުދަންނަ މީހުން ލުމަށްވުރެ ތި ޕެނަލްގެ ސައްހަކަން ބޮޑުވާނެ ކަމަށް މަ ގަބޫލު ކުރަން. ދެން ތިބި ބަޔަކު މަށަށް ނުވެސް އެނގޭ. ބޭނުމެއްވެސް ނޫން އެނގޭކަށް. އެންސީއޭ މިކަމުގެ އުޅެންޏާ އަހަރެން ނުބަލާނަން އެމީހުންނަކީ ޒިންމާދާރު ބައެއް ނޫން"

މާދަމާ އޮންނަ ފިލްމު އެވޯޑްސްއަށް މިދިޔަ އަހަރުގެ ފިލްމުތަކުގެ އިތުރަށް 2017 ވަނަ އަހަރުގެ ފިލްމުތައް ވެސް ވާދަ ކުރެ އެވެ. އެއީ 12 ފީޗާ ފިލްމަކާއި ކުރު ފިލްމެކެވެ. ޖަޖުން ހޮވާފައިވަނީ އެންސީއޭއިންނެވެ.

ނޮމިނޭޝަންތައް އިއުލާންކުރި އިރު އެންމެ ގިނަ ކެޓަގަރީތަކުން ވާދަކޮށްފައިވަނީ ޑާކްރެއިންގެ ފިލްމުތަކެވެ.