ހަބަރު

އައިޖީއެމްއެޗްގައި ވިހޭ ތިން ކުއްޖަކު މަރުވެ ކަންބޮޑުވުންތައް!

Nov 16, 2019
10

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އިއްޔެގެ ވަގުތެއްގައި ވިހެއި ތިން ކުއްޖަކު މަރުވުމާ ގުޅިގެން ކަންބޮޑުވުން އިތުރު ވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އަވަސް" އަށް ކަށަވަރު ކޮށްދިިން ގޮތުގައި އައިޖީއެމްއެޗްގެ ލޭބާ ރޫމްގައި އިއްޔެ ހެނދުނު އެއް ކުއްޖަކު މަރުވިއިރު، ރޭގެ ވަގުތެއްގައި ވަނީ ދެ ކުއްޖަކު މަރުވެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އާންމުވަމުން ދިޔަ ޕޯސްޓްތަކުގައި ބުނެފައި ވަނީ އައިޖީއެމްއެޗްގެ ލޭބާ ރޫމަށް ވިހެއި ތިން ކުދިން މަރުވިއިރު، ލޭބާ ރޫމްގެ މެޝިންތައް ވެސް ހަލާކުވެފައި ހުރި ކަމަށެވެ. އަދި ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް އެ ޕޯސްޓްތަކަށް ކޮމެންޓް ކުރި މީހުން ފާހަގަކޮށް އެ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.

އެކަމަކު އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ލޭބާ ރޫމްގެ މެޝިންތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއް ދުވަހެއްގެ ތެރޭގައި ތިން ކުއްޖަކު މަރުވުމުން އެ ކަން ހޮސްޕިޓަލުން ބަލަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އިއްޔެ ވިހެއި ތިން ކުއްޖަކު މަރުވިއިރު، ފާއިތުވި ތިން މަހުގެ ތެރޭގައި ވިއްސަށްވުރެ ގިނަ ކުދިން ވަނީ އައިޖީއެމްއެޗްގައި މަރުވެފަ އެވެ. އެ ގޮތުން މި މަހުގެ ތެރޭގައި މިހާތަނަށް ވިހެއި އަށް ކުއްޖަކު މަރުވެފައި ވެއެވެ.

އައިޖީއެމްއެޗްގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާއަކީ އަބަދުވެސް އާންމުންގެ ތެރޭގައި އޮންނަ ޝަކުވާއެކެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި ބަދަލުތަކާއެކު އައިޖީއެމްއެޗްގެ ހިދުމަތް ރަނގަޅުވެފައި އޮތުމަށްފަހު ފަހަކަށް އައިސް އެ ހޮސްޕިޓަލަށް ފަރުވާ ދޭ މީހުނާއި ވިހާ ކުދިން މަރުވާ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.