ކަނޑުމަތީގެ ހާދިސާ

ޑިންގީއަކުން ފުއްމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުއްމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ގ. މާލެހިޔާ 1 ގެ ފްލެޓެއްގައި ދިރިއުޅޭ އަހުމަދު އަނީސެ 33، އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ މިއަދު މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއްގައި ހުރި އަނީސް ކަނޑަށް ފުއްމާލުމުން އޭނާ ގެއްލިގެން ރިޕޯޓް ކުރި ކަމަށެވެ. އަދި ބުނީ 10 މީހުނާއެކު ދަތުރު ކުރަމުން ދިޔަ އެ ޑިންގީން އަނީސް މޫދަށް ފުއްމާލުމުން އަނީސް ގެއްލިފައިވާ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށެވެ.

އަނީސް ހޯދަން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ކަނޑުގެ އަޑީގައި މަރުވެފައި އޮއްވަ އެވެ. އަނީސްގެ ހަށިގަނޑު ފެނުނީ ހޯދާތާ ގަޑިއެއްހާއިރު ފަހުންނެވެ.

ގުޅިފަޅު ބައްތިއާ ދިމާ ބޭރުން، ކަނޑު 44 މީޓަރު އަޑިން ނެގުމަށް ފަހު އަނީސްގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މި މައްސަލައިގެ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.