ހަބަރު

ބިދޭސީންގެ ކޯޓާ ދޫކުރާނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްގެން: މިނިސްޓަރު

ކުރިއަށް އޮތް ތަނުގައި ބިދޭސީ މުވައްޒަފުންގެ ކޯޓާ އާއި ވޯކް ޕާމިޓް އިޝޫ ކުރާނީ ޖޮބް ސެންޓަރު ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އުފެއްދި ޖޮބްސެންޓަރު ޕޯޓަލް އިފްތިތާހް ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީފާ ދޭ ފަރާތްތަކުގެ ދަތިތަކެއް ހުރި ކަމުގައިވިޔަސް މިކަން ކުރަނީ އިންޑަސްޓްރީގެ ހުރިހާ ފަރާތެއްވެސް ޝާމިލްވާ ގޮތަށް، އިގްތިސޯދަށް އެންމެ ރަނގަޅު ވާނެ ގޮތަށް ކަމަށެވެ. އަދި ގެނައި ބަދަލުތަކުގެ ސަބަބުން ބައެއް ކަންކަމުގައި ކުރިއަށްވުރެ ދަތިވިޔަސް އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރުމުން ދަތިވާ ފަރާތްތަކާއި ފަސޭހަވާ ފަރާތްތައްވެސް ހުންނާނެ ކަން ފާހަގަ ކުރެއްވި އެވެ.

އަދި ކޯޓާ ދޭނީ، އުސޫލުތަކަށް ބެލުމަށްފަހު އެއަށް އެކަށޭނަ ދިވެހިން ނެތް ކަމުގައިވާނަމަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްޕްލޯޔަރުން ބޭނުންވާ ވަޒީފާތައް މި ސެންޓަރުގައި ޝާއިރު ކުރުމަށްފަހު އަޅުގަނޑުމެން ގެންގުޅޭ އުސޫލުތަކެއްގެ ތެރެއިން އެއަށް ފިޓުވާ ދިވެހި ރައްޔިތުން ނެތް ކަމަށްވާނަމަ ބޭރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދޭނެ" މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މި އަހަރުގެ މާޗް އިން ފެށިގެން ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް އިމިގްރޭޝަނުން ވަނީ ބަދަލުކޮށްފަ އެވެ.

ކޯޓާ އާއި ވޯކް ޕާމިޓް ދިނުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ބިދޭސީންގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު ގަވައިދާ ހިލާފަށް ރާއްޖޭގެ ގިނަ ބިދޭސީންތަކެއް އުޅޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.