ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޑުގަދަ ކުރެއްވުމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރޮޒައިނާގެ ނަން އިއްވީ ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމަށްފަހު އެވެ. ނަން އިއްވުމާއެކު ރޮޒައިނާ ވަނީ މަޖިލީހުގެ ތަޅުމުން ނުކުންނަވާފަ އެވެ.
މެންބަރު ރޮޒައިނާ މަޖިލީހުގައި ނުރުުހުން ފާޅު ކުރެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަމުން ގެންދެވިއިރު ރޮޒައިނާ ނެންގެވި ނިޒާމީ ނުކުތާއަށް ރައީސް ނަޝީދު ފުރުސަތު ނުދެއްވުމުންނެވެ. ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ނިޒާމީ ނުކުތާއަށް ތަކުރާރުކޮށް އެދުނެވެ. ނަމަވެސް ފުރުސަތެއް ނުދެއްވަ އެވެ.
ރޮޒައިނާ ނިޒާމީ ނުކުތާ ނަންގަވަން އުޅުއްވީ ސަރުކާރުގެ ފަރާތުން، ރޮޒައިނާ ހުށަހެޅުއްވި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށް، ވޯޓު ގަޑި ޖެހުމުން ވެސް ވޯޓަށް ނާހާ ބަޖެޓް ބަހުސް ކުރިއަށް ގެންދާތީ އެވެ. ރޮޒައިނާގެ ނަން އިއްވުމަށްފަހު ރައީސް ނަޝީދު ވަނީ ވޯޓު ރަނގަބީލް ޖައްސަވައި ވޯޓު ކުރިއަށް ގެންދަވާފަ އެވެ.
ރޮޒައިނާ މަޖިލީހުގެ ތެރޭގައި އަޑުގަދަ ކުރެއްވީ ޝިޔާމްގެ ވާހަކަ ނިމި، އެމްޑީޕީގެ މެންބަރެއް ކަމަށްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ. ޔައުގޫބުގެ ފަހަތުގައި ހުންނަވާ ރޮޒައިނާ ގެންދެވެނީ ހުއްޓާ ނުލައްވާ ވާހަކަ ދައްކަވަމުންނެވެ.
މިއީ މި މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން އިދިކޮޅު ގިނަ މެންބަރުންތަކެއް ނަން އިއްވައި ތަޅުމުން ރައީސް ނަޝީދު ނެރުއްވާފައިވެ އެވެ.