އައިޖީއެމްއެޗްގައި ކުދިންތަކެއް މަރުވެފައިވަނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގައި އިއްޔެ ވިހޭ ތިން ކުއްޖަކު މަރުވި ކަމަށް އަޑުތައް ފެތުރި އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑު ކިޔުން އެހޮސްޕިޓަލަށް ވަނީ ރެއިން ފެށިގެން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އޭގެ ފަހުން ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލަށް އިއްޔެ އާއި ރޭ ވިއްސި ކުދިންތަކުގެ ތެރެއިން މަރުވެފައި ވަނީ ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިން މަރުވީ ވިހެއުމުގެ ކުރިން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) ނުވަތަ ޕޯސްޓް ނޭޓަލް (ވިހެއުމަށްފަހު) މަރުވާ ތުއްތުކުދިންގެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ ހޮސްޕިޓަލުން އަބަދުވެސް ތަހްގީގު ކުރާ ކަމަށެވެ. އަދި އިއްޔެ މަރުވި ތުއްތު ކުދިންގެ މައްސަލަވެސް މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.
ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ މައްސަލަތައް ތަހްގީގު ކުރުމަށްފަހު އާއިލާތަކުން ބޭނުންވާ ނަމަ އާއިލާއާޢި ތަހްގީގީ ރިޕޯޓު ހިއްސާ ކުރާ ކަމަށާއި މިފަދަ ގޮތަކަށް ކުދިން މަރުވުމަކީ މުޅި ހޮސްޕިޓަލަށް ވެސް ލިބޭ ހިތާމައެއް ކަމަށެވެ،
ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އާންމުވަމުން ދިޔަ ޕޯސްޓްތަކުގައި ބުނެފައި ވަނީ އައިޖީއެމްއެޗްގެ ލޭބާ ރޫމަށް ވިހެއި ތިން ކުއްޖަކު މަރުވިއިރު، ލޭބާ ރޫމްގެ މެޝިންތައް ވެސް ހަލާކުވެފައި ހުރި ކަމަށެވެ. އަދި ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް އެ ޕޯސްޓްތަކަށް ކޮމެންޓް ކުރި މީހުން ފާހަގަކޮށް އެ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
އެކަމަކު އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ލޭބާ ރޫމްގެ މެޝިންތަކުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި މައްސަލަ ތަހްގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.