ވިޔަފާރި

ޓޫރިޒަމްގެ ކާމިޔާބީއަކީ ކޮރަޕްޝަންގެ އަޑު ކެނޑުން: އިންޑަސްޓްރީ

ސަރުކާރުގެ އެެއް އަހަރު ތެރޭގައި ޓޫރިޒަމް ސިނާއަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ހަމައިން ނެއްޓިފައިވާ، ޓޫރިޒަމް ދާއިރާގެ ކަންކަން ސިސްޓަމެއްގެ ތެރެ އަށް ވަދެ، ކޮރަޕްޝަންގެ އަޑުތައް ކެނޑިގެން ދިއުން ކަމަށް އިންޑަސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓުއާ އޮޕަރޭޓަރު ކުންފުނި ކަމަށްވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތައް ސިސްޓަމެއްގެ ތެރެ އަށް އެޅެމުންދާތަން ފެންނަމުންދާ ކަމަށާ، ހާއްސަކޮށް ކުރިން ގުގުމާލާފައިވާ ކޮރަޕްޝަންގެ އަޑު ކެނޑިގެން ގޮސްފައިވާ ކަމަށެވެ.

"ކުރިން އަބަދު އިވޭނީ ކޮރަޕްޝަންގެ ގޮތުގައޭ މިވެނި ކަމެއް ކުރެވޭނީ. މިހާރު އެގޮތެއް ނެތް. މިހާރު އެބަ އެނގޭ ކަންކަން ކުރަން ޖެހޭ ސިސްޓަމްތަކެއް އެބަހުރިކަން. އެގޮތަށް ކުރީމަ ވާނެކަން. މިއީ އެންމެ ބޮޑު ކާމިޔާބީއަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކާމިޔާބީއާއެކު ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ގިނަ ކަންތަތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ޓޫރިޒަމް ސިނާއަތުގައި އެބަތިބި ވަރަށް ގިނަ ބަޔަކު ހައްގު ގެއްލިފައިތިބި. ކުރިއަށް އޮތް އަހަރު ތެރޭގައި އެކަން ކޮށްދޭން ޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި ޓޫރިޒަމް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ ސަރުކާރު އެއް އަހަރު ތެރޭގައި ޓޫރިޒަމް ސިނާއަތުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިިވާ ކަމަށެވެ.

"އެެންމެ ބޮޑު އެއް ކާމިޔާބީއަކީ ސީއެސްއާރުގެ އުސޫލު ހަރުދަނާ ކުރުން. މިއީ ކުރިން ސިސްޓަމެއް ނެތް ކަމެއް. މި ބަދަލުގެ ސަބަބުން މުޅި ސިނާއަތަށް ފައިދާ ކުރާނެ. މިހާރު ޔަގީންވާނެ ކޮންމެ ވިޔަފާރިވެރިއަކަށްވެސް މިނިސްޓަރު ކައިރިއަށް ދާން ނުޖެހޭނެކަން. ސިސްޓަމްގެ ތެރެއިން ހިދުމަތް ލިބޭނެކަން،" ޖަނާހު ވިދާޅުވި އެވެ.

އެެންމެ ބޮޑު އެއް ކާމިޔާބީއަކީ ސީއެސްއާރުގެ އުސޫލު ހަރުދަނާ ކުރުން. މިއީ ކުރިން ސިސްޓަމެއް ނެތް ކަމެއް. މި ބަދަލުގެ ސަބަބުން މުޅި ސިނާއަތަށް ފައިދާ ކުރާނެ. މިހާރު ޔަގީންވާނެ ކޮންމެ ވިޔަފާރިވެރިއަކަށްވެސް މިނިސްޓަރު ކައިރިއަށް ދާން ނުޖެހޭނެކަން. ސިސްޓަމްގެ ތެރެއިން ހިދުމަތް ލިބޭނެކަން
މުހައްމަދު އަލީ ޖަނާހު

އޭނާ ވިދާޅުވީ މީގެ އިތުރުން ރަށް ދޫކުރުމުގެ ކުރިން ހަދާ ތިމާވެށީގެ ދިރާސާ ހެދުން އީޕީއޭ އަށް ބަދަލު ކުރުމަކީ ވެސް މުހިންމު ހެޔޮ ބަދަލެއް ކަމަށާ، މީގެ އިތުރުން ޓޫރިޒަމް ސިނާއަތަށް ސޭފްޓީ އިންސްޕެކްޝަން ތަކަކީ ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.

"ކުރިން އޮތް ގޮތުން އެންވަޔަރުމަންޓުގެ ކަންތައްތަކުގައި ވަރަށް ގިނަ ގޯސް ހަދާފަ އެބަހުރި. ނަމަވެސް އީޕީއޭ އަށް ބަދަލު ކުރީމަ އެތަނުގައި ތިބި އެކްސްޕާޓުންގެ އެއްބާރުލުމާއެކު އެކަން ކުރި އަށް ދާނެ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ މާކެޓިން ބަޖެޓު ބޮޑު ކުރުމަކީ ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ރާއްޖޭގެ އެނދު އިތުރުވާ ވަރަކަށް އެބަޖެހޭ ހުރިހާ ދިމާލަކުން ރާއްޖެ ފެންނަން. އެހެންވެ، މިއީ ވެސް ބޮޑު ކާމިޔާބީއެއް،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންސްޓްރީ އަށް އޮތް ހަޑިނަން ފަނޑުވުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ.

"ވަރަށް ބައިވަރު ކަންކަން އަދި ކުރަން ޖެހޭ. އެކަމަކު އެންމެ ބޮޑުކަން އެއް އަހަރުތެރޭ މިއީ. ހަޑި ނަން ފަނޑު ކުރެވުން. އެހެންވެ މިއީ އެންމެ ބޮޑު ކާމިޔާބީ،" ނަން ނުޖެހާ ގޮތަށް ވިދާޅުވި އެވެ.